24 ޑިސެމްބަރ 2020 - 21:58

ބޮޑު ދެ އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތައިލުމަށް އޮބްޒާވަރުންގެ ގޮތުގައި އާއްމުން ބައިވެރިވުމުގެ ފުރުސަތު ފުލުހުން މިއަދު ހުޅުވާލައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، އަންނަ އަންގާރަ ދުވަހު ނައްތައިލަން ހަމަޖައްސާފައިވަނީ އޮކްޓޯބަރު 1، 2020 ގައި ރާއްޖެ އިން ބޭރުން އައްޑު އަށް އެތެރެކުރި 79 ކިލޯގެ މަސްތުވާތަކެއްޗާއި އޮކްޓޯބަރު 12، 2020 ގައި ގއ. ވިލިނގިލީ، ޝަހީބް އިބްރާހިމް އިސްވެ އެތެރެކުރި 120 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން ސެޕްޓެމްބަރު 8، 2020 ގައި ޑާކާ މަގުން ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން ފެނުނު ތިން ކިލޯ 800 ގްރާމްގެ މަސްތުވާތަކެތި ކަމަށެވެ.
މަސްތުވާތަކެތި ނައްތައިލުމަށް ދޫނިދޫގައި ބާއްވާ ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓުކުރަން ވަނީ ހުޅުވާލައިފަ އެވެ. ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރާއެކު[email protected]އަށް މެއިލްކުރަން ފުލުހުން އެދެ އެވެ.
ފުލުހުން ބުނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ މެއިލްކުރާ ތަރުތީބުން ވަކި ވަރަކަށެވެ.
ކަންނެލި ދޯންޏެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޝަހީބްގެ އިތުރުން ހިމެނޭ އެހެން ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރަން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވެ އެވެ.
ޝަހީބްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެއް ކުރެ އެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އައްޑޫން އަތުލައިގަތް 79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް، 10 ދައުވާއެއް ކުރަން މި މަހުގެ 11 ވަނަ ދުވަހު ހިތަދޫ ކޯޓަށް ފޮނުވާފައި ވެ އެވެ. މި ޑްރަގް ނެޓުވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، 33، އެވެ. ކުށުގެ ރެކޯޑު އޮންނަ މި މީހާ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައި ވެ އެވެ.