27 ޑިސެމްބަރ 2020 - 11:19

ލަކުޑި ވިއްކުމުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ލަކުޑީގެ ވިޔަފާރިކުރައްވާ އަދި ލަކުޑި ވިއްކުމުގެ ވިޔަފާރި މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެއްޓެވި އިބްރާހިމް، 65، އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ. އޭނާއަކީ ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.
އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާ އަވަހާރަވެފައިވާ ކަން އެނގުނީ، މިއަދު ހެނދުނު ހޭނުލައްވައިގެން ބެލިއިރު އެވެ.
ލަކުޑި ސޭޓްގެ ބައެއް ރަހުމަތްތެރިން ބުނާ ގޮތުގައި އޭނާއާ ރޭ ވެސް ދިމާވެ ވަރަށް ރަނގަޅަށް ވާހަކަ ދެއްކެވި އެވެ. އަދި އޭނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅަކަށް ވާތީ، ހީނ ސަމާސާކުރައްވާ ހައްދަވައިއުޅުއްވި ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ވަރަށް މުއްސަނދި ނަމަވެސް އިބްރާހިމް ހަސަނަކީ ވަރަށް އާދައިގެ ދިރިއުޅުއްވުމެއް ހޭދަކުރެއްވި ބޭފުޅެކެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެ ޕާޓީ އުފެދުނީއްސުރެ މެމްބަރުކަން ކުރައްވަމުން ގެންދެވި ލަކުޑި ސޭޓް އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެއީ ޕާޓީ އަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ހަސަން އަވަހާރަވިއިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.