އިންޑޯ އަށް އެއް ވަނަ، އައިބާ ސެމީ އަށް
އިންޑޯ އަށް އެއް ވަނަ، އައިބާ ސެމީ އަށް

މިހާރު ކުރިއަށްދާ ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ ގްރޫޕް އޭގެ އެއް ވަނަ ހޯދިއިރު، އެ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) ސެމީން ފުރުސަތު ހޯދައިފި އެވެ.

އިންޑޯ ސެމީން ފުރުސަތު ހޯދީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. އިއްޔެ ކުޅުނު މެޗުގައި އިންޑޯ އިން ވަނީ ސައިރިކްސްއާ ދެކޮޅަށް ކުޅުނު ހަތް ގޭމްގެ ތެރެއިން ފަސް ގޭމުން މޮޅުވެފަ އެވެ.

އިންޑޯ މޮޅުވީ ރިޝްވާން ޝިޔާމް އާއި އަހުމަދު ސިފާއުގެ ޕެއާގެ ކުޅުނު ފިރިހެން ޑަބަލްސް އިންނާއި މުހައްމަދު އާކިފް އާއި އައިމިނަތު ނަސީމާގެ ޕެއާ ކުޅުނު މިކްސް ޑަބަލްސް އިން އަދު އާކިފް އާއި ހަސަން ފާކިރުގެ ޕެއާ ކުޅުނު ފިރިހެން ޑަބަލްސް އިންނެވެ. މީގެ އިތުރުން ނަަސީމާ އާއި ނާޒިމާ މުހައްމަދުގެ ޕެއާ ކުޅުނު އަންހެން ޑަބަލްސް އަދި ނާޒިމާ އާއި އިސްމާއިލް ޒުހުރީގެ ޕެއާ ކޫޅުނު މިކްސް ޑަބަލްސް ގޭމުން ވެސް މޮޅުވި އެވެ. ސައިރިކްސް މޮޅުވީ އާސިމާ އަބްދުލް ގާދިރު އާއި މާރިޔާ އަބްދުﷲގެ ޕެއާ ކުޅުނު އަންހެން ޑަބަލްސް އާއި އަންވަރު އިބްރާހިމް އާއި ހުސެއިން ރަމީޒްގެ ޕެއާ ކުޅުނު ފަހު ފިރިހެން ޑަބަލްސް މެޗުންނެވެ.

ސެމީގެ ޖާގަ ހޯދަން މޮޅުވާން މަޖުބާރު މެޗަކަށް ނުކުމެ އައިބާ އިން ވަނީ ކްލަބް ސްޓެޓިކާ ވާދަކޮށް މޮޅު ކުޅުމެއް ދައްކައި ހަތް ގޭމުން ވެސް މޮޅުވެފަ އެވެ.

ފުރަތަމަ ފިރިހެން ޑަބަލްސްގައި އައިބާގެ މުހައްމަދު އަޖުފާން އާއި ޔޫސުފް ނިޔާޒްގެ ޕެއާ ވަނީ 15/09، 15/10 އިން ކްލަބް ސްޓެޓިކްގެ އަހުމަދު އައިމަން އާއި އަހުމަދު ރައުފްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަަތަމަ އަންހެން ޑަބަލްސްގައި އައިބާގެ އައިޝަތު އަފްނާން ރަޝީދު އާއި ބްރިލް އޭން ރެޔެސްގެ ޕެއާ އިން ވަނީ 15/10، 15/09 އިން ސްޓެޓިކްގެ އައިޝަތު ޝަރީފް އާއި ޝަފާތު އަހުމަދު ޒާހިރުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި އައިބާގެ އަފްނާން އާއި އަބްދުﷲ ފިޔާޒްގެ ޕެއާ މޮޅުވީ ސްޓެޓިކްގެ މޫސާ މަންސޫރާއި މަލީހާ ޖަމީލްގެ ޕެއާ އަތުންނެވެ. އެއީ 15/06، 15/05 އިންނެވެ.

ފިރިހެން ޑަބަލްސް ދެ ވަނަ މެޗުގައި އައިބާގެ ސަތަރްސަން ރަވިންދްރަން އާއި ނިޔާޒްގެ ޕެއާ ވަނީ ސްޓެޓިކްގެ އާސިފް އާދަމް މަނިކާއި އަބްދުﷲ ޒުހުރީގެ ޕެއާ 15/08، 15/12 އިން ބަލިކޮށްފަ އެވެ. އަންހެން ޑަބަލްސް ދެ ވަނަ މެޗުގައި އައިބާގެ މާޝާ ރަޝީދު އާއި ބްރިލް އޭން ރެޔެސްގެ ޕެއާ ވަނީ ސްޓެޓިކްގެ ލީނާ އަހުމަދާއި މަލީހާގެ ޕެއާ 15/08، 15/05 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި އަޖުފާން އާއި ހަޝްމާ ހަމީދުގެ ޕެއާ ވަނީ 15/10، 15/08 އިން ސްޓެޓިކްގެ ޒުހުރީ އާއި އައިޝަތު ޝަރީފްގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ފިރިހެން ޑަބަލްސް ގޭމުން އައިބާގެ ސަތަރްސަން އާއި ފިޔާޒްގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ސްޓެޓިކްގެ އާސިފް އާއި އަބްދުﷲ ރަޝީދުގެ ޕެއާއާ ދެކޮޅަށް ކުޅުނު މި ގޭމްގެ ސެޓުތައް ދިޔައީ 15/11، 12/15 އަދި 11/10 އިންނެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ ފަހު މެޗުތަކެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދާފައިވަނީ ރިވައިވަލް ސްޕޯޓްސް އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ ކްލަބް ސްކޯ (ސީއެސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.