ފަލީހަތް
ފަލީހަތް

އާދިއްތަ އާ ގުޅޭ

މަނާރަތުގެ ކެހިވެރި ރޭވުމެއް ވެސް ޒިޔާނަކަށް އޭރަކު ނުވިސްނެއެވެ. ލޯބީގެ ކިތައް މާނަ އޮންނަ ކަމާއި، ކިތައް ސަބަބު ހުންނަކަން ވެސް ޒިޔާންގެ ސަމާލުކަމަކަށް ނާދެއެވެ. މަނާރަތުގެ ލޮލުން އަރަމުން ދިޔަ ދަޅަޔަށް ހެއްލެމުން، ޒިޔާންގެ ކަރަށް މަހައިފައިވާ މަޅިޔަށް ބާރުވަމުން ދިޔައީ ޒިޔާނަށް ހިލަމެއް ވެސް ނުވެއެވެ.

ޒިޔާނަށް ލިބުނު ޗުއްޓީ ދުވަހު ގޭގައި ބުރަކޮށް މަސައްކަތްތަކެއް ކުރަމުންދިޔަ ވަގުތެކެވެ. މެންދުރަށް ކެއްކުމުގައި ދީމާ އަވަދިނެތި އުޅުނެވެ. ދެ ކުދިން ތިބީ ޓީވީ ބަލާށެވެ. ކަރަންޓު މަސައްކަތް ކުރަން ކޮންމެވެސް ވަރަކަށް ޒިޔާނަށް އެނގެއެވެ. އެކަމަކު ދޮންނަ މެޝިނު ރޫޅައިލުމަކީ ކުރިން ޒިޔާން ކުރި ކަމެއް ނޫނެވެ.

"ވޮޝިން މެޝިން ހަދާ ތާކަށް ގެންދަންވީނު!" ކައްކަން ހުރި ދީމާ ލަފާދިނެވެ.

"ވަކި މޮޅުތަކެއް ވާނެ؟" ޗޮކެއްކަނޑައިލަމުން ޒިޔާން ބުންޏެވެ. "ހަމަ ތަޅުވަމުން ތަޅުވަމުން ގޮސް އެ މީހުން ވެސް ދަސްކުރާނީ. ދީމާ ހާސްކަނޑާލާ! ކޮންމެ ކަމެއް ވެސް ފުރަތަމަ ކުރާނީ އަލަކަށްނު! އާ ކަންކަން ޓްރައި ކުރަން ޖެހިލުންވެގެން ނުވާނެ."

"ތިހެން އުޅެމުން ގޮސް އަލަށް މީހަކާ.." ދީމާގެ ވާހަކަ އެ ހިސާބުން ހުއްޓައިލިއެވެ. "އެ ހުސްވީ ގޭސް."

ގޭސް ގެންނަން ފޯނުކުރަން ދީމާ ބަލައިލި އިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ޒިޔާންގެ ފޯނެވެ. ޒިޔާން ގާތުގައި ނުވެސް ބުނެ ޒިޔާންގެ ފޯނު ނެގިއެވެ. ފޯނުގައި އިނގިލި ޖައްސައިލުމާއެކު އެރީ ޕިން ނަންބަރު ޖަހާށެވެ. ޒިޔާންގެ ފޯނަކީ، ފެށުނީއް ސުރެ ވެސް ތަޅުނުލާ ފޯނެކެވެ. ކުއްލިއަކަށް ފޯނުގައި ބޮޑުތަޅު އަޅުވަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހިތާހިތުން ދީމާ ސުވާލު އުފެއްދިއެވެ. އެކަމަކު އެ ސުވާލެއް ނުކުރެއެވެ. ފޯނު ބާއްވައިފައި ދީމާގެ ފޯނު ނެގިއެވެ. ގޭސްފުޅި ގެންނަން ގުޅިއެވެ. ކުރާނެ އެހެން ކަމެއް ނެތުމުން ސޯފާގައި އިށީނދެލިއެވެ. އެހެނަސް ދީމާގެ ހިތް އެއް ސުވާލު ތަކުރާރު ކުރަމުން ގެންދިޔައެވެ. ޒިޔާންގެ ފޯނު ތަޅުލަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ނުކޮށް ދީމާ ހުންނަން ވެދާނެ ހެއްޔެވެ؟

