26 ޑިސެމްބަރ 2020 - 19:17

ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދަން ދަނިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ފަހު ވަގުތު ލަނޑެއް ޖަހައި އެ ޓީމާ 1-1 އިން އެއްވަރުކޮށްފި އެވެ.
މި ދެ ޓީމު މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ވަނީ ވެލެންސިއާ އާއި މާޒިޔާ އަތުން ބަލިވެފަ އެވެ. މި ދެ ޓީމު މިވަގުތު އޮތީ އެއް ޕޮއިންޓާ އެކު އެވެ.
މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ގޯލަށް ނުރައްކާ ކުރީ ގްރީން އިންނެވެ. އެ ޓީމުގެ ޚަލީލް ގަމަލް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޖަހަޖަހަ އޮއްވާ އަބްދުﷲ ޔާމީން (ޔާނު) ބޯޅަ އަތުލައި ގޯލަށް ފޮނުވާލި އެވެ. އެކަމަކު އެ ބޯޅަ ޔޫވީގެ ގޯލްކީޕަރު އަމިރޯފް ރުސްލާން މަތަކުރި އެވެ.
އޭގެ ފަހުން ގްރީންގެ ހަސަން ނަޒީމް (ޗޯޓް) އޭރިއާ ތެރެއިން ފޮނުވާލި ހަމަލައެއް ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ގްރީން އިން ހަމަލައެއް ފޮނުވާލި އެވެ. އެކަމަކު ޚަލީލް ފޮނުވާލި ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.
އޭގެ އިރުކޮޅެއް ފަހުން، 51 ވަނަ މިނެޓުގައި ގްރީން އަށް ޕެނަލްޓީއެއް ލިބުނެވެ. ޚަލީލް ހޯދައިދިން ޕެނަލްޓީ އެންހެލް މުނޯޒް ގޯލަށް ވައްދާލައި ގްރީން އަށް ލީޑު ނަގައިދިނެވެ.
ޔޫވީން އެއްވަރުކުރަން ކުރި މަސައްކަތުގައި 75 ވަނަ މިނެޓުގައި ލަސިޗޭފް އަނަޓޮލީ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސް ދަނޑިއަށް އަމާޒުވި އެވެ.
ޔޫވީން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭ އަލީ ހައިޝަމް (ޗުމްޕު) އޭރިއާ ތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ލަނޑުންނެވެ.
އޭގެ މިނެޓު ފަހުން އަލުން ލީޑު ނަގަން ގްރީން އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ހަސަން ފުވާދު އޭރިއާ ތެރެއިން ހުހަށް ހުރެ ޖެހި ބޯޅަ ކީޕަރު މަތަކުރިއިރު އެ ބޯޅަ އަންސަރު އިބްރާހިމް (އަންކޮ) އަށް ލިބި ފޮނުވާލުމުން އަމާޒުވީ ދަނޑި އަށެވެ.
މެޗުގެ ފަހު މިނެޓުގައި އޭރިއާ ތެރެއިން ގްރީންގެ ރިލްވާން ވަހީދު (ރިލޭ) ގެ ޓެކުލަކަށް ޔޫވީގެ އިސްމާއިލް އީސާ ވެއްޓުމުން އެ ޓީމުން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ސިންގަޕޫރު ރެފްރީ ޕެނަލްޓީއެއް ނުދިނެވެ.
ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗު ދިޔައީ ނަސީބު ދެރަކޮށް ކަމަށާއި މައްސަލައަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.
"ވަރަށް މާޔޫސްކޮށް މިދިޔައީ. އެކަމަކު ކަލެކްޓިވް އެފަޓެއް ލައިގެން އެންމެން ވެގެން ހާލަތު ބަދަލުކުރާނަން އިރާދަކުރެވިއްޔާ،" ނިސްތާރު ބުންޏެވެ.
ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ގްރީން އަށް ޕެނަލްޓީ ދިނީ ރަނގަޅަށް ކުޅެމުން އަންނަނިކޮށް ކަމަށާއި އެ ޕެނަލްޓީއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އެއީ ޕެނަލްޓީއަކަށް ވާ ނަމަ ފަހު ވަގުތު އެ ޓީމަށް ޕެނަލްޓީ ނުދިން ސަބަބާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
އޭނާ ބުނީ ދެ މެޗުން ބަލިވެފައި އޮއްވާ މިއަދު ޕޮއިންޓެއް ލިބުނު ނަމަވެސް އަދިވެސް ޕްރެޝަރު ނުކެނޑޭ ކަމަށާއި މައްސަލައަކީ އަނިޔާގައި ކުޅުންތެރިންތަކެއް ތިބުން ކަމަށެވެ.