އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހުކުރަން އެދިއްޖެ
އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހުކުރަން އެދިއްޖެ

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނު އަލުން އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު އިސްމާއިލް ހަބީބް އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އިންތިހާބު ބޭއްވޭނީ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބު ކުރިޔަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އީސީން އަންނަނީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ގާތްވާއިރު އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ މައްސަލާގައި ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށްޓަކައި ގާނޫނު ނަމްބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަބީބް އެ ފާހަގަ ކުރައްވަނީ އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާ އެވެ.

ހާއްސަ ގާނޫނުން އިންތިހާބު ބާއްވަން ލާޒިމް ކުރާ މުއްދަތު ގާތްވާއިރު އެ މައްސަލާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރައްކާތެރިކަމާ އެކު އިންތިހާބު ކުރިޔަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އީސީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކުއްލި ހާލަތު އުވާލެވޭނެ ތާރީހެއް ބުނަން އަދި ނޭނގޭ ކަމަށާއި އެ ހާލަތު ނިމުމަކަށް ގެނެސްފި ނަމަ ބަލި ކޮންޓްރޯލް ކުރަން ދަތިވާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.