"އެންމެ ނުބައި ގަޑީގަ ގޭސް ހުސްވާނީ." ދީމާ ފޫހިވެފައި ބުނެލިއެވެ. "ދެން މި ގަޑީގަ މަ ކީއްކުރާނީ؟ ކޮބާ މަ ކުޅޭ ގޭމު؟"

ދީމާ ކުއްލިއަކަށް ޒިޔާންގެ ފޯނު ނެގިއެވެ. ދީމާ ބުނި އެއްޗެއް ޒިޔާނަކަށް ނީވެއެވެ. ޒިޔާން ހުރީ އޭނަ ކުރަމުންދިޔަ މަސައްކަތަށް ގެއްލިފައެވެ.

"އަހަނ!" ވަރަށް އާދައިގެ ރާގެއްގައި ދީމާ ބުނެލިއެވެ. "ފޯނު މި އޮތީ ލޮކްކޮށްފަ!"

ޒިޔާން ކުއްލިއަކަށް ބަލައިލިއެވެ. އެ ވަގުތު ޒިޔާނަށް ލިބުނު ސިހުމުން ދީމާ އެތަކެއް މާނައެއް ތަރުޖަމާ ކުރިއެވެ.

"އާނ! ޖީބަށް ލާފަ އޮއްވާ މީސްމީހުންނަށް ގުޅޭތީ ލޮކްކުރީ،" ޒިޔާން ބުނީ ގަބޫލުކުރެވޭ ކަހަލަ އުޒުރެކެވެ. "ހުރެ ދީމާއަށް އެ ގޭމު އަޅައިދޭނަން."

ދީމާގެ ހިތް ދެވަނަ ސުވާލެއް އުފެއްދިއެވެ. ފޯނުގެ ފާސްބަސް ބުނުމުގެ ބަދަލުގައި ގޭމު އަޅައިދޭން ޒިޔާން ނިންމީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ވެސް ދީމާ އުފައްދަންވީ ހެއްޔެވެ؟ ދީމާއަކީ ފިރިމީހާއަށް ދުވަހަކު ވެސް ޝައްކު ކުރި އަންބެއް ނޫނެވެ. އެއީ ކުރެވުނު ރަނގަޅު ކަމެއް ބާއޭ ވެސް އެ ދުވަހު ދީމާ ހިތަށްއެރިއެވެ.

ފުލުސްއޮފީހުގައި މުނިފޫހިފިލުވާ ޖަގަހައެއް ހުރެއެވެ. ރާޒުވާއާއި، ޑާޓާއި، ބިލިޔަޑާއި، ކަރޯކޭ ވެސް އެ ތަނުގައި އޮވެއެވެ. އާންމު ގޮތެއްގައި، އޮފިސަރުންނާއި ވެރިން ފެންވަރުގެ މީހުން އެ ތާކަށް ނުވަދެއެވެ. އެކަމަކު މަނާރަތަކީ، އެ ކަހަލަ ކަންކަމުގައި އަމިއްލަ އުސޫލުތަކެއް ގެންގުޅޭ ވެރިޔެކެވެ. ހާއްސަކޮށް ޒިޔާން ބިލިޔަޑް ކުޅެން ހުރެއްޖެއްޔާ މަނާރަތު އާދެއެވެ. ކުޅުމުގައި ބައިވެރިވެއެވެ. މަނާރަތު ބިލިޔަޑަށް މޮޅެވެ. އެންމެ ފަހަރަކު ވެސް ބައްޔެއް ނުވެއެވެ.

"މަނާ ކުޅޭލެއް ހާދަ ޕްރޯއޭ!" ތައުރީފުގެ ރާގެއްގައި ޒިޔާން ބުންޏެވެ. "އެކަމަކު ވަރަށް ސްލޯ!"

ވަގުތަކީ ތަނުގައި އެހެން މީހަކު ނެތް ގަޑިއެކެވެ. އާދައިގެ ބަހުރުވައިން ޒިޔާން ވާހަކަދެއްކީ އެހެންވެއެވެ.

