27 ޑިސެމްބަރ 2020 - 07:51

އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ސުހެލްދޭވްގެ ވާހަކަ ކިޔައިދޭ ފިލްމު އަކްޝޭ ކުމާރަށް ހުށަހެޅި ނަމަވެސް އެ ފިލްމުގެ ޓީމަށް އޭނާ އެއްބަސްކުރެވޭ ގޮތް ނުވުމުން އަކްޝޭގެ ބަދަލުގައި އެހެން އެކްޓަރަކު ހޯދަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަކްޝޭއާ ގާތް އެކުވެރިކަމެއް ވެސް އޮންނަ ޕްރޮޑިއުސަރު އަޝްވިން ވަރުދޭ ޕްރޮޑިއުސްކުރާ ފިލްމަށް އަކްޝޭ އެއްބަސްނުވި ސަބަބަކީ އޭގެ ސްކްރިޕްޓާ ގަޔާނުވުމެވެ. އަނެއްކޮޅު ފިލްމުގެ ޝޫޓިން އަށް 70 ދުވަސް ދޭން އެދިފައިވާތީ އެއީ ވެސް އަކްޝޭ އަށް އެއްބަސްވެވެން ނެތް ކަމަކަށްވުމުން އޭނާ ފިލްމުގައި ހިއްސާ ނުވާން ނިންމީ އެވެ. އަކްޝޭ ވަނީ ކުރިއަށް އޮތް ދެ އަހަރަށް ގިނަ ޕްރޮޖެކްޓްތަކަށް މިހާރު ވެސް އެއްބަސްވެފަ އެވެ.
އޭނާ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކަކެވެ. އަކްޝޭ މިހާރު ވެސް ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް" އާއި "އަތުރަންގީ ރޭ" ހިމެނެ އެވެ. އަދި އަންނަ މަހު "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ފަށާ އިރު، ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ރަކްޝާބަންދަން" އާއި "ރާމް "ސެތޫ" އާއި "މިޝަން ލަޔަން" އާއި ޑައިރެކްޓަރު މުދައްސަރު އަޒީޒްގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
މީގެ އިތުރުން އަކްޝޭގެ އަތުގައި "ދި އެންޑް" ކިޔާ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒެއް ވެސް އެބައޮތެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސުލެހްދޭވްގެ ބައޮގްރަފިކަލް ޑްރާމާ އަށް އަކްޝޭ އެއްބަސްނުވުމުން ފިލްމުގެ ޓީމުން ދެން އެ ފިލްމު ހުށަހަޅާނީ ތަންކޮޅެއް ޒުވާން އެކްޓަރަކެވެ. ކުރިން ވެސް ފިލްމުގެ ޓީމުން އެކަމާ ވިސްނި އެވެ. އެކަމަކު ފިލްމު ވިޔަފާރީގެ ގޮތުން ވަރަށް ކާމިޔާބު އެއްޗެއްކަން ކަށަވަރު ކުރުމުގެ ގޮތުން އަކްޝޭ ކަހަލަ ކާމިޔާބު އެކްޓަރަކަށް ފިލްމު ހުށަހެޅީ އެވެ.
އިންޑިއާގެ ލިޔުންތެރިޔާ އަމިޝް ތުރިޕަތީ މިދިޔަ ޖޫން މަހު ނެރުނު ވާހަކަ "ލެޖެންޑް އޮފް ސުހެލްދޭވް: ދަ ކިންގް ހޫ ސޭވްޑް އިންޑިއާ" އަށް ބިނާކޮށް ހަދާ ފިލްމު ކުރިން އަޖޭ ދޭވްގަނަށް ވެސް ހުށަހެޅި އެވެ. އޭނާ އެ ހުށަހެޅުން ގަބޫލު ނުކުރި ސަބަބަކީ އިންޑިއާގެ ވަރުގަދަ ރަސްކަމުގެ ދުވަސްވަރުގެ ވަރުގަދަ ޝަހުސިއްޔަތުންގެ ވާހަކަ ކިޔައިދޭ ފިލްމު ސީރީޒެއް "ދި އަންސަންގް ވޮރިއާސް" ގެ ނަމުގައި ހެދުމުގެ މަސައްކަތް ފަށާފައިވާތީ އެވެ. އެ ސީރީޒްގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.
އޯމް ރައުތު ޑައިރެކްޓްކުރި އެ ފިލްމުގައި ކިޔައި ދިނީ ކުރީގެ މަރާޓާ ރަސްކަމުގެ ވަރުގަދަ ހަނގުރާމަވެރިޔާ ތާނާޖީ މަލުސާރޭގެ ވާހަކަ އެވެ.
ސުހެލްދޭވްގެ ރޯލު ދޫކޮށްލުމަކުން އަކްޝޭ އަށް ވާނެ ގެއްލުމެއް ވެސް ނެތެވެ. ސަބަބަކީ އޭނާގެ "ޕްރިތުވީރާޖް" އަކީ ވެސް ރަސްކަލެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވުމެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ފިލްމުގައި އަކްޝޭ ފެންނާނީ ޕްރިތުވީރާޖް ޗޯހަންގެ ރޯލުންނެވެ.