ސާބިތުނުވި ޒިނޭ އާއި ޑީއެންއޭގައި ވީ ގޮތް ތިލަކޮށް!
ސާބިތުނުވި ޒިނޭ އާއި ޑީއެންއޭގައި ވީ ގޮތް ތިލަކޮށް!

ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ އަކީ ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމަކާ އެކު ފެށިގެން މި އުޅެނީ ކޮން ބަހުސެއް ހެއްޔެވެ؟ އާންމު މީހާ އަށް މި އިވެނީ "ޒިނޭ" އާއި "ޑީއެންއޭ"ގެ ވާހަކަ އެވެ. ގާނޫނީ އަދި ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ފަންނުގައި މިކަމާ ގުޅޭ ގޮތުން ދައްކަވާ ބޮޑެތި ވާހަކަތަކުން އާންމުންނަށް އިތުރަށް އޮޅުން އެރުން ނޫން ކަމެއް ވާހެންނެއް ހިއެއް ނުވެ އެވެ. އެހެންވެ ކިޔައިދެވޭތޯ މި ބަލަނީ ޖެހިގެން އުޅޭ މައްސަލަ އާއި މި މައްސަލައިގެ އަސްލު ނޭނގި ތިބެ ކުރާ ބަހުސްތަކުގެ ވާހަކަ އެވެ.

ހައި ކޯޓުން ހުކުމެއް ކުރީ މީހަކާ އިނދެ ވަރިކޮށް، އެކަމަކު ވަރިކުރި ފިރިހެން މީހާ އަށް ދަރި ލައްވާ މުއްދަތުގައި އަންހެން މީހާ ބަލިވެ އިނދެ ވިހޭ ދަރިއަކީ އިނދެގެން އުޅުނު މީހާ ނޫން އެހެން މީހަކާ ޒިނޭކޮށްގެން ލިބުނު ދަރިއެއް ކަމަށް ބުނާ މައްސަލައެއްގައި، ދ. ކުޑަހުވަދޫ ކޯޓުން ކުރި ހުކުމަކަށް ތާއީދުކޮށްފަ އެވެ. މި މައްސަލާގައި އަންހެން މީހާގެ އިއުތިރާފަށް ބިނާކޮށް ޒިނޭގެ ދައުވާކުރި ކަމުގައި ވިޔަސް އޭނާއާ އެކު ޒިނޭކުރި ކަމަށް ބުނާ ފިރިހެން މީހާ އެކަމަށް އިންކާރު ކުރަނީ އެވެ. އެހެންވެ ދައުލަތުން ފިރިހެން މީހާގެ މައްޗަށް ޒިނޭ ސާބިތުކުރުމަށް އިތުރު ހެކީގެ ގޮތުގައި ހުށަހެޅީ އުފަންވި ކުއްޖާގެ ޑީއެންއޭ އެވެ. ކުޑަހުވަދޫ ކޯޓުން ހުކުމްކުރީ ޒިނޭ ސާބިތުކުރަން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހެކި ނޫނީ ބޭނުން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޑީއެންއޭ އަކީ ޒިނޭ ސާބިތުކުރަން ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހަގީގަތުގައި ހައި ކޯޓުގެ ހުކުމް އައީ ހުށަހެޅި މައްސަލައަށް ވުރެ މާ ފުޅާކޮށެވެ. ބަހުސް މިހާ ބޮޑުވުމުގެ ސަބަބަކަށް، އެ ހުކުމުގައި ދައުލަތުގެ އަސްލު މައްސަލަ އަށް ފޯކަސް ނުކުރެވި އެހެން ވާހަކަތަކެއް މާ ބޮޑަށް ދެކެވިފައި ހުރުން ސަބަބަކަށް ވެފައިވާ ކަމަށް ފެނެ އެވެ. އެއީ ޒިނޭއެއް ސާބިތުކުރުމުގެ މައްސަލައެއްގައި، މި މައްސަލާގައި ހިމެނޭ ކުއްޖާގެ ނަސަބު ސާބިތުކުރުމާ ހިސާބަށް ގޮސް ޑީއެންއޭ އިން ހައްދުގެ ކުށްތައް ސާބިތުކުރުމާ މެދު ވެސް ވާހަކަ ދައްކާފައި އޮތުމުންނެވެ. ދައުވާކުރި ގާނޫނާއި މާއްދާ ރަނގަޅަށް މާނަކޮށްލައި މާ ދުރަށް ނުދިޔަ ނަމަ އޮޅުންބޮޅުން ކުޑަވީސް ކަމަށް ފެނަ އެވެ.

