ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ތިންދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

މި ރަސްމިއްޔާތުގައި އެ ރަށުގައި ބަނދަރު ތަރައްގީ ކުރުމަށް ހާއްސަކޮށްފައިވާ ބިން ވަނީ ރަމްޒީކޮށް އެމްޕީއެލް އާ ހަވާލުކޮށްފަ އެވެ. މި ބިން އެމްޕީއެލްއާ ހަވާލުކޮށްދެއްވީ ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު އެވެ. އެގޮތުން މި ޕޯޓު ތަރައްގީ ކުރުމަށް އެ ރަށުން 108،000 އަކަފޫޓުގެ ބިމެއް ވަނީ އެމްޕީއެލް އަށް ދީފަ އެވެ.

އެމްޓީސީސީއާއެކު ވި މި އެއްބަސްވުމުގެ ދަށުން 4500 ކިއުބިކް މީޓަރު ސަރަހައްދުގެ ފަޅު ފުން ކޮށް ބިން އެއްވަރުކޮށް، ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެއިނޭޖު ގާއިމް ކުރާނެ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން މި ފިޔަވަހީގެ ދެވަނަ ބައިގެ ދަށުން ގުދަނެއް ހެދުމާއި އެޑްމިނިސްޓްރޭޓިވް ބިލްޑިން އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލު ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓަށް ބޭނުންވާ މުހިންމު މެޝިނަރީ އަައި ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި ތިނަދޫ ރީޖަނަލް ޕޯޓު ވެސް އޮޕަރޭޓްކުރާނީ އެމްޕީއެލްގެ ދަށުން ހިންގާ ހދ. ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓާ އެއްގޮތް މެނޭޖްމެންޓް މެކޭނިޒަމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ މަގުސަދަކީ ސްޓޭޓް ޝިޕިންގެ ވެސެލްއަށް ހިދުމަތް ދެވޭނެ ވަރަށް ވަސީލަތްތައް ގާއިމް ކުރުން. އަދި މާލެއިން ޓްރާންސިޓްކޮށް ގެނެވޭ ކާގޯއިން ވެސް ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމް ކުުރުން،" ޝާހިދު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުންޏާ ހަވާލު ކުރާ ހުރިހާ މަސައްކަތެއް ވެސް ތާރީހަށް ނިންމާނެ ކަމަށެވެ. އެހެންކަމުން ޕޯޓުގެ މަސައްކަތް ވެސް 45 ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.