އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް
އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް

އިންސާނެއްގެ އިނގިލީގެ ނިޝާނަކީ އެއީ ކާކުކަަން ކަށަވަރުކުރުމަށް ބޭނުން ކުރެވޭ ވަރަށް އަސާސީ އެއްޗެކެވެ. އެކަމަކު ބަންގްލާދޭޝްގެ އާއިލާއެއްގައި އިނގިލީގެ ނިޝާން ނުހުންނަ އެތައް ބަޔަކު އެތަބިއްބެވެ.

އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް
އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް

މި އާއިލާގެ ގިނަ ފިރިހެނުންގެ އަތުގެ އިނގިލިތަކުން އިނގިލީގެ ނިޝާނެއް ނުނެގެ އެވެ. ނިޝާން ނުހުންނަނީ އެވެ. މިއީ އަމާލް ސަރްކާރާއި އޭނާގެ އާއިލާގެ ވާހަކަ އެވެ.

އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް
އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް

ވަރަށް ނާދިރު ހާލަތެއްގައި ނޫނީ އިންސާނުންގެ އިނގިލީގެ ނިޝާން ހުންނާނެ އެވެ. ނަމަވެސް ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން އަމާލްގެ އާއިލާގެ މެމްބަރުންގެ އިނގިލީގެ ނިޝާނެއް ނުހުރެ އެވެ. މިއީ އެ އާއިލާތެރޭގައި ވާރުތަވަމުން އަންނަ ކަމެކެވެ.

އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް
އިނގިލީގެ ނިޝާން ނުހުންނަ އާއިލާއެއް

ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ އަމާލްގެ ދެ ފިރިހެން ދަރިންގެ ތެރެއިން އަޕޫ އާއި ކޮއްކޮގެ އިނގިލީގެ ނިޝާނެއް ވެސް ނުހުރެ އެވެ. އަމާލްގެ ބައްޕަ އާއި ބޭބެ އަކީ ވެސް މި މައްސަލަ ކުރިމަތިވި މީހުންނެވެ. އެހެންވެ އެ މީހުންނަށް ދޫކޮށްފައި އޮންނަނީ ވެސް ހާއްސަ އައިޑީ ކާޑެވެ. އޭގައި ބައޯމެޓްރިކް ޑޭޓާގެ ގޮތުގައި ރެޓިނާ ސްކޭން އާއި ފޭޝަލް ރިކޮގްނިޝަން ހިމަނާފައިވެ އެވެ.

އިނގިލީގެ ނިޝާން ނެތުމަކީ އާންމު ދިރިއުޅުމަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ސިފަކުރަމުން އަމާލް ބުނީ އައިޑީ ކާޑު ހެއްދުމާއި ތަންތަނުން ހިދުމަތްތައް ހޯދުމާއި ވޯޓުލުން ފަދަ ކަންކަމަށް ވެސް މިކަމުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ.

"އަހަރެންގެ ބައްޕަގެ ޒަމާނަށް ބަލައިފިއްޔާ އެއީ މާ ބޮޑު ކަމަކަށް ނުވާނެ. އެކަމަކު މިހާރަށް ބަލާއިރު އިނގިލީގެ ނިޝާން ނެތް ބަޔަކަށްވުމަކީ ވަރަށް ބޮޑު ތަކުލީފެއް،" އަމާލް ބުންޏެވެ. "އަހަރެން އެންމެ ދެރަވަނީ ބޮޑެތިވެފައި ތިބި ޒުވާން ދަރިންނަށް މިހާރު މިކަމާ ހެދި އުފުލަން ޖެހިފައިވާ ބުރަޔާހެދި. އެކަމަކު ކުރާނެ ކަމެއް ނެތް މިއީ އަހަރެމެންގެ އާއިލާގެ ތެރޭގައި ވާރުވަތަމުން އައިސްފައި އޮތް ކަމެއް."

އޭނާ ކިޔައިދިން ގޮތުގައި އިނގިލީގެ ނިޝާން ނެތުމުގެ މައްސަލައާ ހެދި ލައިންސަންސް ކާޑާއި ޕާސްޕޯޓް ހޯދުމުގެ ދަތިކަން ވެސް އޮތީ ކުރިމަތިވެފަ އެވެ. އެކަމަކު ރަސްމީ އެ ދެ މުހިއްމު ލިޔުމަށް އިނގިލީގެ ނިޝާނަކީ މަޖުބޫރު އެއްޗެއް ކަމަށް 2010 ގައި ބަންގްލަދޭޝްގައި ނިންމުމުން އަމާލް ޕާސްޕޯޓް ހޯދީ ސަރުކާރުގެ މެޑިކަލް ބޯޑަށް ސެޓްފިކެޓް ހުށަހަޅައިގެންނެވެ.

