25 ޑިސެމްބަރ 2020 - 10:48

ޕެރިސް (ޑިސެމްބަރު 25) - ޕީއެސްޖީގެ ކޯޗުކަމުން ޖަރުމަނުގެ ތޯމަސް ޓުޗެލް ވަކިކޮށްފައިވާއިރު، އެ ޓީމާ ހަވާލުވާން ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން އުމުރުން 47 އަހަރުގެ ޓުޗެލް ޕީއެސްޖީއާ ހަވާލުވީ 2018 ވަނަ އަހަރު ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ. އެއީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެ ފައިނަލުން ބަލިވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ޕީއެސްޖީން ޓުޗެލް ވަކިކުރީ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށް ބަލައިފަ އެވެ.
ޓުޗެލް އަކީ 2011 ވަނަ އަހަރަށް ފަހު ސީޒަނެއްގެ މެދުތެރެއިން ޕީއެސްޖީ ވަކިކުރި ފުރަތަމަ ކޯޗެވެ. އެ ފަހަރު ވަކިކުރީ މިހާރު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ. ރިޕޯޓްތައް ބުނާގޮތުން ޓުޗެލް ވަކިކުރަން ޕީއެސްޖީގެ ބޯޑުން ނިންމީ ދާދި ފަހުން އޭނާ ޖަރުމަނު މީޑިއާގައި ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ. އޭނާ ވަނީ ނުސީދާ ގޮތަކަށް ޕީއެސްޖީގެ ވެރިންނަށް ފާޑުކިޔައިފަ އެވެ
ޕީއެސްޖީން ކަށަވަރުނުކޮށްދިން ނަމަވެސް ފްރާންސްގެ އިތުބާރު ހިފޭ ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އެންމެ ލަސްވެގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ޕޮޗެޓީނޯ ޕީއެސްޖީއާ ހަވާލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ އެވެ.
ޕޮޗެޓީނޯ ވަނީ 2001 އިން 2003 އަށް ޕީއެސްޖީ އަށް ކުޅެފަ އެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅުނު ޕޮޗެޓީނޯ ވަނީ އެ ކްލަބަށް ޔުއެފާ އިންޓަޓޯޓޯ ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ޕީއެސްޖީ އަށް ޔުއެފާ ކަޕް ވިނާސް ކަޕް ނުލައި ދެން ޔޫރަޕްގައި ލިބުނު ހަމައެކަނި މުބާރާތެވެ. މީގެ ކުރިން 2016 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ވަނީ ޕީއެސްޖީގައި ކޮންމެވެސް ސިފައެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަމަށް އިންކާރު ކުރަން އުނދަގޫވާނެ ކަމަށެވެ.
ޓުޗެލް އެކޭ އެއްގޮތަށް ޕޮޗެޓީނޯ އަށް ވެސް އެންމެ ފަހުން ކޯޗުކޮށްދިން ޓީމުގެ ވަޒީފާ ގެއްލުނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ޓޮޓެންހަމް ކޯޗުކަމުން ވަކިކުރި ފަހުން ޕޮޗެޓީނޯ ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ވިންޓަ ބްރޭކަށް ފަހު ޖެނުއަރީ ތިނެއްގައި އަލުން ޕްރެކްޓިސް ފަށާއިރު އެ ޓީމުގައި ޕޮޗެޓީނޯ ހުންނާނެ އެވެ.
ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު ކުރިން އޭނާ ކުޅުނު ކްލަބް ކަމަށްވާ ސްޕެއިންގެ އެސްޕަންޔޯލުންނެވެ. އޭނާ އެންމެ ފުރަތަމަ ހަވާލުވި އިނގިރޭސި ކްލަބަކީ 2013 ވަނަ އަހަރު ސައުތެމްޓަންއާ އެެވެ. އެ ޓީމުގައި ކުރި މަސައްކަތް ރަނގަޅުވުމުން 2014 ވަނަ އަަހަރު ޓޮޓެންހަމްގެ ކޯޗުކަން އޭނާއާ ހަވާލުކުރި އެވެ. ޓޮޓެންހަމުން ވަކިކުރި ފަހުން ޕޮޗެޓީނޯ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބުނު ނަމަވެސް އޭނާ ބޭނުންވާ ކަހަލަ ޕްރޮޖެކްޓެއް ނުލިބޭތީ ހުރީ ޓީމަކާ ހަވާލުނުވެ އެވެ.