24 ޑިސެމްބަރ 2020 - 11:38

އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު އެންމެ ފަސޭހައިން ވަޒަންކުރެވޭ އެއް އިންޑިކޭޓާ ކަމަށްވާ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދުވަހަކު ނުދާހާ ދަށަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ސާމްޕަލްތައް ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މިހާރު ހުރީ އެންމެ އެއް ޕަސެންޓްގަ އެވެ. އެއީ މި މަހުގެ 16-22 އާ ދެމެދުގައި، 36 ވަނަ ހަފުތާގަ އެވެ. މީގެ ކުރިން މި ރޭޓް އެންމެ ބޮޑަށް ދަށްވީ 12 ވަނަ ހަފުތާގައި 2.84 ޕަސެންޓަށެވެ. އެއީ ޖުލައި 1-7 އާ ދެމެދުގަ އެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާ ގޮތުގައި ރާއްްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން މިދިޔަ މަހުގެ 18 ވަނަ ދުވަހު) ނިމުނު 32 ވަނަ ހަފުތާގައި ފްލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓް ހުރީ 11 ޕަސެންޓުގަ އެވެ.
ފްލޫ ކްލިނިކުން ޕޮޒިޓިވްވާ ރޭޓް އެންމެ ބޮޑަށް މައްޗަށް ދިޔައީ ޖުލައި 29 އިން އޯގަސްޓް 4 އާ ދެމެދުގަ އެވެ. އެއީ 24.15 ޕަސެންޓަށެވެ.
ކޮވިޑް ފެތުރުމުގެ ހާލަތު އޮތް މިންވަރުގެ އެހެން އިންޑިކޭޓާ ތަކަށް ބަލާއިރު ކޭސްތަކުގެ އަދަދު ދެގުނަވުމަަށް ހޭދަވާ ވަގުތު ނުވަތަ ޑަބްލިން ޓައިމް ވަނީ މިދިޔަ މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ މަހުގެ 18 އާ ހަމައަށް އައި އިރު ކޭސްތައް ދެގުނަވާން ހޭދަވާ މުއްދަތަކީ 123 ދުވަހެވެ. އެކަމަކު މިހާރު ކޭސްތައް މަދުވެ މިހާރު ކޭސްތައް ދެ ގުނަ ވާން ނަގާ މުއްދަތު ހުރީ 438 ދުވަހުގަ އެވެ. މިއީ ވެސް ހާލަތު ރަނގަޅުވަމުން އަންނަކަން ދައްކައިދޭ ކަމެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން ބަލިން ރަނގަޅުވާ ނިސްބަތް މިހާރު ހުރީ ގާތްގަނޑަކަށް 96 ޕަސެންޓުގަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު ދަށްވެ މިހާރު ހުރީ 497 އެވެ. މިއީ އޮގަސްޓުމަހުން ފެށިގެން މިހާތަނަށް، އެކްޓިވް ކޭސްތަކުގެ އަދަދު 500 އަށް ވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ނަމަވެސް އަންލިންކްޑް ކޭސް ނުވަތައެއް ކޭސް އަނެއް ކޭހާ ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު ކުރިން ދަށްވި ވަރަށް އަދި ދަށެއް ނުވެ އެވެ. މި ނިމުނު ހަފުތާގައި މީގެ 26 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކަ އެވެ. ނަމަވެސް މިދިޔަ މަހު ވެސް މި ކޭސްތަކުގެ އަދަދު 19 އަށް ވެސް ދަށްވި އެވެ. އެކަމަކު ބެލެވޭ ގޮތުގައި އަންލިންކްޑް ކޭސްތައް މަތިވެފައި ހުރި އެއް ސަބަބަކީ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އެ މީހުންގެ ތެރެއިން ފެންނަ ކޭސްތަކާ އެކުގަ އެވެ.
ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި ބަލާގެ މިންގަނޑުތައް ދައްކައިދޭ ޕްރޮއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ މިހާރު ހުރީ 2 ގަ އެވެ. އެ އިންޑިކޭޓާގައި ފިޔަވަޅުތައް ހަރުކަށިކުރަން ފަށަން ޖެހެނީ މި ސްކޯ 5 އިން މައްޗަށް ދިޔައީމަ އެވެ. ފިޔަވަޅުތައް އެންމެ ހަރުކަށިކުރަން ޖެހެނީ 9 އިން މައްޗަށް ދިޔައީމަ އެވެ.
ރާއްޖޭން އިއްޔެގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަކީ 13،537 އެވެ. އޭގެ ތެރެއިން 12،983 މީހަކު ރަނގަޅުވި އިރު އެބަލީގައި މަރުވީ 48 މީހުންނެވެ.