އަސްލު މައްސަލަ އަކީ، ދައުލަތުން ކުރި "ޒިނޭ"ގެ ދައުވާ އަކީ އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތުކުރުމަށް އޮންނަ ގޮތް ނޫން އެހެން ގޮތްތަކެއް ބަޔާންކޮށްފައިވާ ގާނޫނަކުން ކުރި ދައުވާއަކަށް ވުމެވެ. އެއީ ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުންނެވެ. އެކަމަކު ހައި ކޯޓުން ބުނެފައި އޮތީ "ޒިނޭ"ގެ ދައުވާކޮށް އަދަބު ކަނޑައަޅަން ޖެހޭނީ "ޖިންސީ ކުށުގެ ގާނޫނު"ގެ ދަށުން ކަމަށެވެ. މިގޮތަށް ބެލުމުން، ދައުލަތުން ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރި މަގްސަދު ގެއްލި، ކޯޓުގައި އޮތް މައްސަލާގައި ޑީއެންއޭ އަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ އެއްޗަކަށް ވެސް ނުވީ އެވެ. - "ޒިނޭ"ގެ ގޮތުގައި ދެ ގާނޫނެއްގައި ކުށް ބަޔާންކޮށް އެކަމަކު ކުށް ސާބިތުކުރާ މިންގަނޑު ދެ ގޮތަކަށް އޮތުމުންނެވެ.

ދައުލަތުން، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކޮށްފައި އޮތީ ޝަރުއީ ގޮތުން ޒިނޭ ސާބިތުވާ މިންވަރަށް ހެކި ނެތް ހާލަތުގައި، ޝަރީއަތުގައި އޮންނަ ހައްދު އެ މީހެއްގެ މައްޗަށް ގާއިމު ނުކުރެވޭނެތީ، ހައްދަކަށް ނުވާ އެހެން އަދަބެއް (ތައުޒީރީ އަދަބެއް) ކަނޑައަޅާށެވެ. އެއީ އިސްލާމީ ޝަރީއަތުގައި ބުނާ ހައްދުގެ ކުށެއް ސާބިތުކުރުމަށް ދައުލަތުން ކުރި ދައުވާއެއް ނޫނެވެ. އެކަމަކު މައްސަލައަކަށް ވީ ހައްދު ގާއިމްކުރަން ޖެހޭ ކުށެއްގެ ނަމާ ގުޅިގެން ދައުވާ އަންނާތީ އެވެ. ހައްދު ގާއިމުކުރުމުގެ ބަދަލުގައި ތައުޒީރީ އަދަބެއް ދޭން އޮތް މާއްދާއެއްގައި ކުށުގެ ނަމަކަށް "ޒިނޭ" އޮތުމެވެ. ޕްރޮސިކިއުޓަ ޖެނެރަލް ހުސެން ޝަމީމަށް ފާޑުކިޔުން އަމާޒުވީ ޝަރުއީ ގޮތުން ޒިނޭ ކަމަށް ސާބިތު ނުކުރެވޭ ހާލަތުގައި، ހައްދު ގާއިމުކުރުމުގެ ބަދަލުގައި އެހެން އަދަބެއް ދެވޭނެ ގޮތް ގާނޫނުލްއުގޫބާތުގައި އޮތްކަން ބަޔާންކޮށްދެއްވުމަށް، ގާނޫނުލްއުގޫބާތުގައި ކުށެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް "ޒިނޭ" އަކީ "ގާނޫނީ ޒިނޭ" ގެ ގޮތުގައި ސިފަކުރެއްވުމުންނެވެ.

