ހަތަރު ވެކްސިނަކަށް ލަންކާ އިން ހުއްދަ ދީފި
ހަތަރު ވެކްސިނަކަށް ލަންކާ އިން ހުއްދަ ދީފި

ކޮލަމްބޯ (ޑިސެމްބަރު 24) - ކޮރޯނާވައިރަހާ ދެކޮޅަށް ބޭނުން ކުރުމަށް ހަތަރު ވެކްސިނަކަށް ސްރީ ލަންކާގެ ނޭޝަނަލް ރިސާޗް ކައުންސިލް (އެންއާރްސީ) އިން ހުއްދަ ދީފި އެވެ.

ކައުންސިލްގެ ޗެއާމަން ޕްރޮފެސަރު ހެމަންތާ ޑޮޑަމްޕަހަލަ ވިދާޅުވީ ހުއްދަ ދިން ހަތަރު ވެކްސިނަކީ ވެސް ސްރީ ލަންކާގައި ބޭނުންކުރަން އެކަށީގެންވާ އެއްޗެހި ކަމަށެވެ. އޭނާ ވިދާޅުވީ އެންއާރްސީން ވަނީ އެ ހަތަރު ވެކްސިން އެކަށީގެންވާ ގޮތަކަށް ލަންކާ އަށް ލިބޭނެ ގޮތަށް މަގުފަހި ކުރުމަށް ހެލްތު މިނިސްޓްރީގައި އެދިފައި ކަމަށެވެ.

ލަންކާގެ ނޭޝަނަލް ރިސާޗް ކައުންސިލުން އެ ގައުމުގައި ބޭނުން ކުރަން ހުއްދަ ދިން ކޮރޯނާވައިރަހުގެ ހަތަރު ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނާއި މޮޑާނާ، ފައިޒާ-ބަޔޯއެންޓެކް އަދި ރަޝިޔާގެ ގަމަލެޔާ އިން އުފެއްދި ސްޕުޓްނިކް ވީ ވެކްސިނެވެ.

ސްރީ ލަންކާ އަށް ވެކްސިން ބޭނުންވާނެ އަދަދެއް އަދި ކަނޑައަޅައިފައެއް ނުވެ އެވެ. ނަމަވެސް އަންނަ އަހަރުގެ މާޗް ހިސާބުގައި ލަންކާގައި ވެކްސިން ދިނުމަށް ތައްޔާރުވާން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ސްރީ ލަންކާ އިން މިހާތަނަށް ވަނީ 38,639 މީހުން ޕޮޒިޓިވްވެ 184 މީހުން މަރުވެފަ އެވެ.