06 ނޮވެމްބަރ 2016 - 06:39

ގެލަކްސީ ނޯޓް 7 ގައި މައްސަލަޖެހި ގެއްލުތަކެއް ވެއްޖެ އެވެ. ބެޓެރީ މާ ބޮޑަށް ހޫނުވެ، ގޮވައި ބަޔަކަށް އަނިޔާވިކަން ވެސް ކަށަވަރުވެއްޖެ އެވެ. އެހެން ނަމަވެސް، އެ މައްސަލައިގެ ބާވަތާއި ތަފުސީލު އަދި ޔަގީނެއް ނުވެ އެވެ.
ނޯޓް 7 އަނބުރާ ކުންފުންޏަށް ރައްދުކޮށްދިނުމަށް ސެމްސަންގުން އާދޭސް ވެސް ކޮށްފި އެވެ. ހެޔޮ ބަދަލެއް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެވަރުން ވެސް، ރައްދުނުކޮށް ނޯޓް 7 އެބަ ބޭނުންކުރެ އެވެ. ރެކޯޑްތަކުން ސެމްސަންގަށް އެކަން އެނގެ އެވެ.
ނޯޓް 7 ބޭނުންކުރާ މީހުންނަށް މިހާރު އޮތީ ދެ ގޮތުން ކުރެ ގޮތެކެވެ؛ ނޯޓް 7 ބޭނުންކުރުމުގައި ދެމި ތިބުމެވެ. ސެމްސަންގުން ފޮނުވާ އަޕްޑޭޓްތަކުން އުނދަގޫނުވާ ނަމަ އެވެ. ނޯޓް 7 އަށް ގެނުވާ ބަދަލުތަކަށް ކެތްކުރެވޭ ނަމަ އެވެ. ސެމްސަންގުން ދައްކާ ވާހަކަތަކުން ދޭހަވާ ގޮތުގައި، އެއްގޮތަކަށް ވެސް ބޭނުންނުކުރެވޭ ވަރަށް ނޯޓް 7 ބްލޮކްކުރުން ވެސް ހިމެނެ އެވެ.
ފުރަތަމަ ބަދަލަކީ ބެޓެރީ 60 ޕަސެންޓަށް ވުރެ އިތުރަށް ޗާޖްވިއަ ނުދިނުމެވެ. އަނެއް ކަމަކީ އިރުއިރުކޮޅާ ސްކްރީނަށް، ނޮޓިފިކޭޝަނެއް ގޮތުގައި، މެސެޖެއް އެރުވުމެވެ. ނޮޓިފިކޭޝަންގައި ސީދާ ބުނާ އެއްޗެއް އަދި ނޭނގެ އެވެ. އެކަމަކު ފޯނު އަނބުރާ ހަވާލުކުރަން ހަނދާންކޮށްދޭނެ ކަމަށް ވެ އެވެ.
ގެލަކްސީ ނޯޓް 7ގެ ބެޓެރީ 60 ޕަސެންޓަށް ވުރެ އިތުރަށް ޗާޖުނުކުރަން ސެމްސަންގުން ކުރިން ވެސް ނަސޭހަތްތެރި ވި އެވެ. އެއީ ބެޓެރީ ހޫނުވާން ދިމާވަނީ މާ ގިނައިރު ޗާޖުކުރުމުން ކަމަށް ބެލެވޭތީ އެވެ.
ބެޓެރީ ޗާޖްކުރެވޭ ނިސްބަތް ސޮފްޓްވެއާ އަޕްޑޭޓަކުން ބަދަލުކުރި ނަމަވެސް އެއީ ނޯޓް 7 ގައި އުޅޭ މައްސަލަ އަށް އޮތް ހައްލެއް ނޫނެވެ. ސެމްސަންގުން ވެސް އެހެނެއް ނުބުނެ އެވެ.
ނޯޓް 7 އަށް ސޮފްޓްވެއާ އަޕްޑޭޓް ފޮނުވާނެ ވަކި ތާރީޚެއް ސެމްސަންގުން އަދި ނުބުނެ އެވެ. ބެލެވޭ ގޮތުގައި ފުރަތަމަ އަމާޒަކީ އެމެރިކާ އެވެ. އެހެން ބައްރުތައް އެ އަށް ފަހު އެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ނޯޓް 7 ގެންގުޅޭ ނަމަ ބަދަލު ހޯދަން މަސައްކަތްކުރުމެވެ. ސެމްސަންގުން އެކި ގޮތްގޮތަށް ބަދަލުދޭއިރު، ނެރެން ހުރި ފޯނުތަކުން ފޯނެއް އިޚުތިޔާރުކުރުމަށް ފުރުސަތު ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.