މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ
މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ
މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ

މި ނަތީޖާއާ އެކު ލީގުގެ ކޮންމެ ޓީމެއް ތިން މެޗު ކުޅުނުއިރު މާޒިޔާ އާއި ވެލެންސިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މިރޭގެ ނަތީޖާ އެކު ލީގުގެ ތިން ވަނަ ހަފްތާގައި ކުޅުނު ހަތަރު މެޗު ވެސް ނިމިފައިމިވަނީ އެއްވަރުވެގެންނެވެ. މިއީ ފަހަކަށް އައިސް އެއް ހަފްތާއެއްގެ ހުރިހާ މެޗެއް އެއްވަރުވެގެން ނިމުނު ފުރަަތަމަ ފަހަރެވެ.

މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ
މާޒިޔާ އާއި ވެލެންސިއާ އެއްވަރުވެއްޖެ

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ދެ މިނިޓް ތެރޭ މާޒިޔާ އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ފުރަތަމަ މިނިޓްގައި މުހައްމަދު އުމެއިރު ބޮލުން ޖައްސާލި ބޯޅައެއް އޭރިއާ ތެރޭގައި ހުސްކޮށްހުރި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހުމުން ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ފައިން މަތަކޮށްވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން އުމެއިރު ހުރަސްކޮށްދިން ބޯޅައިން މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ބޯޅަ ޗެކް ވަނީ ހުއްޓުވައިފަ އެވެ.

ދެ ޓީމުން ވެސް މެދުތެރެއިން މާ ބޮޑަށް ބޯޅަ ހިފެހެއްޓުމެއް ނެތި ޖާގަ ހޯދައިގެން އެޓޭކްކުރަން މަސައްކަތްކުރަމުންދިޔައިރު، މާޒިޔާ ޑިފެންޑަރުން ދިޔައީ ވެލެންސިއާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފަހަތުން ޖާގައެއް ލިބުނަނުދީ އޭނާ މާކްކޮށްގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު މެޗުގެ 17 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ބާރަށް ތިރިން ފޮނުވާލުމުން މާޒިޔާގެ ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލުތަކެއް ފެނުނުއިރު، އިދިކޮޅު ޓީމަށް މާ ބޮޑު ފުރުސަތުތަކެއް ލިބުނަނުދީ ދެ ޓީމުން ވެސް ކުޅުނީ ފަހަތަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. މި ހާފުގެ ފަހު ހަމަލާ ފޮނުވާލީ އަސަދުﷲ އެވެ. އުމެއިރު މެއިން ކޮންޓްރޯލްކޮށްލި ބޯޅަ އޭރިއާ ބޭރު ރޮނގުކައިރިން ކަހަލަ ގޮތަކަށް އަސަދުﷲ އެއް ފަހަރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގައި ވަނީ އަނިޔާގެ ސަބަބުން ހަސަން ޝިފާޒް (ޑުންގާ)ގެ ބަދަލުގައި މޫސާ ޔާމީން (ޔާމްބެ) ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުރިއަށް ވުރެން އެޓޭކަށް ވިސްނަައިގެން ކުޅެން ފެށި އެވެ. މެޗުގެ 52 ވަަނަ މިނިޓްގައި ހަސަން ސުފިއާން (ސޫފީ) ޖެހި ބާރު ބޯޅަ ކީޕަރު ނިކޮލަ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

އޭގެ ފަހުން ދެން އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ނުކުތް ދެ ކުޅުންތެރިންނަށެވެ. މާޒިޔާގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ޖެހި ބޯޅަ ވެލެންސިއާ ކީޕަރު ޗެކް އަތަށް ނެގިއިރު، ވެލެންސިއާގެ އަހުމަދު އިމާޒް (އާއްކޮ) ޖެހި ބޯޅައިގައި އެއްވެސް ބާރެއް ނެތްއިރު އެ އަމާޒުވީ ކީޕަރު ނިކޮލަ އަތަށެވެ.

މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފަހު 15 މިނިޓަށް ކުޅެން އަރައި ވެލެންސިއާ އޭރިއާ ތެރެއިން ޖާގައެއް ހޯދައި ޓީމުގެ އެހެން ކުޅުންތެރިއަކަށް ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދޭން މަސައްކަތްކުރި ނަމަވެސް ވެލެންސިއާ ޑިފެންޑަރުން ވަނީ އެ ބޯޅަތައް ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ކުރިން ވެސް ބެލެވުނު ގޮތަށް މިއީ ވަރަށް ޗެލެންޖިން މެޗެއް ކަމަށާއި ވެލެންސިއާ އަދި ވަރުގަދަ ޓީމެއްގެ ގޮތުގައި ބަލައިގަންނަން އެ ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށާއި ހާލަތުގެ ގޮތުން މި ޕޮއިންޓަކީ މި ވަގުތަށް މާޒިޔާ ކައިރިން މޮޅެއްގެ ގޮތުގައި ދެކެވިދާނެ ކަމަށެވެ.

"ލީގަކީ ރަނގަޅު ކޯޗެއް ނޫނީ ރަނގަޅު މެނޭޖްމަންޓެއް ވިއްޔާ ވިސްނާނީ އެންމެ މެޗަކަށް ނޫން މުޅި ލީގަށް. އެގޮތަށް ވިސްނާއިރު މި މެޗުން ބަލިނުވެ ނޫނީ މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް. މުޅި ލީގަށް ވިސްނާއިރު އެ ކަހަލަ ގޮތަކަށް ކުޅޭނީ،" އާތީ ބުންޏެވެ. "ކުޅުންތެރިން ވަރަށް ގަދައަޅާ މަސައްކަތްކުރި ވިން އެއް ނޫނީ ޑްރޯއެއް ހޯދަން. ވެލެންސިއާ އަށް (މިވަގުތަށް) ވިން އެއް މާޒިޔާ ކައިރީ ޑްރޯ އަކީ،"

އާތީ ބުނީ ލީގުގެ ފުރަތަމަ ބުރު ނިމި ދެ ވަނަ ބުރާ ހިސާބަށް ދާއިރު ވެލެންސިއާ އެންމެ ބޭނުންވާ ލެވަލަށް ކުޅޭނެ ކަމުގެ އުއްމީދު މި މެޗުން އާ ވެގެން ގޮސްފި ކަމަށެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ޓީމުން ކުޅުނީ ގޭމްޕްލޭނާ އެއްގޮތަކަށް ނޫން ކަމަށާއި އެ އަށް ވުރެން ބޮޑަށް އިދިކޮޅު ޓީމުން ކުޅޭ ގޮތަށް ސަމާލުވެގެން ކުޅުނީ ކަމަށެވެ.

"މިހެން ވެދާނެ ކޮމްޕެޓިޓިވް މެޗުތަކެއް މިހެން ކުޅެމުންދާއިރު މީތި ބަދަލުކުރަން ޖެހޭ މަސައްކަތް ދެން ކުރާނީ. ހަގީގަތުގައި މާޒިޔާ ކުޅުންތެރިންނަށް އަމިއްލަ އަށް ނެގުނު އެއްޗެއް އެއީ ޑިފެންސިވް ވެގެން ކުޅުން. އެންމެ އެކަށީގެންވާ ގޮތަށް ނުކުޅޭ. އެއްގޮތަކަށް ވެސް އެ ގޮތަށް ކުޅޭކަށެއް ނޫން ނުކުތީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އެގާރައިގައި ކޯނޭ އަދި ހިމަނާފައިނުވަނީ މާޒިޔާ އިން ހެދީ ދިގު ޕްރީ ސީޒަނަކަށްވެފައި ކޯނޭ ބައިވެރިވީ ވަރަށް ފަހުން ކަމަށެވެ. އެކަމަކު މިހާރު މަޑުމަޑުން ފުރުސަތު ދެމުން އަންނަ ކަމަށާއި ކޯނޭ ވެސް ރަނގަޅު ކުޅުމެއް ދައްކާނަމަ އޭނާ ޓީމުގައި ބޭނުންކުރާނެ ކަމަށް ނިޒާމްބެ ބުންޏެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ ޖެނުއަރީ ތިން ވަނަ ދުވަހުގަ އެވެ.