ރާއްޖޭގެ ފިޔަވަޅުތައް ހުރީ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާ ގޮތަށް: އެޗުއީއޯސީ
ރާއްޖޭގެ ފިޔަވަޅުތައް ހުރީ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާ ގޮތަށް: އެޗުއީއޯސީ

ކޮވިޑް-19 އާ ގުޅޭގޮތުން ރާއްޖެ އިން ފިޔަވަޅުތައް އަޅާފައި ވަނީ އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލައި ދަސްކުރާ ކަހަލަ ގޮތަކަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ހަތަރު މަހަށް ފަހު މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ޓޫރިޒަމް ފަށައި، މީގެ ދެ މަހެއް ވަރު ކުރިން ގެސްޓް ހައުސްތައް ހުޅުވިއަސް އެންމެ ރިސޯޓެއް ފިޔަވައި އެހެން ތަނެއްގައި އައުޓްބްރޭކެއް ނެތް ކަމަށެވެ.

އެ ތަންތަނުން އައުޓްބްރޭކެއް ނައިސް ހުރީ ކަމާބެހޭ ފަރާތްތަކަށް ނޭނގި ނޫން ކަމަށާއި ރާއްޖެ އިން އަންނަނީ ކޮވިޑު ޓެސްޓުތައް ކުރަމުން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އާއި ތަޖުރިބާކާރުންނަށް ބަލާއިރު ބޮޑެތި ގައުމުތަކަށް ވުރެ ރާއްޖެ ކުރިއަށް ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"...އަޅުގަނޑުމެން ރާއްޖެ ހުޅުވާލައިގެން މިގޮތަށް އޮތް އިރު ހަމަ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާ ގޮތަށް، އެހެން ގައުމުތަކުން ދަސްކުރާ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ އެކްސްޕީރިއެންސް މި ހުރީ،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ގައުމުން އަޅާފައި ހުރި ފިޔަވަޅުތައް ބޮޑެތި ގައުމުތަކަށް ނަމޫނާއަކަށް ވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއިރު، މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ބޯޑަރުތައް އަދި ވެސް ވަނީ ބަންދުކޮށްފަ އެވެ. އިނގިރޭސި ވިލާތުގައި ފެތުރޭ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންގެ ސަބަބުން ޓޫރިސްޓުންނާއި އެ ގައުމުން ދަތުރުކުރާ ފްލައިޓްތައް ގިނަ ގައުމުތަކަކުން ހުއްޓުވާފައި ވެ އެވެ.

އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ގުޅިގެން ރައްކާތެރިވުމަށް ވެސް ރާއްޖެ އިން އަންނަނީ ތައްޔާރުވަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ ރިސްކް އެސެސްމަންޓެއް ހެދުމަށް ފަހު އަޅަންވީ ފިޔަވަޅުތަކާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"..މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ހަމައެކަނި ޔޫކޭގައި ފެތުރުމަށް ވުރެ ބޮޑަށް އިތުރަށް އެހެން ގައުމުތަކުގައި ވެސް ހަމަ މި ވައިރަސް ނުވަތަ ވޭރިއެންޓް އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް. އެހެންވީމާ އެންމެ މުހިއްމު ކަމަކީ ފުރަތަމަ ވެސް އާއްމުކޮށް މި ހުންނަ ބަލި ކޮންޓްރޯލް ކުރުމަށް ހުންނަ މެޝާސްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުން،" އޭނާ ވިދާޅުވި އެވެ.

މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން ބޭރުން އަންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ހުއްޓުވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަނބުރާ ގައުމަށް ދިއުމަށް ހަދާ ޓެސްޓުން ވަރަށް ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވިޔަސް އެ މީހުންގެ ފަރާތުން އިތުރު ޓޫރިސްޓުންނަށް ނުވަތަ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަލި ޖެހި ރިސޯޓުގައި ނުވަތަ ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ބަލި ފެތުރޭ ތަނެއް ފެނިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މާލޭގައި އޭޕްރީލް 15 އިން ފެށިގެން ހަލުވިކަމާއެކު ފެތުރެން ފެށި ކޮވިޑް ބަލި މިހާ ދުވަހު ކޮންޓްރޯލްކޮށް، ރާއްޖެ އިން އަޅާފައި ހުރި ފިޔަވަޅުތައް، އެހެން ގައުމުތަކަށް މިސާލެއް ގޮތަށް ފާހަގަކުރެވޭނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލީގެ ކޮންމެ ވޭރިއެންޓެއް ފެތުރުން ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޑރ. ނޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ކޭސްތައް މަދުވުމުން ބަލި ދިޔައީކަމަށް ނިންމައި ވަރަށް ފަސޭހަކޮށް ބައެއް ފިޔަވަޅުތައް ނަގާފައިވާނެ އެވެ. ނަމަވެސް ކަންކަން ދޫނުކޮށް ހުރީ ބަލީގެ ނުރައްކާ އޮތުމުން ކަމަށް ވިދާޅުވި އެވެ.