22 ޑިސެމްބަރ 2020 - 14:27

ވ. ރަކީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
މަސައްކަތުގެ 64 ޕަސެންޓް ނިމިފައި ވާއިރު އޭގެ ތެރޭގައި ހިމެނޭ ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
މި މަޝްރޫއުގެ ދަށުން، 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކޮށް، މިހާރު ބޭނުންކުރަމުން އަންނަ ނެރު 100 ކިއުބިކް މީޓަރު ފުންކުރާނެ އެވެ. އަދި 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 594 އަކަމީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވާ މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަސައްކަތްކުރަން ފެށީ މި މަހުގެ ޖޫން މަހު އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫއު އާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއުތައް ވެސް އަންނަނީ ހިންގަމުންނެވެ.