26 ޑިސެމްބަރ 2020 - 08:39

ބަތަލާ އާލިއާ ބަޓާ އެކު ޑައިރެކްޓަރު ސަންޖޭ ބަންސާލީ ހަދަމުން އަންނަ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ މައްސަލައެއް ކޯޓަކަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ މައްސަލަ މުމްބާއީ ސިވިލް ކޯޓަށް ހުށަހެޅީ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ގަންގްބާއީގެ އާއިލާއިންނެވެ. ގަންގްބާއީ އަކީ 1960 ގެ އަހަރުތަކުގައި މުމްބާއީގައި މާފިއާ ކްއީންގެ ގޮތުގައި މަޝްހޫރުވި ނުފޫޒު ގަދަ އަންހެނެކެވެ. ގަންގްބާއީ އަކީ ވަރަށް ޒުވާން އުމުރުގައި ލޯބިވެރިޔާ ފައިސާގެ ދަހިވެތިކަމުގައި އޭނާ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ދޫކޮށްލި ފަހުން އެ ވިޔަފާރީގައި ފައިތިލަ ސާބިތުކޮށް ކުށުގެ ބޮޑު ވެއްޓެއްގެ ތެރޭގައި އުޅުނު އަންހެނެކެވެ.
ބަންސާލީގެ ފިލްމުގައި ގަންގްބާއީގެ ރޯލު ކުޅެނީ އާލިއާ އެވެ.
"ގަންގްބާއީ ކަތިއަވާޅީ" ގެ މައްސަލަ އާއިލާ އިން ކޯޓަށް ހުށަހެޅީ ފިލްމުގައި ކިޔައިދޭ ވާހަކައާ މެދު ހިތްހަމަނުޖެހިގެން ބަންސާލީ އާއި އާލިއާ އަށް ދައުވާކޮށް ދިނުމަށް އެދި އެވެ. ނަމަވެސް މި މައްސަލާގައި ބަންސާލީގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި "ގަންގްބާއީ" އަކީ އިންޑިއާގެ ލިޔުންތެރިޔާ ހުސައިން ޒައިދީ ލިޔެފައިވާ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގްބާއީއާ ބެހޭ ގޮތުން ގެނެސްދިން ބާބުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މި ފިލްމުގެ މައްސަލަ ކޯޓާ ހަމައަށް ދިޔަ އިރު، ފިލްމުގެ ޝޫޓިން މިހާރު އޮތީ އެއްކޮށް ނިމުމުގެ މަރުހަލާގަ އެވެ. ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަން ކުރިމަތި ނުވި ނަމަ "ގަންގްބާއީ" އަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ގައި ރިލީޒްކުރާނެ ފިލްމެކެވެ.
ނަމަވެސް ފިލްމުގެ މަސައްކަތް ދިގުލައިގެން ދިއުމުން ރިލީޒްކުރާނެ އާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
"ގަންގްބާއީ" އަކީ 2018 ގެ "ޕަދުމާވަތު" އަށް ފަހު ބަންސާލީ ހަދާ ފުރަތަމަ ފިލްމެވެ. "ޕަދުމާވަތު" އަކީ ވެސް ބަންސާލީ އަށް ވަރަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ. އެ މައްސަލަގަނޑުގެ ތެރެއިން އެއް ކަމަކީ ފިލްމުގެ ނަން "ޕަދުމާވަތީ" އިން "ޕަދުމާވަތު" އަށް ބަދަލުކުރަން ޖެހުމެވެ.