ޕޮޗެޓީނޯއާ އެކު އެރިކްސަން ޕީއެސްޖީ އަށް؟
ޕޮޗެޓީނޯއާ އެކު އެރިކްސަން ޕީއެސްޖީ އަށް؟

ޕެރިސް (ޑިސެމްބަރު 27) – ހުސްވެފައިވާ ޕީއެސްޖީގެ ކޯޗުގެ މަގާމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވާނެ ކަމަށް ބެލެވޭއިރު، އޭނާއާ އެކު އިންޓަ މިލާނުގެ ކްރިސްޓިއަން އެރިކްސަން ވެސް އެ ޓީމާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕޮޗެޓީނޯގެ ކޯޗުކަމުގައި އެރިކްސަން ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް 255 މެޗު ކުޅެދީފަ އެވެ. ޓޮޓެންހަމްގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކޮށްފައި ވަނިކޮށް އެރިކްސަން އެ ކްލަބް ދޫކޮށްލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

އެކަމަކު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުގައި އެރިކްސަން ނުހިމެނޭތީ ފުރުސަތެއް ނުލިބެ އެވެ. އިންޓަ އިން ވަނީ ޖެނުއަރީ މަހު އޭނާ ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެގޮތުން އެ ކްލަބުގެ ޑިރެކްޓަރަކު ވަނީ އޭނާ އޮތީ ޓްރާންސްފާ ލިސްޓުގައި ކަމަށް ބުނެފަ އެވެ.

އެރިކްސަން ގެންދަން މަސައްކަތްކުރަމުން އައީ ރިޕޯޓްތައް ބުނާ ގޮތުގައި އާސެނަލުންނެވެ. ހަންގޭރީގެ އެޓޭކިން މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލައީ ނުލިބުމުން އެރިކްސަން ހޯދަން އެ ޓީމުގެ މަސައްކަތް އިތުރުކޮށް އިންޓައާ ވާހަކަތައް ވެސް ބާއްވާފައިވާ ކަމަށްވެ އެވެ.

އެކަމަކު ޕޮޗެޓީނޯ ޕީއެސްޖީއަށް ދާނެކަން ވަރަށް ބޮޑަށް ޔަގީންވުމާ އެކު އެރިކްސަންގެ ކުރިމަގާ މެދު އިތުރު ވާހަކަތަކެއް މިވަނީ ދެކެވެން ފަށާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑެސް އަށް އިންޓަ ޝައުގުވެރިވާތީ ދެ ކުޅުންތެރިން ބަދަލުކުރަން ހުށަހަޅެޅުމުގެ ފުރުސަތު އެބައޮތެވެ.

ޑެންމާކް ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އުމުރުން 28 އަހަރުގެ އެރިކްސަން އަކީ ޔޫރަޕުގެ އެންމެ އުފެއްދުންތެރި މިޑްފީލްޑަރެވެ. ރަނގަޅަށް ކުޅެކުޅެ ހުއްޓާ އޭނާ ޓޮޓެންހަމް ދޫކޮށްލި ސަބަބަކީ ކެރިއަރުގައި ޓްރޮފީތައް ކާމިޔާބުކުރުމެވެ. ޕީއެސްޖީ އަކީ ތަށްޓަށް ވާދަކުރާ ޓީމަކަށް ވާތީ އަދި އެރިކްސަން އެންމެ ގަޔާވާ ކޯޗުގެ އިރުޝާދުގެ ދަށުން އަލުން ކުޅެން ފުރުސަތު ލިބޭނެތީވެ އޭނާ ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.