ހާއްސަ ދުވަސްތައް ފާހަގަކުރަނީ ޒިންމާތައް ހަނދާންކުރަން: އެޑިއުކޭޝަން މިނިސްޓަރު
ހާއްސަ ދުވަސްތައް ފާހަގަކުރަނީ ޒިންމާތައް ހަނދާންކުރަން: އެޑިއުކޭޝަން މިނިސްޓަރު

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީ އުފެއްދިތާ 88 އަހަރު ފުރުން ފަދަ ހާއްސަ ދުވަސްތައް ފާހަގަކުރަނީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކުރުމުގެ ބޭނުމުގައި ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ހާއްސަ ދުވަސްތައް ފާހަގަކުރަނީ ޒިންމާތައް ހަނދާންކުރަން: އެޑިއުކޭޝަން މިނިސްޓަރު
ހާއްސަ ދުވަސްތައް ފާހަގަކުރަނީ ޒިންމާތައް ހަނދާންކުރަން: އެޑިއުކޭޝަން މިނިސްޓަރު

އެ މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރަން ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަގާމުގައި ހޭދަކުރާ މަދު ދުވަސްކޮޅުގައި އާ ރޫހަކާއި އަޒުމަކާ އެކު މަސައްކަތް ކުރުމަކީ ވެސް، އެފަދަ އަހަރީ ދުވަސްތައް ފާހަގަކުރުމުގެ މުހިއްމު ސަބަބެއް ކަމަށެވެ.

"ބައެއް މީހުން ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަނީ އަލުން، އެ ކައިވެނީގެ ވައުދުތަކަށް ކޮމިޓްވުމަށް. އެ އަހުދުތަކަށް އިހްތިރާމްކުރުމަށް ކަނޑައެޅުމަށް. އެހެންކަމުން މިރޭ، ތައުލީމީ މަހަކްމާއަށް 88 އަހަރު ފުރޭ ދުވަސް އަޅުގަނޑުމެން ފާހަގަކުރަންވީ މި ނިޔަތުގައި، ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކަށް އަލުން އާ އަޒުމަކާ އެކު ކޮމިޓްވުމަށް،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

މި ހަފުލާގައި އޭނާ ވަނީ ރާއްޖޭގެ ތައުލީމީ ތާރީހުގެ ބައެއް ކަންކަން ވެސް ހިއްސާކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 88 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިނުދޭ ކަމަށް ބައެއް މީހުން ހީކުރިއަސް އެއީ ކުށް ހީއެކެވެ. ރާއްޖޭގައި ނުކިޔަވައި ދިޔަ ދުވަސްވަރެއް ނާންނަކަން ތާރީހީ އެކި ފޮތްތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެޗްސީޕީ ބެލްގެ ފޮތުގައި، ސަރުކާރުން މާލޭގެ ހަތަރު އަވަށުގައި ހަތަރު އެދުރުގެ ހަދައި އެ ތަންތަނުގައި ޓީޗަރުން ބައިތިއްބައި ކީރިތި ޤުރުއާން ކިޔަވައިދޭން ފެށިކަން އެނގެން އޮތް ކަމަށް، ވިދާޅުވި އެވެ. އަދި އޭގެ ކުރިން މާލޭގައި ނެވިކަން ކިޔަވައިދޭ ތަންތަން ހުރިކަން ވެސް، ބައެއް ދާއިރާތަކުން ދިވެހިން އިލްމު އުނގެނަމުން އައިކަމުގެ މިސާލެއް ދައްކަވަމުން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެޗްސީޕީ ބެލް އެންމެ ފަހުން މާލެ ވަޑައިގަތީ 1922 ވަނަ އަހަރެވެ.

އޭގެ ކުރިން 1836 ގައި ޔަން އެންޑް ކްރިސްޓޮޕަ ލިޔުނު ބަޔާނުގައި ވެސް ރާއްޖޭގައި އެދުރުގެ ހުންނަ ކަމަށް ބުނެފައިވެ އެވެ.

"މިކަންކަމުން އެނގެނީ، ރާއްޖޭގައި އުނގަންނައިދިނުމުގެ ކަންތައްތައް ވަރަށް ކުރިއްސުރެ ކުރިއަށް ގެންގޮސްފައިވާކަން. އެހެންކަމުން، 88 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދިނުން އޮތް. އަދި ސަރުކާރުގެ ފަރާތުން އެންމެ ލަސްވެގެން 17 ވަނަ ގަރުނުގައި އިސްކަންދަރު ރަސްގެފާނު، ދައުލަތުގެ އެދުރުގެއެއް ހުޅުވާ ދެއްވާފައިވޭ،" ތައުލީމީ ދާއިރާގެ ތާރީހުން ބައެއް ހިއްސާކުރައްވަމުން ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުލީމަކީ ކިޔަވައިދިނުމުގެ ހިޔާލުގެ ތެރޭގައި ހިމެނޭ ކަމަކަށް ވިއަސް އެއްޗެއް ކިޔަވައިދިނަސް އެ ކަމެއް ނޭނގިދާނެ ކަމަށެވެ. އަދި އެއްޗެއް އޮޅުންފިލުމަކީ އޮޓަމެޓިކުން ވާކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކަމުގެ ތަފާތު، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރާ އެންމެންގެ ވިސްނުމުގައި ވެސް ބަހައްޓަން ވާނެ އެވެ.

"މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވަނީ، އަހަރީ ދުވަސް އައުމުން އުފެދޭ އުފާވެރިކަމާއި ފަހުރުވެރިކަމުގެ ޝުއޫރުތަކާ އެކު، މުވައްޒަފުން ކުރި މަސައްކަތް މުހިއްމުވަނީ ކީއްވެގެންކަމާ މެދު ފިކުރު ހިންގާލައި، ވުޒާރާ ކުރިއަށްދާނެ މިސްރާބު ކަނޑައަޅަން ރަނގަޅު އިރުވަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ރޭގެ ހަފުލާގއި ހަނދާނީފިލާ ވެސް ދިނެވެ.