ބޮޑު މޮޅަކާ އެކު ޗެލްސީ ލީގުގެ އެއް ވަނަ އަށް
ބޮޑު މޮޅަކާ އެކު ޗެލްސީ ލީގުގެ އެއް ވަނަ އަށް

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ޗެލްސީ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

ބޮޑު މޮޅަކާ އެކު ޗެލްސީ ލީގުގެ އެއް ވަނަ އަށް
ބޮޑު މޮޅަކާ އެކު ޗެލްސީ ލީގުގެ އެއް ވަނަ އަށް

ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-1 އިން މިޑްލްސްބަރާއާ އެއްވަރުވެ ލީގުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް އާސެނަލާއި ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް 10 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. މިރޭ ކުޅޭ މެޗުތަކުން އާސެނަލާއި ލިވަޕޫލް މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އެބައޮތެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ތަރި ބެލްޖިއަމްގެ އެޑެން ހަޒާޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ލަނޑު ޖެހީ މާކޮސް އަލޮންސޯ އާއި ޑިއޭގޯ ކޮސްޓާ އަދި ޕެޑްރޯ ރޮޑްރިގޭޒެވެ.

ރޭގެ މެޗަކީ ލީގުގައި ޗެލްސީ ޖެހިޖެހިގެން މޮޅުވި ފަސް ވަނަ މެޗެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިއީ ލީގުގެ ވަރުގަދަ ޓީމެއް އަތުން ހޯދުނު ބޮޑު މޮޅެއް ކަމަށެވެ.

"އެވަޓަން އަކީ ލީގުގެ ވަރުގަދަ ޓީމެއް. އެ ފަދަ ޓީމެއް ކޮޅަށް ފަސް ލަނޑުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން. ލީގުގެ އެއް ވަނަ އަށް އެރުމަކީ މިހާތަނަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ. ބޭނުމީ މި ގޮތުގައި ކުރިއަށްދާން،" ކޮންޓޭ ބުންޏެވެ.

ރޭ މިޑްލްސްބަރާ ކޮޅަށް ސިޓީ އަށް ލީޑު ނަގައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީ އަށް ލިބުނު މި މެޗުގެ ނަތީޖާ މިޑްލްސްބަރާ އިން އެއްވަރުކުރީ އިތުރު ވަގުތުގަ އެވެ. މިޑްލްސްބަރާގެ ލަނޑު ޖެހީ މާޓެން ޑެ ރޫން އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބާންލީ ވަނީ 3-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް 1-1 އިން އެއްވަރުވިއިރު، ސަންޑަލެންޑް ވަނީ 10 ކުޅުންތެރިންނާ އެކު 2-1 އިން ބޯންމައުތު ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.