26 ޑިސެމްބަރ 2020 - 09:29

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ވެލެންސިއާ ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ފުރުސަތެއް ކަމަށާއި އެކަމަކު އެ ޓީމުގެ ސަޕޯޓަރުން އެދޭނީ މާޒިޔާ ބަލިކުރަން ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ލީގުގައި ފުރަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ދެ ޓީމަކީ ވެލެންސިއާ އާއި މާޒިޔާ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ވެލެންސިއާ އާއި މާޒިޔާ ލީގަށް ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ބުނާ ދެ ޓީމު ކަމަށް ވިޔަސް އާތީ ބުނީ މިއީ ވެލެންސިއާގެ ފެންވަރު ވަޒަންކޮށްލަން ރަނގަޅު މެޗެއް ކަމަށެވެ. އަދި އޭނާ ބޭނުންވާ ލެވަލަށް ވެލެންސިއާ ނުކުޅޭތީ ލީގުގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ވެލެންސިއާ ގުނަން އަދި ބޭނުންނުވާ ކަމަށް ބުންޏެވެ.
އާތީ ބުނީ ފުރަތަމަ ދެ މެޗުން ވެލެންސިއާ މޮޅުވުމުން ވެލެންސިއާގެ ސަޕޯޓަރުންގެ އުއްމީދުތައް މައްޗަށް ގޮސްފިކަމަށެވެ. އެހެންވެ މެޗުތަކުން ރަނގަޅު ނަތީޖާ ނެރެން އޮތް ޕްރެޝަރު އިތުރުވެއްޖެކަމަށް އާތީ ގަބޫލުކުރެ އެެވެ.
"ވެލެންސިއާގައި އެބަތިބި ބައިވަރެއް ސަޕޯޓަރުން. ވެލެންސިއާ އަކީ ބްރޭންޑެއް. އެހެންވީމަ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ އެކްސްޕެކްޓޭޝަން ހުންނާނީ އަޅުގަނޑުމެން މާޒިޔާ މެޗު ނެގުމަށް. އޮބްވިއަސް އެހެންވާނެ. ސަޕޯޓްކުރާ ޓީމެއް މޮޅުވާން ބޭނުންވާނެ. އަޅުގަނޑުމެން ވެސް ބޭނުން. އެހެން ނަމަވެސް މިއީ ވަރަށް ޗެލެންޖިން މެޗެއް،" އާތީ ބުންޏެެވެ.
"މި މެޗަކީ މި ބުރުގެ ފައިނަލް މެޗޭ ވެސް އަޅުގަނޑަށް ދެންނެވިދާނެ. މި މެޗުން މޮޅުވާ ބަޔަކަށް މި ބުރުގައި ކޮންމެވެސް ހިސާބަކަށް ދިއުމުގެ ފުރުސަތު ބޮޑު، މި ދެންނެވީ ވެލެންސިއާ އަށް. ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ފޯމޭޝަން ރޫޅައިނުލައި ކުޅެފިއްޔާ މިއީ ވެލެންސިއާ އަށް ވެސް ނެގިދާނެ މެޗެއް."
މުޅި ލީގަށް ބަލާއިރު މިއީ އެންމެ މުހިއްމު މެޗަށް ނުވުމުގެ ފުރުސަތު އެބައޮތްކަން ވެސް އާތީ ފާހަގަކުރި އެވެ. އާތީ ބުނީ ލީގުގެ މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު ފެނުނު ކަންތައްތަކުގެ އަލީގައި ބުނެވޭނީ އަދި ޓީމުތަކުން ކުޅުނީ އެ ޓީމުގެ އަސްލު ފެންވަރުގައި ނޫން ކަމަށާއި ކަންތައްތައް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ވެލެންސިއާ ޓީމުގައި މި ފަހަރު އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ދެ މެޗުގައި ވެލެންސިއާ ކޮޅަށް ނަތީޖާ ނެރުމުގައި މި ދެ ކުޅުންތެރިންގެ ރޯލު މުހިއްމެވެ.
މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ވަކިވަކި ކުޅުންތެރިންނަށް ވިސްނައިގެން ޓީމު ރާވައިފިނަމަ އެ ދެވެނީ ދެން އެ ޓީމުގައި ތިބޭ އެހެން ކުޅުންތެރިންނަށް ބޮޑު ފުރުސަތެއް ކަމަށެވެ. އޭގެ ބަދަލުގައި ޓީމު ގޭމެއް ވީމަ އެ އަށް ފޯކަސްކޮށްގެން ކުޅުން މާ މުހިއްމު ކަމަށް އޭނާ ބުންޏެވެ.
"އިންޑިވިޖުއަލް ޕްލޭޔަރުންނާ ހަަމައަށް އަންނާނީ ތަންކޮޅެއް ފަހުން. ކޮންމެ ގޮތެއް ވިޔަސް ތިކީ ދެ ކުޅުންތެރިންނަކީ (ދަގަނޑޭ އާއި ސެންޓޭ) އަކީ ތަފާތު ދެ ކުޅުންތެރިން. އެހެންވީމަ އެ ދެ ކުޅުންތެރިންނަކީ މުހިއްމުކޮށް ނަގަންޖެހޭ ދެ ކުޅުންތެރިން. އެއީ ސިކުނޑިން އެއްކައިރި ކޮށްލެވޭނެ ދެ ކުޅުންތެރިންނެއް ނޫން. އެ އަށް ވިސްނާނީ ޓީމެއްގެ ގޮތުގައި،" ނިޒާމްބެ ބުންޏެވެ.
ލީގުގައި މި ވަގުތު ހާލަތު އޮތްގޮތުން މިއީ ވާދަވެރި މެޗެއްގެ ގޮތުގައި ވެދާނެ ކަމަށާއި އެކަމަކު މިއީ ލީގުގެ މަގާމެއް ކަނޑައަޅާނެ މެޗެކޭ ބުނަން އަދި އަވަސްކަމަށް ނިޒާމްބެ ބުންޏެވެ.
"މިއީ އެއްބުރުން ނިންމާލާ ލީގެއް ނޫން. މިއީ ކުރު ކަޕެއް ވެސް ނޫން. ދިގު ލީގެއް ވީމަ އަދި ގިނަ ކަންތައްތަކެއް ހިނގާނެ،" ކުރިން ޓީސީއާ އެކު 2018 ވަަނަ އަހަރުގެ ލީގު ކާމިޔާބުކުރި ނިޒާމްބެ ބުންޏެވެ.
މާޒިޔާގައި މި އޮތީ ވަރަށް ވާދަވެރި ސްކޮޑެއް ކަމަށާއި ޕްރެކްޓިސްގައި ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިއަކަށް ޓީމުން ފުރުސަތު ދޭނެ ކަމަށް ނިޒާމްބެ ބުންޏެވެ. ހަމައެއާ އެކު ކޮންމެ ކުޅުންތެރިއަކަށް ވިސްނައިދެނީ މެޗުތަކަށް ތައްޔާރުވާއިރު ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންވެސް ވީ އެންމެ ފުރިހަމަ އަށް ހިފުމަށް ކަމަށް އޭނާ ބުންޏެވެ.
"ކުޅުންތެރިންނަށް އަބަދުވެސް ވިސްނަދޭ ކަމެއް އެއީ ފަސް މިނިޓް ލިބުނަސް އެއް މިނިޓް ލިބުނަސް ސިކުންތު ކޮޅެއް ލިބުނަސް ސަތޭކަ ޕަސަންޓް ދޭން ތައްޔާރުވެގެން ވޯމްއަޕްކޮށްގެން ނުކުންނާށޭ،" ނިޒާމްބެ ބުންޏެވެ.
ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.