"ލައިންސަންސް އިންތިހާނުގައި ބައިވެރިވެ ފާސްވި ނަމަވެސް އިނގިލީގެ ނިޝާނުގެ މައްސަލާގައި އަހަންނަކަށް ރަސްމީ ލައިސަންސް ކާޑެއް ލިބޭ ގޮތެއް ނުވޭ. ބަދަލުގައި ގެންގުޅެން ޖެހެނީ ލައިސަންސް ފީ ދެއްކުމުގެ ރަސީދު،" ގެ އާއި ގޮވާންކުރާ ދަނޑާ ދޭތެރޭ އާންމުކޮށް ސައިކަލުގައި އުޅޭ ދަނޑުވެރިޔާ ބުންޏެވެ. "އެކަމަކު މި ލިޔުން ދައްކައިގެން ބައެއް ފަހަރު ސަލާމާތްވާ ގޮތެއް ވެސް ނުވޭ. ދޭތެރެއަކުން ޖޫރިމަނާއާ ވެސް ކުރިމަތިލާން ޖެހޭ."

އަމާލަށް ފަހު، އިނގިލީގެ ނިޝާނާ ހެދި މިހާރު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވަނީ 22 އަހަރުގެ ދޮށީ ދަރިފުޅު އަޕޫ ސަރްކާރެވެ.

"ވަރަށް ގިނަ ކަންކަމަށް މިހާރު ފިންގަޕްރިންޓް އެބަ ބޭނުންކުރަން ޖެހޭ. އެކަމަކު ފިންގަޕްރިންޓް ސްކޭނަކުން އަހަރެމެންނަށް ވާކަމެއް ނޯވޭ. ވަރަށް ފަހުން ސިމް ކާޑެއް ގަންނަން ގޮސްފައި ވެސް ޕިންގްޕްރިންޓް ދޭން ޖެހުނީމަ އެކަން ވަރަށް ލަދުވެތި ކަމަށްވީ،" އަޕޫ ބުންޏެވެ.

އަމިއްލަ ނަމުގައި ސިމް ކާޑެއް ގަންނަން 2016 އިން ފެށިގެން ބަންގްލަދޭޝްގައި އިނގިލީގެ ނިޝާން ވެސް މަޖުބޫރެވެ. އެކަމަކު އާއިލާގެ ފިރިހެން މެމްބަރުން އެކަމުން މަހުރޫމުވެފައިވާތީ ގެންގުޅެން ޖެހެނީ އާއިލާގެ ކޮންމެވެސް އަންހެން މެމްބަރެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރެކެވެ.

"އަހަރެން މި ބޭނުން ކުރަނީ މަންމަގެ ނަމުގައި ނަގާފައި އޮންނަ ސިމެއް،" އަޕޫ ބުންޏެވެ. "އަނެއްކާ މި ފަހުގެ ފޯނުތަކަކީ ވެސް ފިންގަޕްރިންޓް ވެސް މުހިއްމު އެއްޗަކަށްވާ އިރު ފޯނު ގެންގުޅުމުގައި ވެސް ވަރަށް ދަތި."

އޭނާ ބުނީ މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދޭނެ ގޮތަކާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ މީހުންނާ ވާހަކަ ދައްކައި ހިޔާލު ހޯދާފައިވާ ކަމަށެވެ.

"އެކަމަކު މި މައްސަލާގައި މިހާތަނަށް ހިތްހަމަޖެހޭ ކަހަލަ ލަފައެއް ނުލިބޭ. ބައެއް މީހުން ބުނާނެ ކޯޓަށް ގޮސްގެން ކޮންމެވެސް ގޮތެއް ހޯދާށޭ،" އަޕޫ ބުންޏެވެ.

އަމާލްގެ އާއިލާ އަށް ދިމާވެފައިވާ އިނގިލީގެ ނިޝާން ނެތުމުގެ މައްސަލަ އަކީ "އެޑމަޓޮގްލިފިއާ" ސަބަބުން ދިމާވެފައިވާ ކަމެކެވެ. މި "ބަލި" އެންމެ ފުރަތަމަ ސަމާލު ކަމަށް އައީ 2007 ގަ އެވެ.