27 ޑިސެމްބަރ 2020 - 07:54

ބުދަ ދުވަހާ ގުޅޭ
ޒިޔާނަށް ފެނުނީ މަނާރަތު ނޫންކަން ޔަގީންވީމައެވެ. އެކަމަކު މަނާރަތު ނިދިޔަދޭކަށް ޒިޔާންގެ ލާނެތް ހިތް ބޭނުމެއް ނުވިއެވެ. އަނެއްކާ ވެސް މެސެޖެއް ލިޔެލިއެވެ.
"ދެން ނިދާނެ ކަމެއް ނެތް!" ޒިޔާން ލިޔުނެވެ. "ހޭލާ! މި ދަނީ ތި ގޭ ދޮށަށް."
ޒިޔާން އެހެން ބުނީ ކޮންމެހެން މަނާރަތުގެ ގެ ކައިރިއަށް ދާކަށް ނޫނެވެ. ޒިޔާންގެ ވިސްނުން ހުރީ ޒިޔާންގެ ގެޔަށް ދާށެވެ. އަވަހަށް ނިދަން އޮށޯންނާށެވެ.
"ނާންނާތި!" މަނާރަތު ލިޔުނެވެ. "ދެން އަހަރެން ޖަވާބެއް ނުވެސް ދޭނަން. ފޯނު ސައިލެންޓަށް ލާފަ މި ނިދަނީ. ގުޑްނައިޓް!"
ޒިޔާންގެ ހިޔާލު ބަދަލުވީ އެ ހިސާބުންނެވެ. އަމިއްލަ ގެއަށް ދިޔުމުގެ ބަދަލުގައި ޒިޔާން ދިޔައީ މަނާރަތުގެ ގެ ކައިރިޔަށެވެ. މަގުމަތީގައި ހުންނަ އިރު މަނާރަތުގެ ކޮޓަރީގެ ކުޑަދޮރު ފެންނަން ހުރެއެވެ. ކުޑަދޮރަށް ބަލަހައްޓައިގެން ހުރެ މަނާރަތަށް ޒިޔާން ގުޅިއެވެ. މަނާރަތު ޖަވާބެއް ނުދިނެވެ. އެތައް ފަހަރަކު ޒިޔާން ގުޅުމުން ވެސް މަނާރަތު ފޯނެއް ނުނެގިއެވެ. ޒިޔާން މެސެޖެއް ލިޔުނެވެ.
"މިރޭ ދެން ގެއަށް ދާނީ މަނާ ދެކިލާފަ،" ވަރަށް ހިނިއައިސްގެން ހުރެ ޒިޔާން މެސެޖު ލިޔުނެވެ. "އެންމެ ފަހަރަކު ވިންޑޯ ހުޅުވާފަ ބަލައިލާ! ހަމަ އެންމެ ފަހަރަކު."
މަނާރަތުގެ ޖަވާބެއް ނައެވެ. ޒިޔާން ސައިކަލުގެ އިންޖީނު ނިއްވައިލިއެވެ. ގޮތުގައި ހުންނަން ހިފައިފިއްޔާ ޒިޔާނަކީ ވެސް ގޮތް ދޫކުރާ މީހެއް ނޫނެވެ.
"އިރުއެރިޔަސް މަނާ ނުފެންނަނީހެއް ގެޔަކަށް ނުދާނަން،" ޒިޔާން ލިޔުނެވެ. "އެނގިދާނެތާ!"
ޖަވާބެއް ނައިސް ފަންސަވީހަކަށް މިނެޓު ވެއަތުވިއެވެ. އެއަށް ފަހު މަނާރަތުގެ ޖަވާބެއް އައެވެ.
"ތިހާ ބޯހަރުވާކަށް ނުވާނެ،" މަނާރަތު ލިޔެފައި އޮތެވެ. "ވިންޑޯ ސްޓަކުވެފަ ހުރީ ވެސް. ދެން ދޭ ގެއަށް. ޕްލީޒް!"
ޒިޔާނެއް ނުދިޔައެވެ. ސައިކަލުން ފޭބިއެވެ. މަނާރަތުގެ ކޮޓަރީގެ ކުޑަދޮރު ފެންނާނެހެން ފާރުގައި ލެނގިލިއެވެ.
