"ވިސްނާ"ގެ ނަމުގައި އިދިކޮޅުން މާލޭގައި ޖަލްސާއެއް ބާއްވަނީ
"ވިސްނާ"ގެ ނަމުގައި އިދިކޮޅުން މާލޭގައި ޖަލްސާއެއް ބާއްވަނީ

"ވިސްނާ"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެ ކޯލިޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ހުއްދައެއް ނުލިބެ އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް އެއްވުން ބޭއްވުމުގެ ހުއްދަ އަށް މީގެ ކުރިން ވެސް އެދުނު ކަމަށެވެ. އެކަމަކު މި ފަހަރު އެ ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގައުމުގެ ހާލަތާ މެދު ހުރިހާ އެންމެން ވެސް ވިސްނަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ރޭގަނޑު 8:30 ގައި ބާއްވާ ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެދިފަ އެވެ.

ޝުޖާއު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި އުސޫލުގެ ދަށުން މާލޭގައި ސިޔާސީ ހަރަކާތްތައް ބޭއްވޭއިރު އެފަދަ ހަރަކާތްތަކަށް އެޗްޕީއޭގެ އިތުރު ހުއްދައެއް ބޭނުންވާނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. ހަމައެކަނި ބޭނުންވަނީ ކާނިވާ ސަރަހައްދު ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުން ކަމެއް ކުރަން ރާވާއިރު އެޗްޕީއޭއިން އަބަދު ވެސް ހުރަސްތައް ކުރިމަތިކުރުވިއަސް ކޮވިޑަކީ ސަރުކާރަށް ވިއްކޭނެ އެއްޗެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރި އުސޫލުގެ ދަށުން ސިޔާސީ ހަރަކާތްތަކަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެކަމަކު ރަށްރަށުގައި ބައްދަލުވުންތައް ބާއްވާ ނަމަ އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށުގައި ވާޗުއަލް ޖަލްސާތަކެއް ވެސް ވަނީ ފަށައިފަ އެވެ. ޅ. ނައިފަރުގައި މިރޭ، އަންނަ ހޮނިހިރު ދުވަހު ގއ. ވިލިނގިލީގައި އިދިކޮޅުގެ ޖަލްސާއެއް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