26 ޑިސެމްބަރ 2020 - 20:05

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދިޔަ މީހުންގެ ތެރެއިން 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ޕާޓީ އަށް ދިޔަ 100 އަށް ވުރެ ގިނަ މީހުން ހޯދައި ކަރަންޓީނު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހުނު މީހުންގެެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށާއި ޕާޓީގައި ބައިވެރިވި މީހުންގެ އަދަދު ގާތްގަނޑަކަށް 120 އަށް އަރާ ކަމަށެވެ. މި ޕާޓީގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"މިއޭޖެންސީއިން މިދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ." އެޗްޕީއޭ އިން ފޮނުވި މެސެޖެއްގައިވެ އެވެ.
އެޗްޕީއޭ އިން ވަނީ މި ޕާޓީ އަށް ދިޔަ މީހުން 1676 އަށް ގުޅައި އެކަމުގެ މައުލޫމާތު ވީހާވެސް އަވަހަށް ދިނުމަށް އެދިފަ އެވެ. އަދި އެޗް.ޕީ.އޭ އިން ނުގުޅި ނަމަވެސް އެ ޕާޓީއަށް ދިޔަ މީހުން ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބެން ވަނީ އަންގައިފަ އެވެ.
މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ އެކު މާލޭ ސަރަހައްދުގައި މިހާރު ވަނީ، ކޮވިޑާ ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 13,583 އަށް އަރާފައި ވާއިރު މި ފަހުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13,026 މީހަކު ރަނގަޅުވެފައި ވާއިރު 48 މީހަކު ވަނީ މަރުވެފަ އެވެ.