737 މެކްސް: ބޯޓުތަކަށް އަނެއްކާވެސް މައްސަލަ!
737 މެކްސް: ބޯޓުތަކަށް އަނެއްކާވެސް މައްސަލަ!

މޮންޓްރިއަލް (ޑިސެމްބަރު 27) - އެއާ ކެނެޑާގައި ބޭނުންކުރާ ބޯއިން 737 މެކްސްގެ މަތިންދާ ބޯޓެއްގެ އިންޖީނަށް ޖެހުނު މައްސަލައަކާ ގުޅިގެން ޝެޑިއުލްކޮށްފައި ނުވާ މަންޒިލަކަށް ޖައްސަން ޖެހިއްޖެ އެވެ.

އެއާ ކެނެޑާ އިން ބުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑައިވާޓް ކުރަން ޖެހުނު އިރު އެއީ އެމެރިކާގެ އެރިޒޯނާ އިން ކެނެޑާގެ މޮންޓްރިއަލް އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ބޯޓެއް ކަމަށެވެ. ބޯޓުގައި ދަތުރު ކުރަމުން ދިޔައީ ތިން ފަޅުވެރިން އެކަންޏެވެ.

އެއާ ކެނެޑާ އިން ބުނެފައި ވަނީ ބޯޓުގެ އިންޖީނަކަށް ނޮޓިފިކޭޝަނެއް ލިބުމާ ގުޅިގެން ޕައިލެޓުން ވަނީ އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)އާ އެއްގޮތަށް އަމަލުކޮށްފައި ކަމަށެވެ. ޕައިލެޓުން ނިންމީ މައްސަލަ ރިޕޯޓްކުރި އިންޖީނު ނިއްވާލުމަށް ފަހު، ރޫޓް ބަދަލުކޮށް، އެރިޒޯނާގެ ޓޫކްސަންގައި ބޯޓު ޖެއްސުމަށެވެ.

ބޯއިން 737 މެކްސްގެ ބޯޓުތައް 2019 ވަނަ އަހަރު ގްރައުންޑް ކުރަން ޖެހުނީ ގާތްގާތުގައި އެ މަރުކާގެ ބޯޓުތަކެއް ވެއްޓުމާ ގުޅިގެންނެވެ. އިންޑޮނީޝިއާ އަށް 737 މެކްސްގެ ބޯޓެއް ވެއްޓުނުތާ ފަސް މަސް ފަހުން ވަނީ އިތިއޯޕިއާ އަށް ވެސް އޭގެ ވޯޓެއް ވެއްޓިފަ އެވެ. އެ ދެ ހާދިސާގައި ވަނީ 346 މީހުން މަރުވެފަ އެވެ. މެކްސް 737 ގެ ބޯޓުތަކަށް މައްސަލަ ދިމާވެ ނޯޒްޑައިވަކަށް ދަނީ އޮޓޮމެޓިކް ފްލައިޓް ސޮފްޓްވެއާއެއް ކަމަށްވާ އެމްސީއޭއެސްގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. ދެ އެކްސިޑެންޓަކަށް ފަހު ބޯއިން އިން ވަނީ ފްލައިޓް ކޮންޓްރޯލް ސޮފްޓްވެއާ އަޕްޑޭޓްކޮށްފަ އެވެ.

ބޯޓުތަކުގެ އޯވަހޯލެއް ކުރުމަށް ފަހު އަލުން ދަތުރުތައް ފަށާފައި ވަނީ މި މަހު އެވެ. މީގެ ތިން ހަފުތާ ކުރިން ބްޒެޒިލް އިން ވަނީ 737 މެކްސްގެ ޕަސިންޖަ ފްލައިޓްތައް ވެސް ފަށައިފަ އެވެ.