23 ޑިސެމްބަރ 2020 - 10:15

ޓިއުރިން (ޑިސެމްބަރު 23) – އެކަކު މަދުކޮށް ކުޅެ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 3-0 އިން ބަލިވެ ޗެމްޕިއަން ޔުވެންޓަސް މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.
މިއީ ޔުވެންޓަސް އަށް އިއްޔެ ކުރިމަތިވި ދެ ވަނަ ނާކާމިޔާބެވެ. އިޓާލިއަން ލީގުގައި އޮކްޓޫބަރު 4 ވަނަ ދުވަހު އެ ޓީމާ ދެކޮޅަށް ނަޕޯލީން ކުޅެން ހާޒިރުނުވުމުން އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް އިޓަލީގެ އޮލިމްޕިކް ކޮމިޓީން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.
ކޮވިޑުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ހުއްދައެއް ނެތް ކަމަށް ބުނެ ނަޕޯލީ ހާޒިރުނުވުމުން ޔުވެންޓަސް އަށް ދިން ތިން ޕޮއިންޓް އަތުލައި އެ މެޗު އަލުން ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެއާ އެކު ޔުވެންޓަސް މިހާތު އޮތީ 24 ޕޮއިންޓާ އެކު ތާވަލިގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި 31 ޕޮއިންޓާ އެކު އޮތް އޭސީ މިލާން މިރޭ ލާޒިއޯ އަތުން މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ފަރަގު 10 ޕޮއިންޓަށް ބޮޑުވާނެ އެވެ. އަނެއްކޮޅުން ރޭ ޔުވެންޓަސް ބަލިވުމާ އެކު، ޔޫރަޕުގެ ބޮޑު ފަސް ލީގުގައި މެޗަކުން ބަލިނުވެ މިހާރު އޮތީ ހަމައެކަނި މިލާނެވެ.
ތާވަލުގެ ދެ ވަނައިގައި 30 ޕޮއިންޓާ އެކު އިންޓަ އޮތްއިރު މިރޭ ހެލަސް ވެރޯނާ އަތުން މޮޅުވެގެން އެ ޓީމަށް ވަނީ ޔުވެންޓަސްއާ ފަރަގު ބޮޑުކުރެވޭނެ އެވެ. ތާވަލިހެ ތިން ވަނައިގައި މިހާރު އޮތީ 24 ޕޮއިންޓާ އެކު ނަޕޯލީ އެވެ. ޔުވެންޓަސް މެޗަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުން އެ ޓީމު އަތުން އަތުލި އެއް ޕޮއިންޓް މިހާރު ވަނީ އަނބުރާ ލިބިފަ އެވެ. އެ ޓީމުން މިރޭ ނުކުންނާނީ ޓޮރިނޯއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޑުއާން ވްލަހޮވިޗް އެ ޓީމަށް ކުރި ހޯދައިދިނެވެ. ޔުވެންޓަސް އަށް މައްސަލަ ދިމާވީ 18 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އަދި 76 ވަނަ މިނެޓުގައި އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑުން ފިއޮރެންޓީނާގެ ލީޑު ފުޅާވި އެވެ. ފިއޮރެންޓީނާގެ ތިން ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ މާޓިން ސަސެރެސް އެވެ.