"ވިންޑޯއަށް ބަލަން މިހިރީ!" ޒިޔާން ލިޔުނެވެ. "ހީވަނީ ވާރޭ އަންނަން އުޅޭހެން. ހެޔޮތަ އަހަރެން ތެމުނަސް؟"
ޒިޔާން އުންމީދުކުރީ ކޮންމެ ވަގުތަކު ވެސް ކުޑަދޮރު ހުޅުވައިލަފާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. ނުވާ ތާކަށް ދެން މަނާރަތުގެ މެސެޖެއް ވެސް ނުލިބުނެވެ. ޒިޔާން ގުޅި އިރު މަނާރަތުގެ ފޯނު އޮތީ ނިއްވައިލައިފައެވެ. ޒިޔާން ބުނި ފަދައިން އިރުއަރަންދެން ޒިޔާން އެ ތާކު ނުހުރެއެވެ. ގެއަށް ގޮސް ނިދީއެވެ. އެހެނަސް މަނާރަތު ކަންތައް ކުރި ގޮތް ޒިޔާނަކަށް ކަމަކުނުދިޔައެވެ.
ހެނދުނު މަނާރަތު އޮފީހަށް އައީ ދިހައެއް ޖަހަނިކޮށެވެ. އޭރު ޒިޔާން އިނީ، ކުރީ ދުވަހު ނިންމައިލި ވޭދަނައިގެ ހުލާސާ ރިޕޯޓު ލިޔާށެވެ. މަސައްކަތާ ކުޑަކޮށް ގަޔާނުވެފައެވެ. އެހެން އިންދައި އަހުސަން ވަން ތަން ފެނުނެވެ. އަހުސަންގެ މޫނުމަތިން ޒިޔާނަށް ފެނުނީ ފޫހިކަމެވެ. ހިތްހަމަނުޖެހުމެވެ. ކިހިނެއްހޭ ވީ ޒިޔާން ސުވާލުކުރީ ޒިޔާންގެ ބޮލާއި ލޮލުގެ އިޝާރާތުންނެވެ.
"ބޮސް ސަޔެއް ދީފި!" މޭޒުކައިރީގައި އިށީންނަމުން އަހުސަން ބުންޏެވެ. "ހީވަނީ އެނދުގެ ނުބައި ފަޅިން ފޭބި ދުވަހެއްހެން."
މަނާރަތު އައިކަން އެނގުމާއެކު، ފައިލު ހިފައިގެން ޒިޔާން ނުކުތެވެ. މަނާރަތު އިންނަ ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިފައި، ވިސްނައިލައިފައި ޓަކިޖަހައިލިއެވެ. އަދި ދޮރު ހުޅުވައިލިއެވެ. މަނާރަތު އިނީ ލެޕްޓޮޕުން މަސައްކަތެއް ކުރާށެވެ. ޒިޔާން ފެނުމުން ހިނިތުންވެލިއެވެ. ޒިޔާން ހިނިތުންވުން ރައްދެއް ނުކުރެއެވެ. ފައިލު ހިފައިގެން ޒިޔާން އައީ ރަސްމީ ހިނގުމެއްގައެވެ. ދަށުން މަސައްކަތްކުރާ މުވައްޒަފަކު ވެރިޔެއް ކައިރިއަށް އަންނާނެ ގޮތަށެވެ. މޭޒު ކައިރިއަށް ހުއްޓިފައި މަނާރަތަށް ޒިޔާން ސެލިއުޓް ވެސް ނެގިއެވެ. މަނާރަތުގެ މޭޒުމަތީގައި ފައިލު ބޭއްވިއެވެ. އަދި ރަސްމީކޮށް ހުއްޓިލައިގެން، ދުރަށް ބަލަހައްޓައިގެން މަނާރަތުގެ އަމުރަކަށް އިންތިޒާރުކުރިއެވެ. ޒިޔާން ހިނިތުންވެފައި ވާހަކަދައްކާނެ ކަމަށް އުންމީދުކޮށްގެން އިން މަނާރަތަށް ލިބުނީ ހައިރާންކަމެކެވެ.
"ހިނގާ ކޮފީއެއް ބޯލަން." މަނާރަތު އެދުނެވެ.
"ނޯ ތެންކިޔޫ މޭމް!" މަނާރަތާ ދިމާއަށް ނުވެސް ބަލާ ޒިޔާން ބުންޏެވެ.