"އަހަރެން ކޮންމެ ކުޅިވަރެއް ވެސް ކުޅެނީ ވަރަށް ވިސްނައިގެން،" ބޯޅަތަކަށް ބަލަމުން މޭޒު ވަށައިގެން ހިނގަމުން މަނާރަތު ބުންޏެވެ. "ވަރިހަމަ ޗެސް ވިޔަސް. ޑްރޯ ވެދާނެ. ބަލިވާނީ ހަމަ ހާލަކުން ފަހަރަކު."

"ރާޒުވާ ކުޅޭކަށް އަހަންނަކަށް ނޭނގެ،" ޖަވާބުގައި ޒިޔާން ބުންޏެވެ. "މަނާ ކޯޗެއް އެންމެ މޮޅަށް ކުޅެނީ؟"

އެ ސުވާލުގެ ޖަވާބުގައި މަނާރަތު ހިނިތުންވެލިއެވެ. ލާނެތް ވައްތަރެއް މޫނަށް ޖައްސައިލިއެވެ.

"ފީކޯއި!" އެހެން ބުނެފައި މަނާރަތު ހީނގަތެވެ.

ވަރުބަލިވެގެން އަހުސަން މައިނޭވާ ލަމުން ގެންދިޔަ އިރު ވެސް ޒިޔާންގެ މޫނަކުން ވަރުބަލިކަމުގެ އަސަރެއް ނުފެނެއެވެ. ގަޑިން ރޭގަނޑު ހަތްގަޑި ބައިވާން ދެތިން މިނެޓު ހުއްޓެވެ. ދުވުން ނިންމައިލުމަށް ޓަކައި ދެ މީހުން ވެސް މިސްރާބު ހިފާފައި ހުރީ އިންޖީނުގޭ ބިއްދޮށުގައި އޮންނަ ފަތާ ސަރަހައްދާ ދިމާއަށެވެ. ކޮންމެ ރެޔަކު ވެސް ވަކި ހިސާބަކުން ރޭސްޖެހުމަކީ ދެ އެކުވެރިންގެ އާދައެކެވެ. ބޭނުން ނަމަ އަހުސަނަށް ވުރެ ކުރިން ޒިޔާނަށް ރޭސް ނިންމުނީހެވެ. އެކަމަކު ޒިޔާން ނިންމީ އަހުސަނާ އެއްކޮށެވެ. އަހުސަން ކަކުލުގައި އަތް އަޅައިގެން ފުން ނޭވާތަކެއް ލިއެވެ.

"ތީ.. ވަރުބަލި ވެސް.. ވާ މީހެއް.. ނޫންތަ؟" އަހުސަން އެހިއެވެ.

"އަދި ނުވޭ ގާތް ވެސް،" ވަރަށް ހަމަޖެހިލައިފައި ޒިޔާން ބުނެލިއެވެ. "ހިނގާ އެރެމާ!"

ވާހަކަ ނުދެއްކިގެން އަތުގެ ހަރަކާތުން އިހަށް މަޑުކޮށްލާށޭ އަހުސަން ބުންޏެވެ. ޒިޔާން ކަސްރަތު ކުރަން ފެށިއެވެ.

"ކަލޭ ކިހިނެއްތަ.. ތިހާ ފިޓީ؟" އަހުސަން ސުވާލުކުރިއެވެ. "އެ ވަރަށް ދުވެފަ އަދި ޕުޝަޕް ވެސް ހެދޭތަ؟"

"ކޮންމެ ޑިޕާޓުމަންޓެއްގަ އުޅުނަސް އަހަރުމެންނަކީ ޕޮލިހުން. ފިޓުވާން ޖެހޭނެ،" ދެ އަތުގެ ބަދަލުގައި އެއް އަތަށް ބަދަލުކޮށްލަމުން ޒިޔާން ޖަވާބުދިނެވެ. "ހީވޭ ކަމެއްހެން؟"

"އާނ!" ހިންދަމައިލަމުން އަހުސަން ބުންޏެވެ. "ހީވޭ ކަމެއްހެން. ކުރީ ރޭ ބިލިޔަޑްކުޅެން ތިބި ގޮތުން އަހަންނަކަށް ނުކެރުނު އެތެރެއަށް ވަންނާކަށް ވެސް."

