ބިގް ބޮސް 14: ވިކާސް އަލުން ގެނެސް، ކަޝްމީރާ ބޭރަށް
ބިގް ބޮސް 14: ވިކާސް އަލުން ގެނެސް، ކަޝްމީރާ ބޭރަށް

ކަލާޒްގެ "ބިގް ބޮސް 14" ގައި މިފަހަރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ޝޯއިން ބޭރުކޮށްލާ ބައެއް ބައިވެރިން އަލުން ޝޯ އަށް ގެނެސްގެން އުފައްދާ ޑްރާމާ އެވެ.

މިހާރު މި ވަނީ އަނެއްކާ ވެސް މީގެ ހަފުތާއެއް ކުރިން ޝޯ އިން ބޭރުކޮށްލި ބައިވެރިއަކަށް އަލުން ފުރުސަތު ދީފަ އެވެ. އެއީ ވައިލްޑް ކާޑުގެ ދަށުން މި ފަހުން ފުރުސަތު ދިން ހަ ބައިވެރިންގެ ތެރޭގައި ހިމެނޭ އަރްޝީ ޚާނާ ދެމެދު ހިނގި ކޯޅުންގަނޑެއް ހޫނުވެ އޭނާ ޕޫލްގެ ތެރެއަށް ކޮއްޕައި ވައްޓާލި ވިކާސް ގުޕްތާ އެވެ.

އޭނާ އަންގާރަ ދުވަހުގެ އަލުން ޝޯއާ ގުޅިފައިވާ އިރު އަނެއްކާ ވެސް ދެން ބެލުންތެރިންނަށް އެންމެ ބޮޑަށް ފެންނާނެ ކަމަށް ބެލެވެނީ މި ދެ މީހުންގެ ކޫސަނި ޒުވާބުގަނޑެވެ. ވިކާސް ޝޯއިން ބޭރުކޮށްލި ހާދިސާ އަށް ފަހު، މި ހަފުތާގެ "ވީކެންޑް ކާ ވާރު" ގައި "ބިގް ބޮސް" ގެ ހޯސްޓް ސަލްމާން ޚާން ވަނީ އަރުޝީ އަށް ހޫނު ހަމަލާތަކެއް ދީފަ އެވެ.

ސަލްމާންގެ މި ވާހަކަތަކާ ގުޅިގެން އަރުޝީ ވަރަށް ހިތްހަމަނުޖެހިގެން ޝޯ ދޫކޮށް ދާން ވެސް އުޅުނެވެ. އޭނާ އަކީ ކުރިން "ބިގް ބޮސް 11" ގައި ވާދަކުރި ބައިވެރިއެކެވެ.

މީގެ ކުރިން ވެސް މި ޝޯގެ ދެ ސީޒަނެއްގައި ހިއްސާވެފައިވާ ވިކާސް އަލުން މި ފަހަރުގެ ސީޒަނަށް ވެއްދި އިރު، ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު ކަޝްމީރާ ޝާހް މި ހަފުތާގައި ވަނީ ޝޯއިން ކަޓައިގެން ގޮސްފަ އެވެ. އޭނާ އަކީ ސޮނީ ޓީވީން ދައްކާ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ ކުޅޭ ކޮމިޑިއަން ކްރުޝްނާ އަބީޝެކްގެ އަންހެނުންނެވެ.

މިހާރު "ބިގް ބޮސް 14" ގައި ތިބި ބައިވެރިންނަށް ބަލާ އިރު ނިކީ ތަމްބޯލީ އާއި ރާހުލް ވައިދިޔާ އަކީ ވެސް ޝޯގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ދެވަނަ ފުރުސަތެއް ލިބުނު ބައިވެރިންނެވެ. ނިކީ އަށް ކުރިން ޝޯއިން ވަކިވާން ޖެހުނީ ބެލުންތެރިންފެ ދަށް ވޯޓާ އެކީގަ އެވެ. ރާހުލް އަކީ އާއިލާމަތިންވެ "ހޯމްސިކްވެގެން" ޝޯ އިން އަމިއްލަ އަށް ބޭރުވި ބައިވެރިއެކެވެ. އޭނާ އަށް އަލުން ފުރުސަތު ދިނީ މިދިޔަ ހަފުތާގަ އެވެ.

މީގެ އިތުރުން ޝޯގައި ވާދަކުރާ އަލީ ގޯނީ އަކީ ވެސް ވައިލްޑް ކާޑުގެ ދަށުން ފުރުސަތު ލިބި، ކަޓައިގެން ދިއުމުން އަލުން ފުރުސަތު ލިބުނު ބައިވެރިއެކެވެ.

މި ފަހަރުު ސީޒަން ފެށީއްސުރެ ވާދަކުރާ ބައިވެރިންނަކީ ރުބީނާ ދިލައިކާއި ފިރިމީހާ އަބީނާވް ޝުކްލާ އާއި ޖޭސްމިން ބާސިނާއި އިޖާޒް ޚާނެވެ.

ރާކީ ސާވަންތާއި މަނޫ ޕަންޖާބީ އަދި ރާހުލް މަހާޖަނަކީ ވައިލްޑްގެ ކާޑްގެ ދަށުން ފުރުސަތު ލިބުނު ބައިވެރިންނެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވައިލްޑް ކާޑްގެ ދަށުން އަނެއްކާ ވެސް އިތުރު ބައިވެރިއަކަށް ފުރުސަތު ދީފައިވާ ކަމެވެ. އެއީ ސިޔާސީ ދާއިރާ އިން ވެސް ފެނުނު ސޮނާލީ ޕޯގަޓެވެ. ކުރިއަށް ހުރި އެޕިސޯޑްތަކުން އޭނާގެ ޑްރާމާގަނޑު ވެސް ފެންނާނެ އެވެ.