ޔޫވީ އަށް އަދި ޕްރެޝަރު ބޮޑެއްނުވޭ: މުހައްމަދު
ޔޫވީ އަށް އަދި ޕްރެޝަރު ބޮޑެއްނުވޭ: މުހައްމަދު

ވަރުގަދަ ސްކޮޑަކާ އެކު މި ސީޒަނަށް ކުރިމަތިލި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ފުރަތަމަ ދެ މެޗު ބަލިވި ނަމަވެސް ހާލަތުގެ ގޮތުންނާއި މިއީ ދިގު ލީގެއްގެ ފުރަތަމަ މެޗުތައް ކަމަށްވާތީ އަދި މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ފުރަތަމަ ދެ މެޗުގައި ޔުނައިޓެޑް ވިކްޓްރީ ބަލިވީ ލީގަށް މި ފަހަރު ވާދަކުރާނެ ކަމަށް ބެލެވޭ ދެ ޓީމު ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ކްލަބް ވެލެންސިއާ އަތުންނެވެ. ދެ މެޗުން ވެސް ބަލިވީ 4-0 އިންނެވެ. ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ބުނީ މިއީ ކޮންމެ ޓީމެއް 21 މެޗު ކުޅޭނެ ލީގެއް ކަމަށާއި އަދި ކުޅެވުނީ ދެ މެޗު ކަމަށްވާތީ ޕްރެޝަރަށް ވެއްޓޭ ހާލަތަށް އަދި ނުދާ ކަމަށެވެ.

"ވަކި ބަޔަކަށް އަދި ޗާންސެއް ގެއްލިފައި ނެތް. އަހަރެމެން ކުޅުނު ދެ ޓީމަކީ މިހާތަނަށް ލީގުގައި އެންމެ ރަނގަޅު ސްޓްރައިކިން ސްކޮޑެއް އޮތް ވެލެންސިއާ އާއި އެންމެ ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާ. އެހެންވީމަ އެ ދެބައި މީހުންނާ ކުޅެގެން ނުކުތް ނަތީޖާއެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމަ އެ ކަހަލަ ކަމަކާ (ޕްރެޝަރާ މެދު) ވިސްނާލަން ނުޖެހޭ،" މުހައްމަދު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުން ދިން ޓާގެޓަކީ ތިން ވަނަ ކަމަށްވީ ނަމަވެސް މުހައްމަދު ކަނޑައަޅާފައިވާ ޓާގެޓަކީ ލީގަށް ވާދަކުރުމެވެ. މުހައްމަދު ބުނީ ވަރުގަދަ ދެ ޓީމާ ދެކޮޅަށް ކުޅެ ބަލިވުމުން އެ ހިސާބުން އެހެން ގޮތަކަށް ވިސްނުން ބަދަލެއް ނުވާނެ ކަމަށާއި އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށެވެ. މި ވަގުތަށް ބަލާއިރު އޭނާ އަށް ޕްރެެޝަރު ކުޑަވާ އެއް ސަބަބަކީ އަނިޔާގެ މައްސަލަތަކާ ހުރެ ފުލް ސްކޮޑެއް ނެތުން ކަމަށް ވެދާނެ ކަމަށް މުހައްމަދު ގަބޫލުކުރެ އެވެ.

"ޔޫވީ އަށް އޮތް ޗެލެންޖަކީ ދެން ހުރި ޓީމުތަކެއް ނޫން. އިރާދަކުރެއްވިއްޔާ ދެން އިން ދެ ރައުންޑުގައި ވެސް ވެލެންސިއާ ބަލިކުރެވޭނެ. ކޮންމެ ޓީމެއް އަތުން ވެސް މޮޅުވުން ޔޫވީގެ ޓާގެޓަކީ. މުޅި ލީގުގެ ނަތީޖާ އަށް ބަލާއިރު އަދި އެ ކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތް،" މުހައްމަދު ބުންޏެވެ.

ފުރަތަމަ ދެ މެޗުން ބަލިވުމުން ޔުނައިޓެޑް ވިކްޓްރީން އަންނަނީ އެ ޓީމު ކުޅޭ ފޯމޭޝަނަށް ބަދަލެއް ގެންނަން މަސައްކަތްކުރަމުންނެވެ. ޕްރެކްޓިހުގައި ވެސް އެކަމަށް މަސައްކަތްކުރެވުނެވެ. މުހައްމަދު ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ އެންމެ ބޮޑު ސަބަބަކީ ދެ ޓީމަށް ވެސް އަދި މޮޅެއް ލިބިފައިނުވުން ކަމަށެވެ. މުހައްމަދު ދެކޭގޮތުގައި ފުރަތަމަ ދެ މެޗަށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ އަށް ވުރެން ގްރީން ސްޓްރީޓްސްގެ ރަނގަޅީ މަސައްކަތުގެ ރޭޓެވެ.

އަނިޔާގެ މައްސަލަތަކެއް ގްރީން ސްޓްރީޓްސް އަށް ދިމާވެފައިވީ ނަމަވެސް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ބަދަލުގައި ކުޅޭ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ. މި މެޗަށް ނުކުންނައިރު މޮޅުވުމުގެ ޕްރެޝަރު އޮތީ ދެ ޓީމަށް ވެސް ދާދި އެއްވަރަށް ކަމަށާއި ފުލުގައި އޮންނަން އެއްވެސް ޓީމެއް ބޭނުންނުވާނެ ކަމަށް ނިސްތާރު ބުންޏެވެ.

"ޔޫވީގެ ސްކޮޑަކީ އަޅުގަނޑު ރޭންކްކުރާ ގޮތުގައި ނަން ތަކަށް ބަލާއިރުގައި ޕްރިމިއާ ލީގުގެ ތިން ވަނަ އަށް އެންމެ ބޮޑު ސްކޮޑު. އެހެންވީމަ ވަރަށް ރަނގަޅު ސްކޮޑެއް. އެ މީހުން އެ ކުޅުނީ ވެސް ފަސޭހަ މެޗުތަކެއް ނޫން އެހެންވީމަ އަންޑަ އެސްޓިމޭޓް ނުކުރެވޭނެ،" ނިސްތާރު ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން 7-1 އިން ބަލިވި މެޗަކީ މިހާރު މާޒީ ކަމަށާއި އެ ކަމަށް މާ ބޮޑަށް ނުވިސްނައި ގްރީން ސްޓްރީޓްސް އިން ތައްޔާރުވަނީ ކުރިއަށް އޮތް މެޗަށް ކަމަށް ނިސްތާރު ބުންޏެވެ. އެ ގޮތުން މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕާކިސްތާންގެ ގޯލްކީޕަރު ސާގިބް ހަނީފް ޓީމާ ގުޅުން ކަމަށް އޭނާ ބުންޏެވެ. ފުރަތަަމަ ދެ މެޗުގައި ގްރީން ސްޓްރީޓްސްގެ ގޯލު ބެލެހެއްޓީ ލަބާން ޝަރީފް އެވެ.

ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.