ޒިޔާން ހެމުންހެމުން ތެދުވިއެވެ. މަނާރަތާއި ޒިޔާނާ ދެމެދުގައި އޮންނަ ގުޅުމުގެ ވާހަކައަކީ، ކޮންމެކޮންމެ މީހަކާ ޒިޔާން ހިއްސާ ކުރާނެ ވާހަކައެއް ނޫނެވެ.

"ހިނގާށޭ އެރެމާ!" އެހެން ބުނެފައި ޒިޔާން މޫދަށް ފުންމައިލިއެވެ.

ފަހަތުން އަހުސަން ވެސް ފުންމައިލިއެވެ. ފަތަމުން ގޮސް ޒިޔާނާ އަރާ ހަމަކުރިއެވެ.

"ހެޔޮ ނަސޭހަތެއް މި ދެނީ،" އަހުސަން ބުންޏެވެ. "މަނާރަތަކީ މަނާރަތުކަން ދަނެގެން އުޅޭތި! އެތުގެ ވެސް ފެންނާނީ އެހެން ދަތެއް. ކާނީ އެހެން ދަތަކުން. މަނާރަތަކީ ވެސް ދެ ސިފަ ގެންގުޅޭ އަންހެނެއް. ބޮސް ވިޔަސް ކަން އޮތް ގޮތަކަށް ބުނެވޭނީ. ޕަރުވާނާއެއްހެން ގޮސް އޭގަ ޖެހިގެން ނާނދާތި! މަ ބުނާނެ ވާހަކައެއް ނެތް. އަހަރެން ދަންނަ އެތައް ބަޔަކު މިހާރު ވެސް އެ މަޅީގައި ޖެހިއްޖެ! ތަންތަނުގަ ޖަހާފަ އޮވެއެއްނު ވަނުން މަނާ. މި ދައްކަނީ މަނާރަތުގެ ވާހަކަ. ދެން ވިސްނާ މަނާ ވާނެ ވަރު."

"ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަރެން މަނާރަތަކާ ނުބާއްވަން،" ޒިޔާން ދެނަހުރި ކަމަށް ވެސް ނުހެދިއެވެ. "އަހަންނަކީ މީހެއްގެ ފިރިޔެކޭ! ބަސްއަހާ ފިރިޔެއް. މަނާރަތަކީ އަހަރެންގެ ބޮސް. ދި އެންޑް!"

އަހުސަނަށް ކޮންމެ ޖަވާބެއް ދިން ނަމަވެސް، އަހުސަން ދިން ނަސޭހަތާ މެދު ޒިޔާން ވިސްނިއެވެ. މަނާރަތަކީ އަހުސަން އެ ބުނާ ކަހަލަ އަންހެނެއް ހެއްޔެވެ؟ ޒިޔާނަކަށް ގަބޫލެއް ނުކުރެވެއެވެ. ޒިޔާންގެ ނަޒަރުގައި އަހުސަނަކަށް މަނާރަތެއް ނޭނގެއެވެ. އެނގޭހާ ގާތުން މަނާރަތު ދަސްކުރަން އަހުސަނަކަށް ފުރުސަތެއް ނުލިބެއެވެ. ޒިޔާނަށް ލިބެއެވެ. އިތުރަށް މަނާރަތު ދަސްކުރިއެވެ.

