ރެއާލުން އެތުލެޓިކޯގެ ފަހަތުގައި ވިއްދާފައި
ރެއާލުން އެތުލެޓިކޯގެ ފަހަތުގައި ވިއްދާފައި

މެޑްރިޑް (ޑިސެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ މަގާމުގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ އޮތީ 13 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލަށް 32 ޕޮއިންޓް ހަމަކުރެވުނީ 15 މެޗު ކުޅެގެންނެވެ.

ރޭގެ މެޗުގައި ގްރަނާޑާ އަށް ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ސްޕެއިން ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ރޮބާޓޯ ސޮލްޑާޑޯ ހުސްކޮށްލާފައި އެ ޓީމުގެ ޕުއޭޓާ އަށް ދިން ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ރެއާލަށް ވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ.

ރެއާލަށް ލީޑުނަގައިދިނީ މެޗުގެ 57 ވަނަ މިނިޓްގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ޖެހި ގޯލުންނެވެ. ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ކަސެމީރޯ މި ގޯލު ޖެހީ ބޮލުންނެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި ހަތަރު ވަނަ ގޯލެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި ތިން ވަނަ ގޯލެވެ.

ލީޑުފުޅާކުރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ ވަނީ މި ފަހަރުގެ ލީގުގައި މިހާތަނަށް އަށް ގޯލު ޖަހައިފަ އެވެ.

މި މެޗުން މޮޅުވި ނަމަވެސް ރެއާލަށް ކުރިމަތިވި މާޔޫސްކަމަކީ އެ ޓީމުގެ ބްރެޒިލް ވިންގް ރޮޑްރީގޯގެ ފަލަމަސްގަނޑަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމެވެ.

ޒިދާން ބުނީ ޕްރެޝަރު ވަގުތުގައި ރެއާލަށް ކުރިމަތިވި ފާޑުކިޔުންތަކާ އެ ޓީމުން ޕްރޮފެޝަނަލްކޮށް ކުރިމަތިލި ކަމަށާއި ޓީމު ފޯމުގައި އޮންނައިރު އެ ޓީމަށް ހައްގުވާ ތައުރީފު ވެސް ކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ވަރަށް މަސައްކަތުން ޖެހިޖެހިގެން ހަ މެޗުން މި މޮޅުވީ. އަހަރެމެންނަށް ގޯސްކޮށް ކަންތައްތައް ދާއިރު ފާޑުކިޔާ މީހުން އެބަޖެހޭ އަހަރެމެންގެ ހާލަތު ރަނގަޅު މިކަހަލަ ދުވަސްތަކުގައި އުފާކުރަން ވެސް،" ޒިދާން ބުންޏެވެ.

އަނިޔާއިން ރަނގަޅުވެ އެޑެން ހަޒާޑް ރޭގެ މެޗުގައި ކުޅޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ބޭނުމެއް ނުކުރެ އެވެ. ޒިދާން ބުނީ މި މެޗަކީ އެ ފަދަ ރިސްކެއް ނަގަން ރަނގަޅު މެޗެއްގެ ގޮތުގައި ނުފެންނާތީ ހަޒާޑް ކުޅެން ނޭރުވީ ކަމަށެވެ.