ދެ ގާނޫނުގައި "ޒިނޭ" އާއި އެކަމުގެ އަދަބު އޮންނަނީ މިހެންނެވެ؛

ޖިންސީ ކުށުގެ 27 ވަނަ މާއްދާގައި އޮންނަނީ؛

- (ހ) މީހަކު، ޒިނޭކުރުމަކީ ކުށެކެވެ.

- (ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 100 (ސަތޭކަ) އެތިފަހަރުން ހައްދުޖެހުމާއެކު 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމެވެ.

މިއީ އިސްލާމީ ޝަރީއަތުގައި ޒިނޭ އަށް އޮތް އަދަބެވެ. އެހެންވެ، މި ކުށް ސާބިތުވާން ޖެހޭނީ އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑުންނެވެ. އެކަމާ ދައުލަތުން ވެސް އިންކާރެއް ނުކުރެ އެވެ. ޒިނޭ ސާބިތުވާނީ އަމިއްލަ އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުންނެވެ. އެހެންވެ ދައުލަތުން ކޯޓުގައި ބުނީ ދައުވާ ލިބޭ ފިރިހެން މީހާ ކުށަށް އިންކާރު ކުރާތީ މި ގާނޫނުގެ ދަށުން ދައުވާ ނުކުރީ ކަމަށެވެ. އެއީ އެ ފިރިހެން މީހާ ޒިނޭ އަށް އިންކާރުކޮށްފި ހާލަތުގައި ދައުވާ ސާބިތު ނުވާނެކަން ކަނޑައެޅިގެން އެނގޭތީ އެވެ.

ކުށް ސާބިތުކުރަން ފަސޭހަކަށް ދައުލަތުން ދައުވާކުރި ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާ އަންނަނީ "ހުއްދަ ނޫން ޖިންސީ ގުޅުން" ގެ ދަށުންނެވެ. އޭގެ ދަށުން ވެސް "ޒިނޭކުރުން" ކުށެއްގެ ގޮތުގައި އެބަ އޮތެވެ. އެކަމަކު މި ކުށް ސާބިތުކުރުމަށް މި ގާނޫނުގައި ހުރި ކަންކަމަށް ބެލުމުން ހަގީގަތުގައި މި ދައްކަނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ޒިނޭ ސާބިތުކުރުމުގެ ވާހަކަ ނޫންކަން އެނގެ އެވެ. ކުށް ސާބިތުކުރުމަށް ހަތަރު ހެކިންގެ ހެކި ބަސް ނެތި އަދި ކުށް ކުރި މީހާގެ އިއުތިރާފު ނެތް ނަމަ ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކުށް ސާބިތުވާނެ ކަމަށް މި ގާނޫނުގައި އެބަ އޮތެވެ. އެކަމަކު މިގޮތަށް ކުށް ސާބިތުވާ ނަމަ އިސްލާމީ ޝަރީއަތުގައި ބުނާ ހައްދު ގާއިމުކުރުމުގެ ބަދަލުގައި ކުށުގެ ދަރަޖަ ދަށްވާނެ ކަމަށް ވެސް އެބަ އޮތެވެ.

ކުރުކޮށް ބުނާ ނަމަ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ކުށް ސާބިތުކުރަން ހަތަރު ހެކިންގެ ހެކިބަސް ނުވަތަ އިއުތިރާފް އޮންނަން ޖެހޭނެ އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުކުރަން ޑީއެންއޭ އާއި އިތުރު ގަރީނާ އިން ފުދޭނެ އެވެ. އެކަމަކު ގާނޫނުލްއުގޫބާތުގައި "ޒިނޭ" ކަމަށް ބަޔާންކޮށް އެކަން ސާބިތުކުރަން އޮތީ އިސްލާމީ ޝަރީއަތުގައި އޮތް ގޮތެއް ނޫނެވެ.

