ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މަސައްކަތް ފެށިތާ 48 ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލައި ފިލްމުގެ ކާސްޓާއި ކްރޫ ވަނީ އެކަން ފާހަގަ ވެސް ކޮށްފަ އެވެ. "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ ޖޯޑު އެކީގައި ފެންނާނެ ފިލްމެކެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމުގައި އަޔޫޝްމަން ކުޅެފައި ވަނީ އެތުލީޓެއްގެ ރޯލެވެ. ވާނީގެ ކެރެކްޓާ އަކީ ޓްރާންސްޖެންޑާއެކެވެ.

"ރޮކް އޯން" އާއި "ކައި ޕޯ ޗޭ" އަދި "ފިތޫރު" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވި "ކޭދަރުނާތު" އެވެ.

"ޗަންދީގަޅް ކަރޭ އާޝިގީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ރޯލުން އެކްޓަރު ވިވެކް އޮބެރޯއީ ދެއްކި ހުނަރަށް މަހާރަޝްތުރާއިން ހާއްސަ އެވޯޑެއް ދީފި އެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކުރި ފިލްމުގައި ވިވެކް ދެއްކި އެކްޓިން ފާހަގަކޮށް ދީފައި ވަނީ ސަރްވޯތަން ސައްމާން އެވޯޑެވެ. އަންގާރަ ދުވަހު ބޭއްވި ހަފުލާއެއްގައި އެ އެވޯޑް ވިވެކާ ހަވާލުކޮށް ދެއްވީ މަހާރަޝްތުރާ ސްޓޭޓްގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ޚޯޝިޔާރެވެ. އެވޯޑާ ބެހޭ ގޮތުން ވިވެކް ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިލްމެއްގައި މޯދީގެ ރޯލު ކުޅެން ލިބުމަކީ ކެރިއަރުގައި ވެސް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ބަތަލާ ރަކުލް ޕްރީތު ސިންގް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ އަށް ކޮވިޑް ޖެހުމާ ގުޅިގެން މިހާރު ހުރީ ބަލިން އެއްކޮށް ފަސޭހަވަންދެން އައިސޮލޭޝަނުގަ އެވެ. ހިންދީ ފިލްމީތަކުގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާ އަށް ކޮވިޑް ޖެހުނީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ" ގެ ޝޫޓިން ވެސް ކުރިއަށް ދަނިކޮށެވެ.

އެ ފިލްމުގައި ރަކުލް ކުޅެނީ ޕައިލެޓެއްގެ ރޯލެވެ. ރަކުލް އަކީ އަޖޭއާ އެކު 2018 ގެ "ދޭ ދޭ ޕިޔާރު ދޭ" ކުޅުނު ބަތަލާ އެވެ.

ނޭހާ ކައްކަރާއި ފިރިމީހާ ރޯހަންޕްރީތު ސިންގް އެކީގައި ކުޅުނު ދެވަނަ ލަވަ "ޚަޔާލް ރައްކާ ކަރް" ދައްކާލައިފި އެވެ.

ދެމަފިރިންގެ އަޑުން ކިޔައި، ވީޑިއޯ ވެސް ކުޅެފައިވާ ލަވަ ގެނެސް ދީފައި ސްކޫލް ދައުރުގައި އުފެދުނު ގުޅުމަކާ އެކު ދެ މީހެއްގެ އުމުރު އެކީގައި ހޭދަކުރާ ގޮތެވެ. އެގޮތުން ލަވައިގައި ނޭހާ އާއި ރޯހަންގެ އެކި ދައުރުތައް ދައްކުވައި ދީފައިވެ އެވެ.

ރަޖަތު ނަގްޕާލް މިއުޒިކް ހެދި ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ އަގާމް މާން އާއި އަޒީމް މާން އެވެ. ލަވައިގެ ކޮންސެޕްޓާއި ސްކްރީންޕްލޭން ރޭވީ ނޭހާ އެވެ.

"ޚަޔާލް ރައްކާ ކަރް" އަކީ ކައިވެންޏަށް ފަހު ނޭހާ އާއި ރޯހަން އެކީގައި ފެނިފެން ދިޔަ ފުރަތަމަ ލަވަ އެވެ.