"މޭމްއޭ؟" މަނާރަތަށް ބުނެވުނެވެ. "އަހަންނަކަށް މޭމް ކިޔާނެ ކަމެއް ނެތް. އިށީނދެބަލަ!"
ޒިޔާނެއް ނީށީނެވެ. ޖަހައިފައި ހުރި ތަނބެއްހެން ހުރީއެވެ.
"އިޓްސް އެން އޯޑަރ!" ތަންކޮޅެއް ބާރަށް މަނާރަތު ބުންޏެވެ.
އަމުރަށް ތަބާވުމުގެ ގޮތުން ޒިޔާން އިށީނެވެ. އެކަމަކު އިންނަނީ ކަށްޓެއްހެންނެވެ. ރަސްމީކޮށެވެ. އެއީ މަނާރަތު ދެކެން ބޭނުންވާ ޒިޔާނެއް ނޫނެވެ.
"އަހަންނަށް އެނގޭ ޒިޔާން ރުޅިއައިއްސަކަން ތީނީ،" ކަމެއް ގޯސްކޮށް ކުރެވުނުކަން ގަބޫލުކުރާ ކަހަލަ ރާގެއްގައި މަނާރަތު ބުންޏެވެ. "ސޮރީ! އަސްލު، ނިދާ ގަޑީގަ ގުޅީމަ އަހަރެން ފޯނަށް ރިޕްލައި ނުވެސް ކުރަން. އަންލެސް އާޖެންޓް! އެކަމަކު ޒިޔާން ގުޅީމަ މެސެޖުތަކަށް ރިޕްލައި ކުރީ ވެސް. ޒިޔާން ނުޖެހޭ އެހާ ބޯހަރުވާކަށް. ވިންޑޯ ޖޭމްވެފަ ހުރީމަ.."
"ކުޑަކުދިން ގާތު ދައްކާ ކަހަލަ ވާހަކަ ނުދައްކާ!" މަނާރަތަށް ނުބަލައި، ހިތްހަމަނުޖެހިފައި ޒިޔާން ބުންޏެވެ.
"އެހެންވިއްޔާ ޒިޔާން ވެސް ބޮޑުމީހެއް އުޅޭހެން އުޅެން ދަސްކޮށްބަލަ!" ވިސްނައިދޭ ރާގެއްގައި މަނާރަތު ބުންޏެވެ. "އަހަރުމެންގެ ރޯމިޔޯ އެންޑް ޖޫލިޔަޓް ނޫނީ ރެޕަންޒަލް ކުޅޭ އޭޖު މިހާރު ހިނގައްޖެއްނު! އަހަރެން ބުނެފިން ސޮރީއޭ ވެސް. ދެން ޒިޔާން އުންމީދު ނުކުރާތި ޓީނޭޖެއްހެން އަހަރެން ރޮއިރޮއިފަ ވާހަކަދައްކާނެ ކަމަށް. ފޮގެޓް އިޓް! މަ އުޅޭ ވައްތަރެއް ނޫން އެއީ."
މަނާރަތު ދެއްކި ވާހަކަތައް ޒިޔާނަށް ގަބޫލުކުރެވެއެވެ. ޒިޔާނަށް އެންމެ ފުރަތަމަ މަނާރަތު ފެނުނީ ޒިޔާން ފުލުސްއޮފީހުގެ ވަޒީފާއަށް ނުކުތް ދުވަހުއެވެ. ފުރަތަމަ ފެނިފައި ވެސް މަނާރަތުގެ ހުންނަ ޖެހިލުންކުޑަ ސިފަ ޒިޔާނަށް ކަމުދިޔައެވެ. ވެރިޔެއްގެ ކިބައިގައި ހުންނަން ޒިޔާން އެންމެ ބޭނުންވާ ސިފަޔަކީ އެއީއެވެ. އެކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނާ ދިމާއަށް، ކޮންމެހެން ބުނަން ޖެހޭ އެއްޗެއް މަނާރަތު ބުނެލާ ރާގާއި ބޭނުންކުރާ ބަހުރުވަޔަށް، ހިތާހިތުން ޒިޔާން ސެލިއުޓުކުރިއެވެ. އެހެނަސް ޒިޔާނަކީ މީހުންނަށް ހުޝާމަދު ކުރާނެ މީހެއް ނޫނެވެ. މީހެއްގެ ނެތް ހުނަރަކަށް ތައުރީފުކުރާނެ މީހެއް ވެސް ނޫނެވެ. ހައްގު މިންވަރަށް ވުރެ ބޮޑަށް ސަނާކިޔާނެ މީހެއް ވެސް ނުމެ ނޫން މެއެވެ. އޭގެ ސަބަބުން ވަޒީފާގެ ކުރިއެރުން ނުލިބުނަސް ޒިޔާނަށް ފަރުވާލެއް ނެތެވެ. ޒިޔާން ކުރިޔަށް ދާން ބޭނުމީ މަސައްކަތާއި ހުނަރުގެ ގާބިލުކަން ދައްކައިގެންނެވެ. ވެރިންނަށް ވައިޖަހައިގެނެއް ނޫނެވެ.
