ކޮވިޑުގެ ފްރަންޓްލައިން މަސައްކަތްތެރިންނަށް ފްރާންސްގެ ރަށްވެހިކަން
ކޮވިޑުގެ ފްރަންޓްލައިން މަސައްކަތްތެރިންނަށް ފްރާންސްގެ ރަށްވެހިކަން

ޕެރިސް (ޑިސެމްބަރު 24) - ކޮރޯނާވައިރަހުގެ ތެރޭގައި ފްރާންސްގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި ބިދޭސީންނަށް "ހަދިޔާއެއްގެ" ގޮތުން އެ ގައުމުގެ ރަށްވެރިކަން ދޭން ނިންމައިފި އެވެ.

އިންޓީރިއާ މިނިސްޓްރީން މިހާރު ވަނީ ކޮވިޑްގައި މަސައްކަތް ކުރި ބިދޭސީން ރައްވެހިކަމަށް އެދި ހުށަހަޅަން ދައުވަތު ހުޅުވާލައިފަ އެވެ. އަވަސް ޕްރޮސެސްއެއްގެ ތެރޭން އެ މީހުންނަށް ރަށްވެހިކަން ހަމަޖެހޭނެ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. ރަށްވެހިކަން ދޭ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގެ އޮފިޝަލުންނާއި ތަންތަން ސާފުކުރުމުގައި އުޅުނު މީހުންނާއި ފިހާރަތަކުގައި މަސައްކަތް ކުރި މީހުން ހިމެނެ އެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮވިޑްގެ ބަލިމަޑުކަމުގައި ފްރަންޓްލައިންގައި އުޅުނު މީހުންނަކީ އެ ބަލި ޖެހުމުގެ އެންމެ ރިސްކް ބޮޑު މީހުންނެވެ. ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އުޅުނު އެތައް ޑޮކްޓަރުންނާއި ނަރުހެއް ވަނީ އަ ބަލި ޖެހިގެން މަރުވެފަ އެވެ.

ކޮވިޑްގައި އުޅުނު މީހުންނަށް ފްރާންސްގެ ރައްވެހިކަން ދޭނެކަން ފުރަތަމަ އިއުލާންކުރީ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން 74 މީހަކަށް ވަނީ ފްރާންސްގެ ޕާސްޕޯޓް ދީފަ އެވެ. އިތުރު 693 މީހަކު ވަނީ ރަށްވެހިކަން ދިނުމުގެ އެންމެ ފަހު މަރުހަލާގަ އެވެ. ރަށްވެހިކަން ހޯދަން މިހާތަނަށް ވަނީ 2،890 މީހުން ހުށަހަޅައިފަ އެވެ.

ފްރާންސްގައި އާއްމުކޮށް ރަށްވެހިކަން ދެނީ އެ ގައުމުގައި ފަސް އަހަރު ދުވަހު ދިރިއުޅެފައިވާ މީހުންނަށެވެ. އަދި އެ މުއްދަތުގައި ރަނގަޅު އާމްދަނީއެއް އެ މީހަކަށް ލިބެންޖެހެ އެވެ. އޭގެ އިތުރުން ފްރާންސްގެ މުޖްތަމައާ އެ މީހަކާ ގުޅެންޖެހެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ކޮވިޑްގެ ފްރަންޓްލައިން މަސައްކަތްތެރިން ފްރާންސްގައި ދެ އަހަރު ދުވަހު އުޅެފައިވާ ނަމަވެސް ރަށްވެހިކަން ލިބޭނެ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރާންސްގައި 6.4 މިލިއަން ބިދޭސީން އުޅުނެވެ.

ފްރާންސް އިން 2018 ވަނަ އަހަރު ވަނީ ޕެރިހުގެ އެޕާޓްމަންޓެއްގެ ބެލްކަންޏަކުން ކުޑަ ކުއްޖަކު ސަލާމަތް ކުރި މާލީގެ މީހަކަށް ވެސް ރަށްވެހިކަން ދީފަ އެވެ.