24 ޑިސެމްބަރ 2020 - 08:37

ކާމިޔާބު ފިލްމުތަކެއް ގެނެސްދީ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު މަދޫރް ބަންޑާކަރް "އިންޑިއާ ލޮކްޑައުން" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައިފި އެވެ.
މި ފިލްމުގެ ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މިހާރު ކާސްޓުން ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"އިންޑިއާ ލޮކްޑައުން" ގައި ކިޔައިދޭނީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގައި މާޗް މަހު އިއުލާންކޮށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އުވައިލި ލޮކްޑައުންގެ ތެރޭގައި ކުރިމަތިލާން ޖެހުނު އުނދަގޫތަކާއި ތަކުލީފުތަކުގެ ވާހަކަ އެވެ.
މަދޫރަކީ އަބަދު ވެސް އޭނާގެ ފިލްމުތައް ހަގީގީ ހާދިސާތަކަށް ބިނާކޮށް ގެނެސްދޭ ޑައިރެކްޓަރަކަށްވާތީ މި ފިލްމު ވެސް ވެގެންދާނީ ވަރަށް ޝައުގުވެރި ފިލްމަކަށެވެ.
"ފެޝަން" އާއި "ޗާންދުނީ ބާ" އާއި "ހިރޮއިން" އާއި "ޓްރެފިކް ސިގްނަލް" އާއި "ކޯޕަރޭޓް" އަދި "ކެލެންޑާ ގާލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.
މަދޫރް މިދިޔަ އަހަރު "އިންސްޕެކްޓަރު ގާލިބް" ކިޔާ ފިލްމެއް ވެސް އިއުލާންކުރި އެވެ. ވެލީގެ ވަގު ވިޔަފާރި އަށް ބިނާކޮށް ހަދަން ނިންމި އެ ފިލްމުގެ ވާހަކަ ފަހުން އެއްވެސް ވަރަކަށް ނުދެކެވެ އެވެ.