ޒިޔާނަށް އެނގުނު ގޮތުގައި، މަނާރަތަކީ ނުފޫޒު ގަދަ އާއިލާއެއްގެ މުއްސަނދި އަންހެންކުއްޖެކެވެ. ޒަވާޖީހަޔާތް ދެ ފަހަރަށް ފަށައި، ނާކާމިޔާބު ވެފައިވާ އަންހެނެކެވެ. ދަރިޔަކު ނެތެވެ. އެކަމަކު ދައުވަތު ބައިވަރެވެ. ފަސްމީރު ކުރި ރުކެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ތަނަވަސްކަމާއި، ނުފޫޒާއި، ކާމިޔާބާއި، ރީތިކަން ހުންނާނީ ހުސްހަށިބައި ކިތައް އަންހެނުންގެ ހެއްޔެވެ؟ އޮފީހާއި ބޭރުތެރެއިން މަނާރަތަށް ފިރިހެނުން ކަޅިއަޅަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަކު، ނާކާމިޔާބު ދެ ކައިވެންޏަށް ފަހު، މަނާރަތުގެ ހަމަ އެކަނި މަގުސަދަކަށް ވެފައި ވަނީ ދިރިއުޅުމުގައި ކާމިޔާބު ހޯދުމެވެ. ވަޒީފާގެ ކުރިއެރުމެވެ. ތަރިޔަކަށް ފަހު ތަރިޔެކެވެ. ކުލަޔަކަށް ފަހު ކުލައެކެވެ. ފިރިހެނުންގެ "ހާސަރުތަކަށް" މަނާރަތަކަށް ވަގުތެއް ނެތެވެ. ސަމާލުކަމެއް ނުވަތަ ޝައުގުވެރިކަމެއް ވެސް ނެތެވެ. އަހުސަން ދެއްކި ވާހަކައާއި މަނާރަތުގެ ހަގީގީ ދިރިއުޅުމާ ދެމެދު ގުޅުމެއް އޮތް ކަމަކަށް ޒިޔާނަކަށް ސާބިތެއް ނުވިއެވެ. ޒިޔާން ކަމެއް ނިންމަނީ ފެންނަ ހެކިތަކަށް ބިނާކޮށެވެ. ޒިޔާންގެ ވަޒީފާއަކީ ވެސް އެއީއެވެ. ހެތްކެއް ނުފެނުނު ނަމަ، ޒިޔާންގެ ނަޒަރުގައި އެއީ ނުވާ ކަމެކެވެ. ނެތް އެއްޗެކެވެ.

ހަވާލުކޮށްފައިވާ މަސައްކަތް ނިންމައިލައިފައި ޒިޔާން ގެއަށް ދާން ނުކުތް އިރު ގަނޑިން ރޭގަނޑު ބާރަޖަހަން ހުރީ ފަނަރަ މިނެޓެވެ. މުޅި ދުވަހު ލެބޯޓަރީގައި އުޅުނީތީ، ކުޑަކޮށް ބޯ ހަމަޖައްސައިލަން ޒިޔާން ސައިކަލު އަނބުރައިލީ އިރަށެވެ. ޝަހީދު ހުސެއިން އާދަމް އިމާރާތުން ކާނިވާ ސަރަހައްދާ ދިމާއަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން ހިތަށް ފިނިކަން ހޯދަމުން، މަޑުމަޑުން ދުއްވައިފައި ދަނިކޮށް ޒިޔާންގެ ލޮލުގައި، ފާލަމުން ލޯންޗަކަށް އެރި އަންހެނެއް އަޅައިގަތެވެ. ޒިޔާނަށް ފެނުނީ ފުރަގަހުންނެވެ. އޭނަ ލައިގެން ހުރީ މަނާރަތު ލާ ކަހަލަ ހެދުމެކެވެ. އިސްކޮޅާއި ރޫފަ ވެސް މަނާރަތާ ދިމާވެއެވެ. ދަންވަރު އެ ގަޑީގައި، ކުލަ ހެދުމުގައި މަނާރަތު ދާން އޮންނާނީ ކޮން ތަނެއްބާއޭ ޒިޔާން ހިތަށްއެރިއެވެ. ސައިކަލު މަޑުކޮށްލައިފައި މަނާރަތަށް ޒިޔާން ގުޅައިލިއެވެ. އޭރު އެ ލޯންޗު ނައްޓައިލައިފިއެވެ. މަނާރަތު ފޯނެއް ނުނަގައެވެ. ކުއްލިއަކަށް ފޯނު ކަނޑައިލިއެވެ.

"ނިދަނީ..." މަނާރަތު ފޮނުވި މެސެޖުގައި އޮތެވެ.

ޒިޔާންގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެވެ. ޒިޔާނަށް ފެނުނީ މަނާރަތު ނޫންކަން ޔަގީންވީމައެވެ.

ނުނިމޭ