ޕާޓީގައި ކޮވިޑް ފެތުރުނު ކަމަށް ބެލެވެނީ އެންމެ މީހަކު ފަރުވާ ކުޑަކޮށްލުމުން
ޕާޓީގައި ކޮވިޑް ފެތުރުނު ކަމަށް ބެލެވެނީ އެންމެ މީހަކު ފަރުވާ ކުޑަކޮށްލުމުން

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީއަކުން އެތައް ބަަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ އެޗްޕީއޭ އިން ބުނުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ކައިވެނިކުރި މީހުންނަށެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޕާޓީ ބާއްވާތީ އާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ފަރުވާކުޑަކުރާ ކަމަށް ބުނެ އެވެ. އެކަމަކު ކައިވެނިކުރި ދެމަފިރިންގެ ވާހަކަ ތަފާތެވެ. އެ މީހުންގެ ވާހަކައިން ބޮޑަށް ބުރަވެވެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ވިޔަސް އެންމެ މީހަކު ފަރުވާކުޑަކޮށްލުމުން، މި އުފާވެރި ހަފުލާ ހިތާމައަށް ބަދަލުވީ އެވެ.

ކައިވެނިކުރި މީހުންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ސޯޝަލް މީޑިއާގައި މީހުން އެއްޗެހި ކިޔަނީ ތަންދޮރު ނުބަލާ ކަމަށާއި އެއީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލައިގެން ބޭއްވި ޕާޓީއެއް ކަމަށެވެ. އޭނާ ބުނީ ޕާޓީ ބާއްވަން ނިންމީ ވެސް މާލޭގައި ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު ލުއިތައް ދީ، ހަފުލާތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމުން ކަމަށެވެ.

ހަޔާތުގެ އެންމެ އުފާވެރި ދުވަހު އާއިލާ އާއި ރައްޓެހިން ބައިވެރިކުރުމަށް ބޭއްވި ޕާޓީގެ ދައުވަތު ކާޑުގައި ވެސް މާސްކެއް ކުރަހައި، ކޮވިޑުން ރައްކާތެރިވެ ތިބުމަށް ހަނދާންކޮށްދީފައި އޮތެވެ. އަދި އެއްފަހަރާ ގިނަ މީހުން ޕާޓީއަށް ޖަމާވުން ރައްކާތެރިނުވާނެތީ އާއިލާ އާއި ރައްޓެހިންނަށް ދައުވަތު ދިނީ އެކި ވަގުތަށް ބަހާލައިގެން، މީހުން ތޮއްނުޖެހޭނެ ގޮތަށް ބަލައިގެން ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކަމަކު އެ ޕާޓީގެ ސަބަބުން މިހާތަނަށް 41 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ އެންމެ ބޮޑު އެއް ކޮވިޑް ކްލަސްޓާ އަށް ވީ އެވެ. އެއާ އެކު، އަނެއްކާވެސް މާލެ ތެރޭގައި ބަލި ފެތުރުން އިތުރުވެ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ވެސް އާންމުންގެ ތެރޭ އުފެދުނެވެ. ހުރިހާ ރުޅިއެއް ބާލަނީ ޕާޓީ ބޭއްވި މީހުންނަށެވެ.

"ދެމަފިރިން ތިބީ ޝޮކެއްގައި. ގިނަ ބަޔަކު ފާޑު ކިޔައި ހިތަށް އެރި އެއްޗެއް އާއިލާއަށް ގޮވަމުން ދަނީ. ނަމަވެސް ވެޑިން ކާޑުން ވެސް އެނގޭނެ ޕާޓީގައި ތިބެންވާނީ މާސްކް އަޅައިގެންކަން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށްކަން. އެއީ އެތަނަށް ވަންނަ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް،" އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ 120 މީހަކަށް ދައުވަތު ދިން ޕާޓީ ބޭއްވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ވިސްނައިގެން އެގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދެމުން ކަމަށް ވާއިރު ހުން އައިސް ބަލީގެ އަލާމާތްތައް ހުރި މީހަކު ޕާޓީ އަށް އަންނާނެކަމަށް ހީނުކުރާށެވެ. އެހެން ތިއްބާ ކޮވިޑްގެ އެންމެ އާންމު އެއް އަލާމާތް ކަމަށްވާ ހުން ހުރި މީހަކު ޕާޓީ އަށް ދިޔަކަން އެނގުނީ ޕާޓީ ބޭއްވިތާ ހަތަރު ދުވަސް ފަހުންނެވެ.

މިކަން އެނގި އެޗްޕީއޭ އަށް އެންގީ ވެސް ކައިވެނިކުރި ދެމަފިރިން އަމިއްލަ އަށް ކަމަށް އާއިލާ އިން ބުންޏެވެ. އޭނާ ބުނީ ހުމާ ހުރެ ޕާޓީ އަށް ދިޔައީ ކައިވެނިކުރި ދެ މީހުންގެ އާއިލާގެ މީހެއް ވެސް ނޫން ކަމަށެވެ.

މި ރިޕޯޓާ އެކު އެޗްޕީއޭ އިން ޓެސްޓްތައް ހަދައި ބެލި އިރު މިހާތަނަށް 41 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިންނާއި އުމުރުން ދޮށީ މީހުން ވެސް ހިމެނެ އެވެ. އެޗްޕީއޭ އިން ބުނީ މީގެ ތެރޭގައި ހައި ރިސްކް މީހުން ވެސް އެބަތިބި ކަމަށެވެ. އެކަމަކު ކައިވެނިކުރި ދެމަފިރިން ކޮވިޑަށް ވަނީ ނެގެޓިވް ވެފަ އެވެ. އެކަމަކު ޕާޓީގައި ބައިވެރިވި އެންމެން ކަރަންޓީނުކުރަން ޖެހި އެ ދެމަފިރިން ވެސް ތިބީ ގޭގައި ކަރަންޓީނުގަ އެވެ.

ކޮވިޑް-19 ފެތުރޭ ގޮތާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބަންދުވެފައިވާ ތަންތަނުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު މާ ބޮޑުވެ އެވެ. މާލޭގައި ކޮވިޑް ފެތުރު ޕާޓީ ބޭއްވި ޝީ ބިލްޑިންގެ އިވެންޓު ހޯލުގައި ހުންނަނީ 2،500 އަކަފޫޓް ކަމަށް އެތަން ކުއްޔަށް ދޫކުރަން ޝީ އިން ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓްތަކުން އެނގެ އެވެ. ބަންދުކަން ބޮޑު އެ ތަނުގައި ރައްކާތެރިކަމަށް ވިސްނައިގެން ބޭއްވި އިވެންޓުން ވެސް އެތައް ބަޔަކަށް ބަލި ޖެހުނީ ވަރަށް ފަސޭހައިންނެވެ. މިހާތަނަށް ބެލެވޭ ގޮތުން ހަމަ އެންމެ މީހަކު ފަރުވާ ކުޑަކޮށްލުމުންނެވެ.