ޖެހުނުހާ ވެސް މައްސަލަ އަކީ ޝަރުއީ ގޮތުން ޒިނޭކަން ސާބިތުނުވާ ޖިންސީ ކުށަކަށް "ޒިނޭ" ކަމަށް ބުނެ ނަން ދީފައި އޮތުމުން މާނަ އޮޅުމެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދެއް މީހެއްގެ މައްޗަށް ގާއިމްކުރެވޭނީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ. އެހެންވެ ޒިނޭގެ މައްސަލާގައި އެއްބަޔަކު ބުނަމުން އަންނަނީ ޝަރީއަތުގައި ބުނާ ގޮތަށް އެ ކުށް ސާބިތު ނުވެއްޖެ ނަމަ އެ މީހަކު އެ ހިސާބުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އެކަމަކު ޝަރީއަތުގައި ބުނާ މިންވަރަށް ސާބިތު ނުވި ކަމުގައި ވިޔަސް ކުށް ކުރިކަން، އާންމު ބުއްދިއަށް ގަބޫލުކުރެވޭ ވަރަށް ފެންނަން ހުރި ނަމަ ހައްދުގެ ބަދަލުގައި ދެވޭނެ އަދަބެއް އޮންނަން ޖެހޭނެ ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ.

މީހުން މެރުމުގެ ކުށުގެ އަދަބަކީ މެރުން ކަމަށް ޝަރީއަތުގައި އޮތް ނަމަވެސް މަރުވި މީހާގެ ވާރިސުން ގާތިލަށް މާފު ދީފި ނަމަ ކުށުން އޭނާ ބަރިއްޔަ އެވެ. އެކަމަކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ މީހުންނަށް ދައުލަތުގެ ފަރާތުން އަދަބު ދެ އެވެ. ޖަލުގައި ބަހައްޓަ އެވެ. އެހެންވެ ޒިނޭ ކުރުން ފަދަ ކަންކަމުގައި ވެސް، ޝަރުއީ މިންގަނޑުން ޒިނޭ ސާބިތު ނުވި ކަމުގައި ވިޔަސް އާންމު މަސްލަހަތަށްޓަކައި ދެވޭނެ އަދަބެއް އޮންނަން ޖެހޭނެ ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ.

ޒިނޭގެ ޝަރުއީ މިންގަނޑުން ފިރިހެނުންގެ މައްޗަށް ކުށް ސާބިތުކުރުމަކީ ނާދިރު ކަމެކެވެ. އެއީ ޒިނޭ ކުރަނިކޮށް ހަތަރު ފިރިހެނުންނަށް ފެނުން ނުވަތަ ޒިނޭ އަށް އަމިއްލަ އަށް އިއުތުރާފުވުން އެއީ ވުމަށް ވުރެ ނުވުން ގާތް ކަމަކަށް ވާތީ އެވެ. މި ސަބަބާ ހުރެ މުޅިންހެން ޒިނޭގެ ކުށުގެ އަދަބު އަންހެނުންނަށް ލިބެނީ އެވެ. އެއީ ޒިނޭކޮށް ބަލިވެ އިނދެ ވިހެއުމުން އިއުތިރާފްވާތީ އެވެ. އެކަމަކު ޒިނޭކުރި ކަމަށް އިންކާރުކުރާ ނަމަ ޒިނޭގެ ދައުވާއެއް އަންހެން މީހާގެ މައްޗަކަށް ވެސް އިތުރު ހެއްކެއް ނެތި ނުކުރެވެ އެވެ. ކުރިމަތިވެގެން މި އުޅޭ މައްސަލާގައި ދައުލަތުން ދައުވާކުރި މާއްދާ ގެނައީ، ޒިނޭގެ އަމަލުގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނުނަސް ހަމައެކަނި އަންހެން މީހާ އަށް އަދަބު ލިބެމުން ދިއުން ހުއްޓުވައި ކުށްކުރާ ފިރިހެނުންނަށް ވެސް އަދަބު ދެވޭނެ ފަސޭހަ ގޮތެއް އޮންނަންޖެހޭތީ، ގާނޫނުލްއުގޫބާތު އަލުން އެކުލަވާލިއިރުގެ ވާހަކަތަކުން އެނގެ އެވެ.

