ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑް-19 އަށް ޓެސްޓުކުރި 2،404 ސާމްޕަލް އިން 23 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 14 މީހުން ކަމަށެވެ. އަދި ރަށްރަށުން ދެ މީހަކާއި ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވި ކަމަށް ވެސް ބުންޏެވެ.

މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ 509 މީހުންގެ ތެރެއިން 41 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންނާ އެކު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 13،524 އަށް އެރީ އެވެ. މިހާތަނަށް 12،960 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ. މި ބަލި ޖެހުނު 48 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު ރާއްޖޭގައި މިހާރު ހުރީ އެއް ޕަސެންޓުގަ އެވެ. އާންމުކޮށް ދުވާލަކު 20 ވަރަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވާ އިރު، އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެންމެ އަށް މީހުންނެވެ. އެއީ މި ބަލި މާލެތެރޭގައި ހަލުއިކޮށް ފެތުރެން ފެށިފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވި އެއް ދުވަހެވެ.