ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ދިރާގުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރި 65 މުވައްޒަފެއްގެ އަގު ވަޒަން ކޮށްފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ވާޗުއަލް ކޮންފަރެންސެއް މެދުވެރިކޮށެވެ. މި ރަސްމިއްޔާތުގައި އެ ކުންފުންޏަށް 10 އަހަރާއި 15 އަހަރާއި 25 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރި އެވެ.

ކޮވިޑާ ގުޅިގެން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި 200 ސްޓާފުން ބައިވެރިވި އެވެ. މީގެ ތެރޭގައި ރީޖަނަލް އޮޕަރޭޓިން ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނެ އެވެ. މިފަދަ ހަރަކާތެއް ބޭއްވީ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިގު މުއްދަތަށް ހިދުމަތް ކުރި މުވައްޒަފުން އެ ކުންފުނި ކުރިއެރުވުމުގައި މުހިއްމު ހިއްސާއެއްވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ދިގު މުއްދަތުގެ ހިދުމަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައިވެ އެވެ.

ދިގު މުއްދަތުގައި މަސައްކަތް ކުރި މުވައްޒަފުން ވަނީ އެ މުވައްޒަފުންނަށް މިދިޔަ ދުވަސްތަކުގައި ހާސިލްވި ކަންކަން ފާހަގަކޮށް، އެކަންކަން އެހެން މުވައްޒަފުންނާއި ހިއްސާކޮށްފަ އެވެ.

ދިރާގުން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. އެގޮތުން މުވައްޒަފުން ބާރުވެރިކޮށް ވަޒީފާގައި ކުރިއަރައިގެން ދިއުމަށް އެ ކުންފުނިން ވަރަށް ހާއްސަ އިސްކަމެއް ދެ އެވެ.