ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާކުރާ އިސްލާހު ތަސްދީގުކޮށްފި
ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާކުރާ އިސްލާހު ތަސްދީގުކޮށްފި

ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކާ ގުޅިގެން އެ ކުއްޖާ 18 އަހަރުވުމަށް ފަހު ވެސް މަރުގެ އަދަބު ނުދެވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި އެވެ.

ކުރިން ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ކުޑަކުއްޖަކަށް ވެސް މަރުގެ އަދަބު ކަނޑައެޅިދާނެ އެވެ. އެކަމަކު އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނީ އިސްތިއުނާފް މަރުހަލާތައް ނިމި އަދި އެ ކުއްޖާ އަށް 18 އަހަރުވުމުންނެވެ.

އެކަމަު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި ބިލްގައިވާ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރި ކުށަކާ ގުޅިގެން އެ މީހަކު 18 އަހަރު ވުމަށް ފަހު ވެސް މަރުގެ އަދަބެއް ކަނޑައެއް ނޭޅޭނެ އެވެ. އޭގެ ބަދަލުގައި އެ މީހަކަށް ދޭންޖެހޭނީ މަރުގެ އަދަބު ފިޔަވައި އެ ކުށަކަށް ދެން އޮންނަ އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައި ކުޅަ އެއްބައި އަދަބު ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލް މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާ އެކު، ގާނޫނަކަށް ވަނީ ވެފަ އެވެ.

އާ އިސްލާހުގައިވާ ގޮތުން އާންމު ހާލަތްތަކުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭން ޖެހޭނީ އެ ކުށަކަށް އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި އަދަބެވެ. އެހެން ނަމަވެސް ކުއްޖާގެ ކުށުގެ ރެކޯޑާއި ކުށުގެ ކުޑަ ބޮޑުމިނަށް ބެލުމަށް ފަހު އެންމެ ލުއި އަދަބުގެ ފުރިހަމަ މިންވަރަށް އަދަބު ދެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާ ކުރިއިރު، ކުޑަކުދިންގެ ގޮތުގައި ތިބެ މީހުން މެރުމުގެ މައްސަލަތަކުގައި ބައެއް މީހުންނަށް ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އެބަހުއްޓެވެ. އެފަދަ ބައެއް މީހުންގެ މަރުގެ ހުކުމްތަކަށް ހައި ކޯޓުން ތާއީދުކޮށް އަދި ސުޕްރީމް ކޯޓުގައި މިހާރު ދަނީ މައްސަލަތައް ހިނގަމުންނެވެ. އެކަމަކު އާ އިސްލާހާ އެކު، އެ މީހުން މަރުގެ އަދަބުން ސަލާމަތްވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއަށް ވުރެ ކުޑަ ޖަލު ހުކުމަކަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

މަރުގެ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމްތައް އިއްވާފައިި ވިޔަސް، އެއިން އެއްވެސް ހުކުމެއް ފަހުގެ ތާރީޚުގައި ރާއްޖޭގައި ތަންފީޒެއް ނުކުރެ އެވެ. އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.