23 ޑިސެމްބަރ 2020 - 09:56

ލަންޑަން (ޑިސެމްބަރު 23) - އިންގްލެންޑުގައި ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިންއެއް ފެތުރޭތީ އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ކްލަބްތަކުގެ ކުޅުންތެރިން ހަފްތާ އަކު ދެ ފަހަރު ކޮވިޑަށް ޓެސްޓްކުރަން ނިންމައިފި އެވެ.
އިންގްލެންޑުގައި މިދިޔަ މަހު އިއުލާނުކުރި ލޮކްޑައުން މުއްދަތު މި މަހު ދޭކަށް ހަމަވިއިރު އޭރު ވަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެން ލުއިދިނުމުގެ އުސޫލުތަކެއް އާންމުކޮށްފަ އެވެ. އެ އުސޫލުގެ ތެރެއިން އެކި ކެޓަގަރީތަކުގައި ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑުތަކަށް ވަންނަން ހުއްދަ ވެސް ދިނެވެ.
އެކަމަކު ފަހުން މި ފެނުނު ކޮވިޑްގެ އާ ސްޓްރެއިންގެ ސަބަބުން އިނގިރޭސި ސަރުކާރުން ވަނީ ހަތަރު ވަނަ ކެޓަގަރީއެއް އެކުލަވާލައިފަ އެވެ. އެއީ ވައިރަހުގެ އާ ސްޓްރެއިން އެންމެ އާންމު ސަރަަހައްދުތަކަށެވެ. މި ވަގުތަށް ބަލާއިރު އެ ސަރަހައްދުގައި ހިމެނެނީ ޕްރިމިއާ ލީގުގައި ކުޅޭ ލަންޑަނަށް ނިސްބަތްވާ ކްލަބްތަކެވެ. އެއީ ޗެލްސީ، އާސެނަލް، ޓޮޓެންހަމް، ވެސްޓް ހޭމް ޔުނައިޓެޑް، ކްރިސްޓަލް ޕެލަސް އަދި ފުލަމް އެވެ.
މިދިޔަ މާޗް މަހު ކޮވިޑްގެ ނުރައްކާ ބޮޑުވެ އިނގިރޭސި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލުމަށް ފަހު ޕްރޮޖެކްޓް ރީސްޓާޓް ނަމުގައި އަލުން ފުޓްބޯޅަ ހަރަކާތްތައް ފައްޓަން އެކުލަވާލި މަގު ޗާޓުގެ ތެރެއިން އަލުން މެޗުތައް ފެށީ 100 ދުވަހަށް ފަހު މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު އުސޫލުގައިވާ ގޮތުން ކޮންމެ ކްލަބެއްގެ ވެސް ހަފްތާ އަކު އެއް ފަހަރު ކޮވިޑަށް ޓެސްޓްކުރާނެ އެވެ. އަދި ޔޫރަޕްގައި ކުޅޭ ޓީމުތަކުން އެ މުބާރާތުގެ މެޗުތަކުގެ ކުރިން ޓެސްޓުކުރާނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވައިރަހުގެ އާ ވައްތަރުގެ ސަބަބުން މިހާރު ހާލަތު ގޯސް ސަރަހައްދުތަކުގައި ޓެސްޓްކުރުން އިތުރުކުރަން އިނގިރޭސި އެފްއޭ އިން ނިންމީ ސަރުކާރުގެ ލަފަޔާ އެކު އެވެ.
ކޮވިޑް ޖެހިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް މިހާތަނަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ. ހާލަތު ގޯސްވެގެން މިހާތަނަށް ޝެޑިއުލަށް ބަދަލެއް ގެންނަން ޖެހުނީ ނިއުކާސަލް ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކަކާއި އޮފިޝަލުންތަކަކަށް ބަލި ޖެހުމުންނެވެ.