24 ޑިސެމްބަރ 2020 - 22:54

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،000 އިން މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރު 28 ބަޔަކު އެ ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެއާއެކު، އޭޕްރީލް 15 ގެ ފަހުން މާލޭގައި ފެތުރެން ފެށި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 13،011 އާ އެރީ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2،562 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައި ވެ އެވެ. އެތަނުން ޕޮޒިޓިވްވި 21 މީހުންނާއެކު ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދަކީ 13،558 އެވެ.
ކޮވިޑް އަލަށް ޖެހުނީ މާލެ ސަރަހައްދުން ފަސް މީހުންނާއި އެހެން ރަށްރަށުން ފަސް މީހުންނާއި ރިސޯޓުތަކަކުން ފަސް މީހުންނެވެ.
ކޮވިޑަށް މި ވަގުތު 492 މީހަކު ފަރުވާދެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ތިބި މީހުންގެ އަދަދަކީ 37 އެވެ.
މާލޭގައި ހަލުވިކަމާއެކު ފެތުރެން ފެށި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް މަދުވެފަ އެވެ. އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރިފައިވާ މިންވަރު އެންމެ ފަސޭހައިން ވަޒަން ކުރެވޭ އެއް އިންޑިކޭޓާ ކަމަށްވާ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ރޭޓް ވެސް ހުރީ، މިއިން ދުވަހަކު ނުދާހާ ދަށުގަ އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ސާމްޕަލްތައް ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މިހާރު ހުރީ އެންމެ އެއް ޕަސެންޓްގަ އެވެ. އެއީ މި މަހުގެ 16-22 އާ ދެމެދުގައި، 36 ވަނަ ހަފުތާގަ އެވެ. މީގެ ކުރިން މި ރޭޓް އެންމެ ބޮޑަށް ދަށްވީ 12 ވަނަ ހަފުތާގައި 2.84 ޕަސެންޓަށެވެ. އެއީ ޖުލައި 1-7 އާ ދެމެދުގަ އެވެ.