23 ޑިސެމްބަރ 2020 - 23:30

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓްކުރި 2،455 މީހުންގެ ތެރެއިން 13 މީހަކު އެބައްޔަށް ޕޮޒިޓިވްވި އިރު 23 މީހަކު އެ ބަލިން ރަަނގަޅު ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ދެމެދު ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ހަތް މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަނެއް ހަ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ވެސް ހިންގަމުން އަންނަ ރިސޯޓްތަކުގައި ތިބި މީހުންނެވެ. މާލެ ފިޔަވައި މީހުން އުޅޭ އެހެން ރަށަކުން ކޮވިޑަށް ޕޮޒިޓިވްވީ އެކަކެވެ.
ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 23 މީހަކު މިއަދު ރަނގަޅުވި އިރު، ރާއްޖޭން އެބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލައަކީ މިހާރު 12،983 އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 13،537 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 499 އެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި މީހުންގެ ތެރެއިން ވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެމީހަކު ވަނީ ދޫކޮށްލައިފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު ރާއްޖޭގައި މިހާރު ހުރީ އެއް ޕަސެންޓުގަ އެވެ.
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިދީފަ އެވެ. އެގޮތުން ގިނަ ބަޔަކު އެއްވެގެން ހަފްލާތަކާއި ޖަލްސާތައް ބާއްވަން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.