ދެން މީހުން ސުވާލުކުރަނީ، ފިރިހެން މީހާ އިންކާރުކުރި ކަމުގައި ވިޔަސް ޑީއެންއޭ ދިމާވާތީ ފިރިހެން މީހާ ދޮގު ހަދާކަން އެނގޭކަމަށް ބުނެ އެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހައްދެއް މީހެއްގެ މައްޗަށް ގާއިމުކުރުން ހުއްދަވަނީ ޒައްރެއްގެ މިންވަރު ވެސް ޝައްކު ނެތް ހާލަތުގަ އެވެ. ޑީއެންއޭ އަކީ ވަރަށް ޔަގީންކަން ބޮޑު ޓެސްޓެއް ނަމަވެސް 100 ޕަސެންޓް ޔަގީނެއް ނޫނެވެ. އިލްމީ ގޮތުން ކުރިއަރައި ޑީއެންއޭ ފަދަ ގަރީނާތައް ލިބެން ހުރި އިރު އޭގެ އަނެއްކޮޅުން، އަންހެނަކާއި ފިރިހެނަކު ދުވަހަކު ދިމާނުވެ ވެސް އެ ދެ މީހުންގެ ދަރިއަކު އުފަންކުރެވޭ ހާލަތަށް މެޑިކަލް ކަންކަން ވެސް ވަނީ ކުރިއަރައިގެން ގޮސްފަ އެވެ.

އެކަމަކު މީގެ މާނަ އަކީ ޑީއެންއޭ އަށް ބަލައިގެން ކުށެއް ސާބިތު ނުކުރެވުމެއް ނޫނެވެ. އިސްލާމީ ޝަރީއަތުގެ ހައްދުތައް ނޫން އެހެން ކަންކަމުގައި ޑީއެންއޭ އަށް ބިނާކޮށް ހުކުމް ކުރެ އެވެ. އެއީ ކުށާ ގުޅިގެން ލިބިފައި ހުންނަ ހެކިތަކާއި ގަރީނާތައް ގުޅުވާލައި، ހަމަ ބުއްދި އަށް ގަބޫލުކުރެވޭ ވަރަށް ކުށް ސާބިތުކޮށްގެންނެވެ. އެކަމަކު ހައްދުގެ އަދަބުތަކަކީ އަހަރެމެން ހެއްދެވި ފަރާތުގެ ހައްގު އެކުލެވިގެންވާ ކަންކަމަށް ވާތީ، އަހަރެމެން އިންސާނުން ހަދާ ގާނޫނުތަކުގެ ދަށުން އެ ކުށްތައް ސާބިތު ނުކޮށް ޝަރީއަތުގައި އޮތް ގޮތަށް އަމަލުކުރަނީ އެވެ.

ގާނޫނުގައި "ޒިނޭ" އޭ އޮތަސް މިހާރު މި އޮތް މައްސަލާގައި ދައުލަތުން އުޅުނީ ޑީއެންއޭ އިން ހައްދުގެ ކުށެއް ސާބިތުކުރާކަށް ނޫނެވެ. ޒިނޭކޮށް ދަރިން އުފަންކޮށް، އަންހެން މީހާއަށް އެކަނި ކުށުގެ އަދަބާއި މުޖުތަމައުގެ ލަދާއި ތަދު އުފުލަން ޖައްސައި ފިރިހެނުން ރެކިގަނެގެން އުޅޭތީ އެފަދަ މީހަކަށް އަދަބެއް ދޭށެވެ. ދައުލަތުން ދައުވާކުރި ގާނޫނުގައި "ޒިނޭކުރުމުގެ ކުށް" އެހެން ނަމެއްގައި އޮތް ނަމަ އުފެދޭނެ އެއްވެސް ސުވާލެއް ނެތެވެ.