25 ޑިސެމްބަރ 2020 - 12:34

ކަރާޗީ (ޑިސެމްބަރު 25) - އެމެރިކާގެ ނޫސްވެރިޔާ ވަގަށް ނެގުމަށް ފަހު 2002 ވަނަ އަހަރު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އުމަރު ސައިދު ޝެއިޚް ދޫކޮށްލުމަށް ޕާކިސްތާނުގެ ކޯޓަކުން އަންގައިފި އެވެ.

ޕާލް މަރާލި މައްސަލައިގައި އުމަރު ޝެއިޚުގެ ކުށެއް ނެތް ކަމަށް މި އަހަރު ކުރީކޮޅު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފްކޮށްފައިވާތީ އޭނާ ހުރީ ޖަލުގައި ބަހައްޓައިފަ އެވެ. އެކަމަކު ކަރާޗީގެ ސިންދު ހައި ކޯޓުން ބުނެފައި ވަނީ އުމަރު ޝެއިޚް ބަންދުގައި ބަހައްޓަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އުމަރު ޝެއިޚުގެ ވަކީލަކު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އޭނާ ދޫކޮށްލާނެ ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ސައުތު އޭޝިއާ ބިއުރޯ ޗީފް، ޕާލް ގެއްލިފައި ވަނީ ޖެނުއަރީ 2002 ގަ އެވެ. އޭގެ ފަހުން އޭނާ ވަގަށް ނެގުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލީ ކަރާޗީގަ އެވެ. އޭރު ޕާލް ދިޔައީ ހައްދުފަހަނައެޅި ހަނގުރާމަވެރިންނާ ބެހޭ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންނެވެ. ޕާލް މަރާލިތާ މާގިނަ ދުވަހެއް ނުވެ އުމަރު ޝެއިޚް ހައްޔަރު ކުރުމަށް ފަހު އޭނާ ކުށްވެރިވާ ކަމަށް ނިންމީ ޕާކިސްތާނުގެ އެންޓި-ޓެރަރިޒަމް ކޯޓަކުންނެވެ. ޕްރޮސެކިއުޓަރުން ތުހުމަތު ކުރަނީ ޕާލް ވަގަށް ނެގުމުގައި އެހީތެރިވެދީފައި ވަނީ 1973 ގައި ލަންޑަނުގައި އުފަންވި އުމަރު ޝެއިޚް ކަމަށެވެ. އުމުރުން 38 އަހަރުގެ ނޫސްވެރިޔާ މަރާލި ވީޑިއޯ ވަނީ ކަރާޗީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ވެސް ފޮނުވައިފަ އެވެ.