24 ޑިސެމްބަރ 2020 - 10:28

މަހަށް ގޮސް އުޅެނިކޮށް ކަނޑަށް ވެއްޓުނު ދިވެއްސަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު މިޔަރު ހަމަލާދިނީ ޅ. ފާދޫ ބޮއި ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް "ޒިކުރާ" ދޯނިން ކަނޑަށް ވެއްޓުނު 40 އަހަރުގެ މީހަކަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޒިކުރާ އަކީ ނައިފަރު ދޯންޏެކެވެ. ޒަހަމްވި މީހާ ސީއެމްބިއުލާންސްގައި ނައިފަރަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުން ބުނީ މިޔަރު ހަމަލާދީފައި ހުރީ ކަނާތު ފައިގެ ކުޑަހުޅު ކައިރި އަށް ކަމަށެވެ. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެކަމަކު ޒަހަމްވެފައިވާ ތަނުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި، ޒަހަމްވި މީހާގެ އަތުގައި ވަނީ ބުޅިއެއް ވެސް އެޅިފަ އެވެ.
މަސްވެރިޔާ ކަނޑަށް ވެއްޓެން ދިމާވި ސަބަބެއް ސާފުވާގޮތެއް ނުވި އެވެ.
ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވެ މަސްވެރިންނަށް އެކަމުގެ އުނދަގުލާއި ނުރައްކާ ބޮޑުވެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.