24 ޑިސެމްބަރ 2020 - 08:33

އަންނަ މަހުގެ 20 ގައި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވަޑައިގަންނަވާ އިރު ރައީސްގެ ރަސްމީ ޓްވިޓާ އެކައުންޓް ފަށާނީ އެއްވެސް ފޮލޯވަރަކާ ނުލައި ސުމަކުން ކަމަށް ޓްވިޓާ އިން ބުނެފި އެވެ.
ޓްވިޓާ އިން ބުނި ގޮތުގައި ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވައި ވަޑައިގަންނަވާ ވަގުތުން ފެށިގެން އެ ތަނާ ގުޅުން ހުރި ހުރިހާ ޓްވިޓާ އެކައުންޓެއް އަލުން ސާފުކޮށް ކުރީގެ ފޮލޯވަރުން ދުއްވާލައި، އާ ވެރިކަމުން ބޭނުންކުރާނީ މުޅިން ސާފު އެކައުންޓްތަކެވެ.
އެގޮތުން ޕޯޓަސް އާއި ފަސްޓްލޭޑީ އަށް ހާއްސަ އެކައުންޓް ފްލޯޓަސްގެ އިތުރުން ވައިޓް ހައުސް އެކައުންޓާއި ނައިބު ރައީސްގެ އެކައުންޓާއި ޕްރެސް ސެކްރެޓަރީ އެކައުންޓްގެ އިތުރުން ކެބިނެޓް އެކައުންޓް ވެސް ޖެނުއަރީ 20 އިން ފެށިގެން އަލުން ބޭނުން ކުރާނީ އެއްވެސް ފޮލޯވަރަކާ ނުލަ އެވެ. މިކަން ބައިޑަންގެ ޓީމަށް މިހާރު ޓްވިޓާ އިން އަންގާފައިވާ ކަމަށް ބައިޑެންގެ ޑިޖިޓަލް ޑިރެކްޓަރު ރޮބް ފްލެހާޓީ ވެސް ވިދާޅުވި އެވެ.
އެހެންވެ ބައިޑެން އާއި ނައިބު ރައީސާ ކަމަލާ ހެރިސްގެ ދައުރު ފެށޭނީ ވައިޓް ހައުސްއާ ގުޅުން ހުރި ޓްވިޓާ އެކައުންޓްތަކަށް އަލަށް އަންނަ ފޮލޯވަރުންނާ އެކީގަ އެވެ.
ބަރަކް އޮބާމާގެ ވެރިކަމުގެ ދެ ދައުރު ނިމި މިހާރު ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތް އިރު ޕޯޓަސް ޓްވިޓާ އެކައުންޓް ހަވާލުކުރީ ކުރީގެ ފޮލޯވަރުންނާ އެކީގަ އެވެ. މި ފަހަރު މި ގެންނަ ކަހަލަ ބަދަލެއް އޭރު ނުގެނެ އެވެ.
މިހާރު ޕޯޓަސް އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދަކީ 33.2 މިލިއަނެވެ.
ޓްރަމްޕްގެ އަމިއްލަ ޓްވިޓާ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 88.5 މިލިއަނަށް އަރަ އެވެ. ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ މިދިޔަ ހަފުތާގައި ވަނީ ޓްރަމްޕް ފޮލޯކުރުން ހުއްޓާލައިފަ އެވެ.