"ހިނގާ ކޮފީއަށް." ޒިޔާން ގޮތް ދޫކުރިއެވެ.
ޒިޔާނަކީ ހުނަރުވެރި ޒުވާނެކެވެ. ވަޒީފާގެ ޒިންމާތައް ރަނގަޅަށް ދަންނަ، ކަންކަން ކުރަން އެނގޭ މުވައްޒަފެކެވެ. ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ޓަކައި ލެބޯޓަރީއަށް ގެނެވޭ ސުންކުތައް ލައްވައި ވާހަކަދައްކަން ޒިޔާން ދަނެއެވެ. ލޯތަކަށް ފަރުދާވެފައި ހުންނަ ހެކިތައް ބޭރަށް ފާޅުކުރުމަކީ ޒިޔާންގެ ކިބައިގައި ހުންނަ އާދަޔާހިލާފު ހުނަރެކެވެ. ވަޒީފާއަށް ނުކުތްތާ މަދު ދުވަސްކޮޅެއް ތެރޭގައި ރޮދިފަށަކާއި، އިސްތައްޓަކާއި، ނިޔަފައްޗެއްގެ އެތިކޮޅަކުން ކުށްވެރިއެއްގެ ކުށް ޒިޔާން ސާބިތުކޮށްދިނެވެ. ގާނޫނުގެ ކުރިމައްޗަށް ކުށްވެރިޔާ ގެނެސްދިނުމުގައި ޒިޔާން ކުޅެން ފެށި ދައުރަކީ، ފޮރެންޒިކު ޑިޕާޓުމަންޓާއި މުޅި މުވައްސަސާ ވެސް ފަހުރުވެރި ކޮށްދިން ކަމެކެވެ. ފުލުހުންގެ ގާބިލުކަމަށް ރައްޔިތުންގެ އިތުބާރު ހޯދައިދީ، ވެރިންގެ ހިތްތަކުން ޒިޔާން ޖާގަ ހޯދިއެވެ. ޒިޔާނަށް ހަވާލުކުރާ ކޮންމެ ވޭދަނައަކީ ޑިޕާޓުމަންޓުގެ ކާމިޔާބަށް އިތުރުވާ ބޮޅަކަށް ވިއެވެ.
ނޫސްތަކުގެ ފަލަ ސުރުހީން ސަރުކާރަށް ތައުރީފު އޮހެން ފެށިއެވެ. ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީ ވެސް ފޮރެންޒިކަށް ސަނާކިޔަން ފެށިއެވެ. ގާނޫނުގެ ފުރޭނީގެ ގޮޅިތައް ކުދިވެއްޖެކަމާއި، ކުށްވެރިން ގޮޅީގައި ހަރުލާ ވާހަކަ، ތުންތުންމަތިން ވެސް އާންމު ވެއްޖެއެވެ. ތަނުގައި ބާއްވާ ބައްދަލުވުންތަކާއި، އޮފިސަރުންގެ ކޮފީމޭޒުގައި އެ ވާހަކަ ދެކެވެން ފަށައިފިއެވެ.
