މަސްނުކިރޭ މައްސަލާގައި ފެލިވަރުގައި މުޒާހަރާކުރަނީ
މަސްނުކިރޭ މައްސަލާގައި ފެލިވަރުގައި މުޒާހަރާކުރަނީ

މަހުގެ ދަށްވުމާއި މަސް ނުކިރޭ މައްސަލާގައި ހުރި ހިތްހަމަނުޖެހުންތައް ފާޅުކޮށް، ޅ. ފެލިވަރުގައި ބައެއް މަސްވެރިން މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

ފެލިވަރުގައި ފުރަތަމަ މުޒާހަރާކޮށްފައި ވަނީ ދޯނިތައް ފަޅުތެރޭގައި ބާއްވައިގެން އޭގައި ތިބެގެންނެވެ. އޭރު ފުލުހުން ވަނީ އެ ރަށަށް އެރިޔަ ނުދޭން ފުލުހުންގެ ސަފެއް ދަމާލައިފަ އެވެ. އެކަމަކު މީގެ އިރުކޮޅެއް ކުރިން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފު ފަޅާލައިފައި ރަށު ތެރެއަށް އަރައިފަ އެވެ. އެކަމަކު ހަމަނުޖެހުމެއް ނުހިނގަ އެވެ.

ފުލުހުން ބުނީ، މައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށާއި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަސްވެރިންގެ ޑިމާންޑްތައް:

- މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުން

- ލުއި ފަސޭހަކޮށް ފެލިވަރުން އައިސް ލިބެނޭ ގޮތް ހަމަޖެއްސުން

- މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުންކުރަން ފެށުން

- ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން

މުޒާހަރާ ކުރާ މަސްވެރިން ބޭނުންވަނީ މިކަމަށް ހައްލެއް ހޯދުމަށް މިފްކޯގެ އިސްވެރިންނާ ބައްދަލުކުރާށެވެ. އެކަމަކު އެކަން އަދި ހަމަޖެހިފައެއް ނުވެ އެވެ.