26 ޑިސެމްބަރ 2020 - 09:41

ޕެރިސް (ޑިސެމްބަރު 26) - އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް ފީފާގެ 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތް ކޮވިޑާ ހެދި 2023 ވަނަ އަހަރަށް ފަސްކުރަން ނިންމައިފި އެވެ.
ފީފާ އިން އޮތީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންޑޮނީޝިއާގައި އަދި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ޕެރޫގައި ކުރިއަށްގެންދަން ރާވައިފަ އެވެ. އެކަމަކު ކޮވިޑް-19 އާ ހެދި ހުރި ދަތިތަކެއްގެ ސަބަބުން ކުރިން ރޭވިފައި އޮތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދަން ބަލާއިރު ދަތިތަކެއް ހުރުމުން މުބާރާތް ފަސްކުރަން އެންމެ ފަހުން ނިންމީ އެވެ.
"ކޮވިޑް-19އާ ހެދި އަދިވެސް އެބަހުރި ކުޅިވަރު ހަރަކާތްތައް ހޯސްޓްކުރުމުގައި ބޮޑެތި ދަތިތަކެއް. އެންމެ ބޮޑު ކަންބޮޑުވުމަކީ ދަތުރުފަތުރުކޮށްގެން ކުޅެން ޖެހޭ މުބާރާތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތައް. އެ ސަބަބާ ހުރެ 17 އަހަރާއި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފަސްކުރަން ނިންމައިފިން، ފީފާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
މި ދެ މުބާރާތް ފަސްކުރި ނަމަވެސް އެ ދެ ގައުމަށް އަދިވެސް މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފީފާ އިން ބުންޏެވެ.
"ފީފާ އިން އެދެނީ 2023 ވަނަ އަހަރު އެ ދެ ގައުމުން މި ދެ މުބާރާތް ވީ އެންމެ ފުރިހަމަކޮށް ބޭއްވުން،" ފީފާ އިން ބުނެފައިވެ އެވެ.
މި އަހަރު ބާއްވަން ނިންމާފައިވާ ދެ ފުޓްބޯޅަ މުބާރާތެއް ވެސް ވަނީ ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ކޮވިޑާ ހެދި ދެން ފަސްކުރި އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ޓޯކިޔޯގައި މި އަހަރަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކްސް އެވެ.