ވައިރަހުގެ އާ ވޭރިއަންޓް ފްރާންސް އިން ވެސް ފެނިއްޖެ
ވައިރަހުގެ އާ ވޭރިއަންޓް ފްރާންސް އިން ވެސް ފެނިއްޖެ

ޕެރިސް (ޑިސެމްބަރު 26) - އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވައްތަރު ފްރާންސް އިން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

ފްރާންސްގެ ހެލެތު މިނިސްޓްރީން ބުނީ އާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ޑިސެމްބަރު 19 ވަނަ ދުވަހު ލަންޑަނުން ދިޔަ މީހެއް ކަމަށެވެ. އެ މީހާ ޕޮޒިޓިވްވެފައި ވަނީ ޑިސެމްބަރު 21 ގަ އެވެ. ފްރާންސްގެ އެ މީހާ މިހާރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. އާ ވައިރަހަށް ޕޮޒިޓިވްވީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ފްރާންސްގެ ރައްޔިކެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ޔޫކޭގެ ދަތުރުވެރިން މަނާކޮށްފަ އެވެ. ފްރާންސް އިން ވެސް އިނގިރޭސި ވިލާތުގެ ދަތުރުވެރިންނަށް ބޯޑަރު ބަންދުކުރި އެވެ. ނަމަވެސް ބުދަ ދުވަހު ވަނީ އަލުން ހުޅުވާލައިފަ އެވެ. އެކަމަކު ފްރާންސަށް ދެވޭނީ ނެގެޓިވް ޓެސްޓަކާ އެކު އެވެ.

އާ ވައިރަސް ވަނީ އެހެން ބައެއް ގައުމުތަކުން ވެސް ފެނިފަ އެވެ. ޖަޕާނުން ހުކުރު ދުވަހު ވަނީ ޔޫކޭ އިން ދަތުރުކުރި ފަސް މީހެއްގެ ފަރާތުން އާ ވައިރަސް ފެނިފަ އެވެ. އޭގެ އިތުރުން ޑެންމާކް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސް އިން ކުރިން ވަނީ އެ ވައިރަސް ފެނިފަ އެވެ.

ފްރާންސް އިން ވަނީ ކޮރޯނާވައިރަހަށް 2.5 މިލިއަން މީހުން ޕޮޒިޓިވްވެ 62،000 މީހުން މަރުވެފަ އެވެ.