ވަގުތީ ރިމާންޑް ސެންޓަރު ގުޅިފަޅުގައި
ވަގުތީ ރިމާންޑް ސެންޓަރު ގުޅިފަޅުގައި

މާލޭގެ މަގުތަކުގައި ނިދާ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭން ނިންމި ގުޅިފަޅު، ވަގުތީ ރިމާންޑް ސެންޓަރަކަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިޝަތު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، ބޯހިޔާވަހިކަމެއް ނެތި މަގުތަކާއި އާއްމު ތަންތަނުގައި ނިދާ މީހުންނަށް ގުޅިފަޅުން ހިޔާވަހިކަން ފޯރުކޮށްދޭން ނިންމި ކަމަށެވެ. އެކަމަކު އެ ނިންމުން ބަދަލުކޮށް ރިމާންޑް ސެންޓަރެއްގެ ގޮތުގައި އެތަން ހަމަޖެއްސުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރިމާންޑް ސެންޓަރަކީ މީގެ ނުވަ އަހަރު ކުރިން ތަންފީޒުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ތަނެކެވެ. އެ ސެންޓަރުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް 18 މަހުގެ ތެރޭގައި ފަސް ވައްތަރެއްގެ މަރުކަޒު ގާއިމްކުރަންޖެހެ އެވެ. އެކަމަކު އޭގެ ބައެއް މަރުކަޒުތައް ވުޖޫދަކު ނެތެވެ.

ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން، ރިމާންޑް ސެންޓަރަށް ގެންދާނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ސެންޓަރުގައި ބައިތިއްބައިގެން އަސާސީ ފަރުވާދިނުމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމައްޗާއި އާއްމު ތަންތަނުން ގިނައިން ފެންނަމުން ދަނީ އެފަދަ މަރުކަޒެއް ނެތުމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރުމަށް ފަހު ވެސް ގިނަ ފަހަރަށް ޖެހެނީ އެ މީހުން ދޫކޮށްލާށެވެ. އެއާއެކު، އަނެއްކާ ވެސް އެކަމުގެ ތެރެއަށް ވަދެގެން ދެ އެވެ.

މަގުމަތީގައި ނިދާ މީހުންގެ ތެރެއިން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް އަންނަނީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސް ކޭމްޕުން ވެސް ފަރުވާ ދެމުންނެވެ. އައިޝަތު ވިދާޅުވީ މަގުމަތިން މިހާތަނަށް 60 މީހުން ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 99 ޕަސެންޓް މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން ކަމަށް ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ރިމާންޑް ސެންޓަރާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ނިންމުމަށް ފަހު، އެންމެ ލަސްވެގެން ވެސް އަންނަ މަސް ނިމުމުގެ ކުރިން އެތަން ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ. މިހާރު ކުރަމުން އަންނަނީ މުވައްޒަފުން ހޯދުމުގެ މަސައްކަތެވެ.