ޔޫކޭއިން އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި
ޔޫކޭއިން އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި

ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނި ކޮވިޑްގެ އެ ބާވަތް ބާރަށް ފެތުރެމުންދާ އިނގިރޭސިވިލާތުގައި 12 ގަޑި އިރަށް ވުރެ ގިނައިރު ހޭދަކޮށްފައި އަންނަ ދިވެހިންނާއި، ވޯކް ވިސާގައި އަންނަ ބިދޭސީން ރާއްޖެއަށް އައުމަށް ފަހު 10 ދުވަހަށް ކަރަންޓީނުކުރާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ބޭރުމީހުން 10 ދުވަހަށް ކަރަންޓީނުކުރުމުގެ އިތުރުން، އެ މީހުން ރާއްޖެއަށް އަންނަތާ ފަސް ދުވަހަށް ފަހު ކޮވިޑަށް ޓެސްޓްކުރާނެ ކަމަށާއި އޭގެ ފަހުން އަނެއްކާ 10 ދުވަހަށް ފަހު ވެސް ޓެސްޓްކުރާނެ ކަމަށެވެ.

މިގޮތަށް ގަވައިދު ބަދަލުކުރި އިރު ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނު ނުކުރާ ގޮތަށް ބަދަލުކުރީ ވަރަށް ފަހުންނެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓް ޔޫރަޕްގެ އެހެން ބައެއް ގައުމުތަކަށް ވެސް ވަނީ ފެތުރިފަ އެވެ. އެ ވޭރިއަންޓުގެ ނުރައްކާ ބޮޑީ ފެތުރޭލެއް ހަލުވިވެފައި ކޮންޓްރޯލް ކުރަން އުނދަގޫވުމުންނެވެ. އެ ވޭރިއަންޓުން ރައްކާތެރިވުމަށް ރާއްޖޭން ފިޔަވަޅެއް އަޅާފައި މިވަނީ ގިނަ ގައުމުތަކުން ފިޔަވަޅު އެޅިތާ ދުވަސްތަކެއް ފަހުންނެވެ. އިނގިރޭސިވިލާތަށް ދަތުރުކުރުން ވެސް ބައެއް ގައުމުތަކުން މިހާރު ވަނީ މަނާކޮށްފަ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 36 ފަސްމީހެކެވެ. އެއީ މާލެ ސަރަހައްދުން 35 މީހަކާއި މީހުން އުޅޭ އެހެން ރަށަކުން އެކަކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މާލޭގައި އޮތް ކައިވެނި ޕާޓީއަކަށް ދިޔަ 35 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ޕާޓީއަށް ދިޔަ 100 އަށް ވުރެ ގިނަ މީހުން ފާހަގަކޮށް އައިސޮލޭޓްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ޕާޓީއަށް ދިޔަ މީހުންގެ އަދަދު ގާތްގަނޑަކަށް 120 އަށް އަރާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ އެކު މާލޭ ސަރަހައްދުގައި މިހާރު ވަނީ، ކޮވިޑާ ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 13,618 އަށް އަރާފައި ވާއިރު މި ފަހުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13,026 މީހަކު ރަނގަޅުވެފައި ވާއިރު 48 މީހަކު ވަނީ މަރުވެފަ އެވެ.