23 ޑިސެމްބަރ 2020 - 12:42

އޭޑީކޭގެ ގަންނަ މާޓުގެ ހާއްސަ އެޕް މެދުވެރިކޮށް ބޭހަށް އޯޑަކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ބުރުޒު މަގުގައި ހުންނަ ގަންނަ މާޓުން މިދިޔަ އޮގަސްޓް މަހު ލޯންޗުކުރި ހާއްސަ އެޕްގައި މިހާރު ހިމެނޭ ފަސޭހަތައް ބޭނުންކޮށްގެން ބޭސް ސިޓީ އަކާ ނުލާ ގަނެވޭނެ ފަދަ ބޭސްތައް ލިބޭނެ ކަމަށް، އޭޑީކޭ އިން ބުންޏެވެ.
އެޕް ބޭނުންކޮށްގެން ލިބޭ ބޭސްތަކުގެ ތެރޭގައި ޕެނަޑޯލް އާއި ހީޓް ސްޕްރޭ އާއި މައުތު ވޮޝް ފަދަ ތަކެތި ހިމެނެ އެވެ. ބޭހުގެ އިތުރުން ކާތަކެއްޗާއި ކައްކަން ބޭނުންވާ ތަކެއްޗާއި ކުޑަކުދިންނަށް ބޭނުންވާ ބައެއް އެއްޗެހި ވެސް އެ އެޕް މެދުވެރިކޮށް އޯޑަރުކުރެވޭނެ އެވެ.
މި ހާއްސަ އެޕުން އެއްޗަކަށް އޯޑަރުކުރުމަށް ފަހު ޓްރެކްކުރުމުގެ އިތުރުން، ޑެލިވަކުރަން ހާއްސަ ގަޑިއެއް ބޭނުން ނަމަ އެ ގަޑިއެއް ވެސް ސެޓްކޮށްލެވެ އެވެ.
ގަންނަ މާޓުގެ މި އެޕް، އެޕަލް ސްޓޯ އާއި ގޫގުލް ޕްލޭ އިން ޑައުންލޯޑްކުރެވޭނެ އެވެ.
މި އަހަރުގެ މާޗު ފަހުކޮޅު ނެރުނު ރެޕް ލަވަޔަކާ ގުޅިގެން ގަންނަ މާޓު އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި އެވެ. ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރާ ހިސާބަށް ދިޔަ އިރު އެ ފިހާރައިން ނެރުނު އެ ލަވާގައި އެދުނީ "އެންމެން ގޭގައި ތިބުމަށެ"ވެ. މި ލަވަ ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.