މޮޑާނާގެ ވެކްސިން އިން ވެސް އާ ވައިރަހުން ރައްކާތެރިކަން ލިބޭ
މޮޑާނާގެ ވެކްސިން އިން ވެސް އާ ވައިރަހުން ރައްކާތެރިކަން ލިބޭ

ވޮޝިންޓަން (ޑިސެމްބަރު 24) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ މިއުޓޭޓްވެފައިވާ ވޭރިއަންޓާ ދެކޮޅަށް ވެސް، މޮޑާނާ އިން އުފެއްދި ވެކްސިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާ އިން ބުނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން އާ ސްޓްރެއިން އިން ރައްކާތެރިކަން ލިބޭތޯ އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ.

މޮޑާނާގެ ވެކްސިން މިހާރު ވަނީ އެމެރިކާގައި ދޭން ފަށައިފަ އެވެ.

"ސާސް-ކޯވް-2 ވައިރަސްގެ ތަފާތު ވޭރިއަންޓްތަކަށް މަސައްކަތް ކުރޭތޯ މޮޑާނާގެ ވެކްސިން ވަނީ ޖަނަވާރުންނާއި އިންސާނުންނަށް ދީގެން ޓެސްޓްކޮށްފައި. ކޮރޯނާވައިރަސް ފެނުނު ފަހުން ތަފާތު ވޭރިއަންޓްތައް ވަނީ ފެނިފައި. އަދި މޮޑާނާގެ ވެކްސިން އެ ހުރިހާ ވޭރިއަންޓަކާ ދެކޮޅަށް ވެސް މަސައްކަތްކުރާކަން ވަނީ ފާހަގަ ކުރެވިފައި،" މޮޑާނާ އިން ބުންޏެވެ.

މިހާރު އުފައްދާފައިވާ ވެކްސިންތަކުން ވެސް، އިނގިރޭސި ވިލާތުން ފެނިގެން އުޅޭ އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުން ހާމަކޮށްފައިވާ ގޮތުގައި އާ ވެރިއެންޓަކީ އާންމު ކޮރޯނާވައިރަހަށް ވުރެ 70 ޕަސެންޓް އަވަހަށް ފެތުރޭ އެއްޗެކެވެ. ނަމަވެސް އެއީ އާދައިގެ ކޮރޯނާވައިރަހަށް ވުރެ ނުރައްކާ ވައްތަރެއް ނޫން ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓާ ތަފާތު ވައިރަހެއް ސައުތު އެފްރިކާ އިން ވެސް ވަނީ ފެނިފަ އެވެ.