ޑިސެންބަރު މަހެއްގަ ހަތާވީސް ވަނަ ދުވަހެވެ. އިރުގެ އަލިކަން މާލެތެރެއަށް ފެތުރިގެން ދިޔަ ވަރަށް ވުރެ ހަލުވިކޮށް ރަށުތެރެއަށް ހޫނު ޚަބަރެއް ފެތުރިގެން ދިޔައެވެ. ޝަހީދު އަބްދުﷲ ޒުހެއިރު ހިނގުމުގައި ހުރި ކާނެއް ތެރެއިން ހަތިޔާރުތަކެއް ފެނުނު ޚަބަރެވެ. އެއީ މުލިއާގޭ ހުޅަނގު މަގެވެ. މުލިއާގެއަކީ އޭރު ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ގެކޮޅެވެ. އެ ފަދަ ހައްސާސް ސަރަހައްދަކުން ތިން ފިސްތޯލައާއި، އޭކޭ ފޯޓީ ސެވަން ބަޑިއަކާއި، ފަސް އަތުބޮމާއި، ގިނަ އަދަދެއްގެ ގޮވާ ތަކެތި ފެނުމުން މުޅި ރާއްޖެ ހައިރާންކުރުވިއެވެ. ފެން ނުވަންނަ، ފެންވަރު ރަނގަޅު ދަބަހެއްގައި އެ ތަކެތި ކާނުގައި ރައްކާކުރީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ މުލިއާގެ ވަށައިގެން ސީސީޓީވީ ކެމެރާ ހުރެއެވެ. ހަތިޔާރު ފޮރުވި ބަޔަކު އެ ކަން ކުރި މަންޒަރު ކެމެރާއަށް ނާރާނެ ގޮތަކީ ނެތް ގޮތެކެވެ.
ފެނުނު ހަތިޔާރުތަކާ ވާހަކަދައްކަން ހަވާލުކުރީ، ކަން ކުރެވޭނެ ކަމަށް ފޮރެންޒިކު ޑިޕާޓުމަންޓުގެ ގިނަ ބަޔަކު ގަބޫލުކުރާ މީހާއަށެވެ. ޒިޔާނަށެވެ. ޒިޔާން ވެސް ހުރީ އެ ކަމަށް އުންމީދުކޮށްގެންނެވެ. އެކަމަކު ޒިޔާނަށް މަސައްކަތް ހަވާލުކޮށްފައި އަލުން ޒިޔާން އަތުން މަސައްކަތް ނެގިއެވެ. އެހެން މުވައްޒަފަކާ ހަވާލުކުރިއެވެ. އެ ވީ ގޮތެއް ޒިޔާނަކަށް ނުވިސްނުނެވެ. ޑިޕާޓުމަންޓުގެ އެންމެ އެތެރޭގައި ހިނގާ އެ ފަދަ ކަންތައްތަކަކީ ނޫސްވެރިންނާއި އާންމުންނަށް އެނގޭ ކަންކަމެއް ނޫނެވެ. ސުވާލު އުފައްދާނެ ކަންކަމެއް ވެސް ނޫނެވެ. އެހެނަސް އެ ސުވާލު ނުއުފައްދައި ޒިޔާނަކަށް ނުހުރެވުނެވެ.
މަނާރަތު ބޭނުން ވެގެން ޒިޔާން ސައިކަލު ދުއްވައިލަން ދިޔަ ރެޔެކެވެ. އެ ގޮތަށް ދާ އިރު މަނާރަތު އަބަދުވެސް ޝަރުތެއް ކުރެއެވެ. ވީހާ ވެސް ފަނޑުކޮށް ދިއްލައިފައި ހުންނަ މަގުމަގުން ސައިކަލު ދުއްވުމެވެ. އޭގެ ސަބަބެއް ކަމުގައި މަނާރަތު ބުނަނީ ޒިޔާންގެ ކައިވެންޏަށް ހިރަފުސް ބުރިޔަ ނުދިނުމެވެ. ޒިޔާންގެ އާއިލާ ރޫޅުނަ ނުދިނުމެވެ.
"މަނާ ކޮންމެ ކަމެއް ވެސް ކުރަނީ އަހަންނަށް ރަނގަޅަކަށް،" މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ޒިޔާން ބުންޏެވެ. "އޯކޭ! އަހަރެން ގަބޫލުކުރަން. ތެންކްސް. އެކަމަކު އެންމެ ފަހުން މި އައި ކޭސްގެ އެވިޑެންސް އަހަންނާ ހަވާލުކޮށްފަ އަލުން އެހެން މީހަކަށް ދިނީ ކީއްވެ؟ އަހަރެން މިހިރީ ވަރަށް ފޫހިވެފަ!"
ނުނިމޭ